ޢަޤީދާ ވަރުގަދަކުރުވައި ދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް ރިސާލަތު ޕްރޮގްރާމް 2024 ތައާރަފްކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 4މ 14ސ
ޢަޤީދާ ވަރުގަދަކުރުވައި ދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް ރިސާލަތު ޕްރޮގްރާމް 2024 ތައާރަފްކޮށްފި

ރައްޔިތުންގެ ހިތްތަކުގައި އިސްލާމްކަމާއި އީމާންކަމުގެ ރުކުންތައް ހަރުދަނާކޮށް އަޤީދާ ވަރުގަދަކުރުމާއެކު، އިސްލާމްދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރު ރިސާލަތު ޕްރޮގްރާމު 2024 އިފްތިތާހުކޮށްފިއެވެ.

މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޕްރޮގްރާމު އިފްތިތާހު ކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، އެ ޕްރޮގްރާމް ހިންގަނީ ރަށްތަކުގެ ކައުންސިލްތަކާއި އިތުބާރު ހިފޭ ޖަމިއްޔާތަކާއި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ފަސް އަހަރަށް ފަސް ޕްރޮގްރާމް އަންނާނެ ކަމަށާއި މިކަމަކީ އެ ވުޒާރާ އިން އިސްކަމެއް ދީގެން ދީގެން ކުރިއަށްގެންދާނެ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ، މި ޕްރޮގްރާމްގެ މަގްސަދަކީ ދިވެހިން އިސްލާމް ދީނުގެ ހުކުމްތަކަށް އަހުލުވެރި ކުރުވުމާއި ކީރީތި ރަސޫލާގެ އާލުބައިތުންނާއި ސަހާބީން ފަދައިން އިސްލާމް ދީނުގެ އަސާސްތަކުގައި ހިފަހައްޓާ މުޖުތަމައު އެއްބައިވަންތަކަމާއި ހަމަޖެހުމަށް ލޯބި ކުރާ ޖީލެއް ދިވެހި މުޖުތަމައު ބިނާ ކުރުން ކަމަށެވެ.

"އަޅުގަނޑުމެން ވަަަރަށް އާއްމުކޮށް އަޑު އަހާ ވާހަކައެއް ނަމާދުގެ ވާހަކައަކީވެސް، އެކަމަކު ނަމާދުގެ މައުޟޫއަށް އަޅުގަނޑުމެން އެކިއެކި ޕްރޮގްރާމްތައް ހިންގާއިރުގައި މިކަން ތަރުތީބުވެފައި އޮންނާނީ ހަމައެކަނި މިސްކިތުގައި ދެވޭ ދަރުސެއްގެ މައްޗަށް އެކަންޏެއް ނޫން،"

މިގޮތުން ދަތުރުވެރިންނަށް ހާއްސަ ޕްރޮގްރާމްތަކާއި، މަސްވެރިންނަށް ހާއްސަ ޕްރޮގްރާމްތައްވެސް ބާއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މިއީ މަހަށް ގޮސް އުޅޭއިރު ނަމާދު ކުރާނެ ގޮތާއި، އެތައް ދުވަހެއް ވަންދެން ކަނޑުމަތީގައި އުޅޭއިރު ނަމާދު ކުރާނެ ގޮތް ކިޔާ ދޭނެ ޕްރޮގްރާމްތަކެވެ. އަދި ޒަކާތާއި ގުޅުވައިގެން ވިޔަފާރިވެރިންނަށްވެސް ޕްރޮގްރާމް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމާއި ގުޅޭ ޕްލޭންގައި އަލިއަޅުވާނީ ޝަހާދަތުގެ ދެކަލިމަ، ނަމާދު، ޒަކާތް، ރޯދަ، ހައްޖު، މާތް ﷲ އަށް އީމާންވުން، މަލާއިކަތުންނަށް އިމާންވުން، ފޮތްތަކަށް އީމާންވުން، ރަސޫލު ބޭކަލުންނަށް އިމާންވުން، އާޚިރަތް ދުވަހަށް އީމާންވުން، މިންވަރަށް އީމާންވުން، އިހްސާންކަން އަދި އުންމަތަށް މުހިންމު ފިލާވަޅުތައް ހިމެނޭނެ ކަމަށް އެ ވުޒާރާ އިން ބުންޏެވެ.

މި ޕްރޮގްރާމު މެދުވެރިކޮށް އިސްލާމްދީނަށް ލޯބިކުރާ ހަރުދަނާ ޖީލެއް އުފެއްދުމަށާއި ފަރުޟު ފަސް ނަމާދަށް ސަމާލުކަންދީ ޖަމާއަތުގައި ނަމާދުކުރާ މުޖުތަމައުއެއް ބިނާކުރުމާއި ހަރުދަނާ އަޤީދާއެއްގެ މަތީގައި ސާބިތުވެފައިވާ ޖީލެއް ބިނާކުރުމާއި މާތް ﷲ އަށްޓަކައި ލޯބިކޮށް މާތް ﷲ އަށް ޓަކައި ވަކިވެދާ ޖީލެއް އުފެއްދުމަކީ އަމާޒުކަމަށް ވެސް އެ ވުޒާރާ އިން ބުންޏެވެ. މީގެއިތުރުން ކީރިތި ރަސޫލާ އާއި އެކަލޭގެފާނުގެ އަހުލުބައިތުންނާއި އަސްހާބު ބޭކަލުންނަށް ލޯބިކުރާ މުޖުތަމައުއެއް އުފައްދާ، އިސްލާމްދީނުގެ ރުކުންތަކަށް އަމަލުކުރާ އީމާންކަމުގެ ރުކުންތައް ޤަބޫލުކުރާ ޖީލެއް ބިނާކުރުމާއެކު އެއްބައިވަންތަ މުޖުތަމައެއް އުފެއްދުމަކީ މި ޕްރޮގްރާމުގެ ތެރެއިން ހާސިލު ކުރަން ބޭނުންވާ ކަންތައްތައް ކަމަށް އެ ވުޒާރާ އިން ބުންޏެވެ.

މި ޕްރޮގްރާމު އަމާޒު ކުރެވޭ ފަރާތްތަކަކީ އުމުރުން 4 އަހަރުން ފެށިގެން 18 އަހަރާ ދެމެދުގެ ދަރިވަރުންނާއި ޒުވާނުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ އިތުރުން އަންހެނުންނާއި އާންމު ރައްޔިތުންނެވެ.

ޕްރޮގްރާމު ކުރިއަށް ގެންދާނެ މީޑިއަމްތަކާއި ވަސީލަތްތައް:

·       ޚުތުބާ

·       ދަރުސް

·       މީޑިއާ ޕްރޮގްރާމްތައް

·       ފޯރަމް

·       ސެމިނަރ

·       އުމްރާ ޓުއަރ

·       ސްކޫލް އެގްޒިބިޝަން / ފެއަރ

·       މުބާރާތް

·       ސޯޝަލް މީޑިއާ

މި ޕްރޮގްރާމު މިއަހަރު އެއް އަހަރުގެ މުއްދަތަށް އިފްތިތާހު ކުރިނަމަވެސް ރިސާލަތު ޕްރޮގްރާމު ޖުމްލަ 5 ބައި މި 5 އަހަރު ދުވަހުގެ ތެރޭގައި އިފްތިތާހު ކުރުމަށް ވަނީ ނިންމާފައެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިތުރަށް ބުނީ ބައިވެރިން ހާޒިރުވާ އިންސައްތަ ބަލާ، ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގެ ކޮމެންޓްސް، ލައިކްސް އަދި ޝެއަރ ކުރާ މިންވަރު ބަލާނެ ކަމަށެވެ. އަދި އަހަރު ނިމުމަށްފަހު ޕްރޮގްރާމުން ހާސިލުކުރަން ބޭނުންވި ނަތީޖާ ހާސިލުވި މިންވަރު ބަލާ، ބައިވެރިންނަށް ހުށަހެޅުނު މައުލޫމާތު ވިސްނޭ މިންވަރު ވަޒަންކުރުމަށް ސާރވޭ ނުވަތަ ފީޑްބެކް ވެސް ހޯދާނެ ކަމަށް އެ ވުޒާރާ އިން ބުންޏެވެ.

މިއަދު އޮންލައިން