ޢިބްރަތްތެރި ވާހަކަ: ފިރިމީހާގެ ޙަޤީޤީ ލޯބިވެރިއަކީ އަންހެނަކަށް ނުވުމުން ވީދެރައިން ދުވަހަކުވެސް މީހަކު ދެކެ ލޯބިނުވާން ނިންމި އަންހެނަކަށް މާލޯބިވާ މީހަކު ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާގެ ޙަޤީޤީ ލޯބިވެރިއަކީ އަންހެނަކަށް ނުވުމުން ވީދެރައިން ދުވަހަކުވެސް މީހަކު ދެކެ ލޯބިނުވާން ނިންމި އަންހެނަކަށް މާލޯބިވާ މީހަކު ލިބުނު ގޮތުގެ ވާހަކަ-

އަޅުގަނޑަކީވެސް ޢުމުރުން 24 އަހަރުގައި ކައިވެނިކުރި އަންހެނަކީމެވެ. ކައިވެންޏަށް 5 އަހަރުވީއިރު ވަނީ 2 ދަރިން ލިބިފައެވެ. ދިރިއުޅެމުން އައީވެސް އުފާވެރިކަމާއިއެކުގައެވެ. ނަމަވެސް ދިރިއުޅުން ދިއައީ ބިލާހަކަށް ބަދަލުވެގެންނެވެ.  

އަޅުގަނޑަށް ކުރިމަތިވީ ބައިވެރިޔާ އިތުރު އަންހެނަކު ދެކެ ލޯބިވުމުގެ މައްސަލައެއް ނޫނެވެ. އެެހެން އަންހެނަކު ދެކެ ލޯބިވީނަމަ އެކަން ޤަބޫލުކޮށް ދެވަނަ އަންތބެއްގެ ގޮތުގައި އިންނަންވެސް ރުހުނީމުހެވެ. އެއީ ފިރިމީހާދެކެ ލޯބިވާވަރުންނެވެ. ދުވަހަކުވެސް އޭނާ އާއި ވަކިވާން ބޭނުން ނުވާތީއެވެ. 

ބައިވެރިޔާގެ ފޯނުން ފެނުނު ފޮޓޯތަކާއި މެސެޖްތަކުން އަޅުގަނޑަށް އެނގުނީ ފިރިމީހާގެ ޙަޤީޤީ ލޯބިވެރިއަކީ ފިރިހެނަކު ކަމެވެ. އެހިސާބުން ހިތަށްވެރިވެގަތީ ބޮޑު ބިރުވެރިކަމެކެވެ. އެހެންވެ ލޯބިމަތިން މުޅިން ފޫހިވިއެވެ. ދުވަހަކުވެސް އެއްވެސް މީހަކު ދެކެ ލޯބިނުވާން ނިންމީމެވެ. އިތުރު ކައިވެންޏެއްވެސް ނުކުރަން ނިންމައި ވަރިވީމެވެ.  

ވަރިވެ ހައަކަމަސް ވީތަނާ ކުރީގެ އެކުވެރިއަކު ފޯނުކުރަން ފެށިއެވެ. އަޅުގަނޑު ދެކެ ލޯބިވާކަމަށްބުނެ ވާހަކަ ދައްކަން ފެށިއެވެ. އަޅުގަނޑުގެ ފިރިމީހާގެ އެއްވެސް ވާހަކައެއް ކިޔައއެއް ނުދެމެވެ. ނަމަވެސް ކަންކަން ދިމާވިގޮތުން އެއްވެސް މީހަކުދެކެ ލޯބިނުވުމަށާއި އިތުރު ކައިވެންޏެއް ނުކުރަން ނިންމައިގެން ހުރިކަމަށް ބުނީމެވެ.  

އެކަމަކުވެސް އޭނާ ދުލެއް ނުދިނެވެ. ގުޅާވަރަށް ގުޅައެވެ. ޙާލުބަލައެވެ. ބައްދަލުކުރާކަށް ނައުދެއެވެ. އެހެންވެ އޭނާގެ ކިބައިން ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށްބަލައި ވާހަކަދައްކަމުން ގެންދިއައިމެވެ.  

އެގޮތުގައި އަހަރެއްހައި ދުވަސްވީތަނާ އެނގުނީ ކުޑަ ދަރިފުޅުގެ ހިތުގެ މައްސަލައެއް އެބަހުރިކަމާއި ބޮޑު އޮޕަރޭޝަނެއް ކުރަންޖެހޭކަމެވެ. ރާއްޖެއިން އެއޕަރޭޝަން ނުކުރެވޭނެ ކަމާއި ދާންޖެހޭނީ ބޭރަށް ކަމެވެ. އެކަމަށް 20،000 ޑޮލަރުވަރު ޚަރަދުކުރަންޖެހޭނެކަމަށް ބެލެވުނުއިރު އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. ލިބޭ މުސާރައިން ކިރިޔާ އުޅެލެވެނީއެވެ.  

އެހެންވެ ކުރީގެ ފިރިމީހާގެ އެހީތެރިކަމެއް ހޯދަން ބޭނުންވެގެން ގުޅިއިރު އޭނާ ވަނީ ގެކުއްޔަށްދީފައި އޭނާގެ ލޯބިވެރިޔާއާއިއެކު ރާއްޖެ ދޫކޮށް ގޮސްފައެވެ. އެހެންކަމުން އެކަމަށް އޮތްމަގުވެސް ބަންދުވީއެވެ.  

ދެން އެހެން ގޮތެއް ނެތި މާޔޫސްވުމުން އަޅުގަނޑަށް ފޯނުކުރާ އެކުވެރިޔާއަށް ޙާލަތުކިޔައިދިނީމެވެ. އޭނާ އެދުނީ ޑޮލަރު އެކައުންޓް ނަމްބަރު ދިނުމަށެވެ. އެހެންވެ އެކައުންތް ނަމްބަރުދިނީމެވެ. އަނެއްދުވަހު ގުޅާފައި ބުނީ ބޭނުންވާވަރަށްވުރެ އިތުރަށް އެކައުންޓުގައި ފައިސާ ހުންނާނެ ކަމަށާއި އަވަހަށް ގޮސް އޮޕަރޭޝަން ކުރުމަށެވެ.   

އެހިސާބުން އަޅުގަނޑަށް ދެވަނަ ވިސްނުމަކަސްދާން މަޖުބޫރުވިއެވެ. ވާހަކަދައްކާތާ މިހައި ގިނަދުވަސްވީއިރުވެސް ބައްދަލުކުރަން ނުބުނެ ހުރި މީހަކު އެހައި ބޮޑު ހޭދައެއް އަޅުގަނޑަށްޓަކައި ކުރާނީ ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑު ދެކެ ވަރަށް ބޮޑަށް ލޯބިވާތީކަމަށް ޤަބޫލުކުރެވުނެވެ. އެގޮތަށް ވިސްނުމުން އަޅުގަނޑު އަމިއްލައަށް ގުޅާފައި އަޅުގަނޑުމެން ގޮވައިގެން ދަތުރުކޮށްދިނުމަށް އެދޭކަމަށާއި ނަމަވެސް ދަތުރަށް ފުރުމުގެ ކުރިން ކައިވެނިކުރަން ބޭނުން ކަމަށް ބުނީމެވެ.  

އެގޮތަށް އެދުމުން ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ކައިވެނިކޮށްފިއެވެ. ކައިވެނިކުރުމާއިއެކު އަޅުގަނޑުމެން 3 މައިން ގޮވައިގެންގޮސް ދަރިފުޅުގެ ހުރިހާ ކަމެއް ކޮށްދިނެވެ. އެނބުރި އައިސް އެކުގައި އުޅޭތާ މިހާރު 12 އަހަރުވީއެވެ. އޭނާ އަޅުގަނޑަށް ހެޔޮކޮށްހިތާވަރުން ކުރީގެ ފިރިމީހާއަށްވުރެވެސް މާބޮޑަށް މިހާރު އޭނާދެކެ އަޅުގަނޑަށް ލޯބިވެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ ތެދުވެރި ލޯބިން ލޯބިވާނަމަ ކައިވެނީގެ ކުރިން ބައްދައި އޮޅުލަން ނުޖެހޭނެ ކަމަށާއި ޙަޤީޤީ ލޯބިވާނަމަ ކައިވެނީގެ ކުރިން އެފަދަ ގޮތްގޮތަށް ނުއުޅޭނެ ކަމަށެވެ. އެހްން މިބުނަނީ އަޅުގަނށް ކުރެވުނު ތަޖުރިބާއަށް ބަލައެވެ.  

މަރްޔަމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން