ބައިވެރިޔާގެ ކިބައިން ބޭނުންވާ ބައެއް ކަންކަން ފުރިހަމަނުވިޔަސް ތިމާދެކެ ޙަޤީޤީ ލޯބިވާ ބައިވެރިއަކު ލިބިއްޖެނަމަ ވަކިނުވެ އެކުގަ އުޅުނީމާ ކުރާ ފައިދާ މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
ބައިވެރިޔާގެ ކިބައިން ބޭނުންވާ ބައެއް ކަންކަން ފުރިހަމަނުވިޔަސް ތިމާދެކެ ޙަޤީޤީ ލޯބިވާ ބައިވެރިއަކު ލިބިއްޖެނަމަ ވަކިނުވެ އެކުގަ އުޅުނީމާ ކުރާ ފައިދާ މާބޮޑުވާނެ!

އެކި މީހުންގެ ހުންނާނީ އެކި މިޒާޖާ އެކި ޠަބީޢަތެވެ. ވީމާ ފަހަރެއްގައި ދިމާވާ ގޮތަކުން ތިމާ އެންމެ ބޮޑަށް ބޭނުންވާ ބައެއް ކަންކަން ބައިވެރިޔާގެ ކިބައިން ޙާޞިލުނުކުރެވިވެސް ހިނގައިދާނެއެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ބައިވެރިޔާއާއިމެދު ފިޔަވަޅުއަޅަންޖެހޭނީ ވަރަށް ބޮޑަށް ވިސްނައިފައެވެ. އޭނާއަކީ ތިބާދެކެ ޙަޤީޤީ ލޯބިވާ މީހަކުނަމަ ތިބާ ބޭނުންވާ ކަންކަން އެއްފަރާތުގައި ބަހައްޓާށެވެ! އޭނާ ބޭނުންވާ ގޮތަށް އޭނާއާއިއެކު ކުރިއަށް ދިއުމުން ކުރާ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ

ތިރީގައިވާ ވާހަކައިން ޢިބްރަތް ޙާޞިލުކުރައްވާށެވެ! 

އަޅުގަނޑުމެން ދެމީހުން ލޯބިން ގުޅިގެން އުޅުނުއިރުވެސް އޭނާއަކީ ވަރަށް ބަސްމަދު މީހެކެވެ. ދުވަހަކުވެސް ގައިގައި އަތްލާކަށްވެސް އެންމެ ކުޑަމިނުން ސަލާންކޮށްލާކަށްވެސް ނުއުޅެއެވެ. އަޅުގަނޑު ހީކުރީ ކައިވެނިނުކުރާތީ ލަދުން ކަމަށެވެ. ކައިވެނިކުރުމަށްފަހުވެސް އެކަން ބަދަލެއް ނުވިއެވެ. 

މަގުމަތިންދާއިރު އަތުގަ ހިފައިލުމާއި އެކުގައި ސިޓިންގރޫމްގައިތިބޭއިރުވެސް ކައިރިވެލައި ގައިގައި ފިރުމާލުމާއި ލޯބިވާކަމަށް ބުނުން ފަދަ ކަންކަމަކީ އެއްގޮތަކަށްވެސް ފިރިމީހާ ކުރަން ބޭނުންވާ ކަންކަމެއް ނޫނެވެ. ނަމަވެސް އެކަންކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވެއެވެ. 

އެހެންވެ ހިތުގައި ޝައްކުތައް އުފެދެން ފެށިއެވެ. އަޅުގަނޑުދެކެ ލޯބިނުވަނީ ބާވައެވެ؟ އެހެންވެ އެކަންކަން ރަނގަޅުކުރާވާހަކަ ދައްކާއިރަށް ބުނާނީ އޭނާ އޭނާގެ ގޮތުގައި ބަލައިގަތުމަށެވެ. ކޮންމެއަކަސް އެކަންކަމަށް ކެތްނުކުރެވިގެން ދެމީހުން ވަކިވުމުގެ ވިސްނުން ގެންގުޅެންފެށިތަނާ އެއްދުވަހަކު ކޮޓަރީގައި އޮތް އޭނާގެ ވޮލެޓް ގެނެސްދިނުމަށް އެދުނެވެ. 

ކައިވެންޏަށް 4 އަހަރުވެފައިވީނަމަވެސް އެއީ ފިރިމީހާގެ ވޮލެޓުގައި އަތްލި ފުރަތަމަ ދުވަހެވެ. ލިބުނު ފުރުޞަތުގައި ވޮލެޓް ބަލައިލުމުން ދިއައީ ސިއްސައިގެންނެވެ. އެއީ އަޅުގަނޑުމެން ދެމީހުން ބައްދަލުވެގެން ފުރަތަމަ ކެއުމަކަށްދިއަރޭ އެތަނުގައި ހުރި ޓިޝޫކޮޅެއް ނަގައި އެއިން އަޅުގަނޑު ހެދި ކުޑަކުޑަ ފިނިފެންމާ ވޮލެޓުގައި އޮތުމުންނެވެ. އަދި ވޮލެޓް ހުޅުވުމުން ފެންނާނެ ގޮތަށް ދެމީހުންގެ ފޮޓޯއެއްވެސް އިނުމުންނެވެ.   

އަޅުގަނޑުދެކެ ވަރަށް ބޮޑަށް ލޯބިނުވާނަމަ އެމައު ވޮލެޓްގައި ނުގެންގުޅޭނެކަމާއި އެންމެންނަށް ފެންނާނެ ގޮތަށް ދެމީހުންގެ ފޮޓޯ ވޮލެޓުގައި ނުބައިންދާނެކަން ވިސްނުނެވެ. އެވަގުތުން ފެށިގެން ވިސްނުން މުޅިން ބަދަލުކުރީމެވެ. ފިރިމީހާ އޭނާބުނާފަދައިން އޭނާގެ ގޮތުގައި ބަލައިގަންނަން މަސައްކަތްކުރީމެވެ. އަޅުގަނޑު އެދޭގޮތް ދުރަށް ޖައްސައިލީމެވެ. އެއީ ދިރިއުޅުމުގައި ބޮޑަށް ފައިދާކުރާނީ އަޅުގަނޑުގެ އެބޭނުންތައް ފުއްދައިދޭ ފިރިއަކަށްވުރެ އަޅުގަނޑުދެކެ ހިތުގެ އަޑިން ލޯބިވާ ފިރިއަކާއިއެކު ދިރިއުޅުމުން ކަމަށްވާތީއެވެ. 

އިން ޝާ ﷲ ނަތީޖާ ވަރަށް ކާމިޔާބެވެ. ކައިވެންޏަށް 30 އަހަރުވީއެވެ. ފިރިމީހާގެ ކިބައިން އަޅުގަނޑާއިމެދު އެއްވެސް ފޫހިކަމެއް ނުފެނެއެވެ. ލޯބިވެއެވެ. ވަފާތެރިއެވެ. ހަމައެކަނި ބަސްމަދުވެފައި ކުރިން ބުނިފަދަ ކަންކަން އޭނާގެ މިޒާޖާއި އެއްގޮތަށް ކުރަނީއެވެ. އެކަން މިހާރު އަޅުގަނޑަށް އެއްވެސް މައްސަލައަކަށްވެސް ނުވެއެވެ. 

މިއީ އަޅުގަނޑަށް ފެނިފައިވާ ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ބައެއް މީހުންނަކީ އެމީހުންގެ މިޒާޖުގައި ހުންނަ ބައެއް ސިފަތައް ބަދަލުކުރާނެ ބައެއް ނޫނެވެ. އަނެއްބައަކު ބަދަލުވެސް ކޮށްފާނެއެވެ. ބަދަލުނުކުރާނެ ޒާތުގެ ފިރިއަކު ނުވަތަ އަންތބަކު ލިބިއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ އޭނާގެ ގޮތުގައި އޭނާ ބަލައިގަތުމެވެ. ތެދުވެރިވެފައި އަޅައިލާނަމަ ކެތްތެރިވުމުން ކުރާނެ ފައިދާ މާބޮޑުކަން މިވާހަކައިންވެސް އެނގިގެންދެއެވެ. 

އެކަން އެގޮތަށް ޤަބޫލުނުކުރެވުން ވެގެންދަނީ ގިނަ ކައިވެނިތަކެއް ރޫޅިގެންދާ ސަބަބަކަށެވެ. އެންމެ މުހިންމީ ވަފާތެރިވުމާއި އަޅައިލުމާއި ރަނގަޅު ޚުލްޤެވެ. އެސިފަތައް ހުރި ބައިވެރިއަކު ދޫކޮށްނުލާށެވެ.

 

--ރީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން