ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރޮޖެކްޓް މިހާރަށްވުރެ ފުޅާކޮށް، ރަންވޭ ބޮޑުކުރުމަށް މިމަޝްރޫޢުގެ އިންވެސްޓަރާއި ވާހަކަދައްކަވައިގެން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހދ.ހަނިމާދުއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ބޮޑުތިލަދުންމައްޗަށް ކަނޑައަޅާފައިވާ ޢަމާޒަކީ މިސަރަޙައްދުގެ ފަތުރުވެރިކަމަށް 8000 އެނދު ނެރުމަށެވެ. ރައީސް ވިދާޅުވީ މިމަޝްރޫޢުތައް ކުރިއަށްދާއިރު، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރޮޖެކްޓަކީ މިސަރަޙައްދަށް ކޮންމެހެން މުހިންމު މަޝްރޫޢެއްކަމަށެވެ. ނަމަވެސް މަސައްކަތްތައް ލަސްވުމާއި އަދި އެ ޕްރޮޖެކްޓް ފަރުމާކޮށްފައި އޮތްގޮތުން އެއީ ދިގުރާސްތާއަށް އެންމެ އެކަށީގެންވާ ކެޕޭސިޓީ ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ ބޮޑު މަޝްރޫޢެއް ހިންގާއިރު، އެކަމުގެ މަންފާ އެންމެ އެކަށީގެންވާ ގޮތެއްގައި ލިބޭގޮތަށް އިޤްތިޞާދީ ހަރަކާތްތަކާއި ތަރައްޤީ ގެންނަންޖެހޭކަމަށެވެ. އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރޮޖެކްޓް މިހާރަށްވުރެ ފުޅާކޮށް، ރަންވޭ ބޮޑުކުރުމަށް މިމަޝްރޫޢުގެ އިންވެސްޓަރާއި ވާހަކަދައްކަވައިގެން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މިހާ ބޮޑު ޚަރަދެއް ޕްރޮޖެކްޓަށް ކުރާއިރު 2.46 ކިލޯމީޓަރުގެ ރަންވޭއެއް މިހެދެނީ. މިއީ މި އެއަރޕޯޓްގައި ހުންނަންޖެހޭ ސްކޭލަށްވުރެ ކުޑަ ސްކޭލެއް. ރަންވޭ ބޮޑުވާންޖެހޭ. ލޯނު ހަމަޖެއްސި ފަރާތާއި ވާހަކަދައްކައިގެން ރަންވޭއަށް އިތުރު 700 މީޓަރު އިތުރުކުރުމަށް މަޝްވަރާކޮށް ފުރުޞަތު އޮތްތޯ ބަލާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވަނީ މިދަތުރުފުޅުގައި ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ހަނިމާދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ހަނިމާދޫގައި ރަނގަޅު ހޮސްޕިޓަލެއް ޤާއިމުކޮށް ޚިދުމަތް ދޭން ބޭނުންވާކަމަށާއި، ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވުމަށާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ބޭނުންވާކަމަށާއި، ބްލަޑް ބޭންކުގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެންދިއުން ހިމެނެއެވެ. އަދި، މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދެވޭނެގޮތް ހަމަޖައްސައިދެއްވުމަށާއި، ޒަމާނީ ފެންވަރަށް މަގުހެދުމުގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންގޮސްދެއްވުމަށްވެސް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ބެންކުގެ ޚިދުމަތް ގާއިމު ވުމާއި، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަމާއި، ސްކޫލަށް ބޭނުންވާ ވަސީލަތްތަކާއި އިތުރަށް ރަނގަޅުކުރަންހުރި ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ހަނިމާދޫގެ އެއާޕޯޓް އަދި ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރި ކަންބޮޑުވުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ހަނިމާދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ ރަށުގެ މަސްވެރިންނަށް ޚާއްޞަކޮށް، މަސްކިރޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެ ކަނބަލުންވަނީ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާކަމަށާއި، ރަށުގައި ބޭސް ލިބުމަށްހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. އަދި ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.