ޢަލީ އިޙްޞާން ފިރާޤް
ޢުޘްމާނުގެފާނަށް އެހީތެރިވެދެއްވުމަށް އުއްމުހާތުލް މުއުމިނީން ކުރެއްވި މަސައްކަތްޕުޅުތައް:
ކޮންމެއަކަސް ފިތުނަވެރީން ރޯކުރި ފިތުނައިގެ ހުޅު ފަޅައިގެން ގޮސް، މަދީނާއަށް ބާޣީން އަރައި، އަމީރުލް މުއުމިނީން ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހު ގެ ގަނޑުވަރު ވަށައިލައިފިއެވެ. އެބައިމީހުން އެކަލޭގެފާނުގެ ގަނޑުވަރަށް ފެންފޮދެއްވެސް ވެއްދިޔަކަ ނުދިނެވެ. އެހެންކަމުން ގަނޑުވަރުން ފެން ހުސްވާން ފެށުމުން ޢުޘްމާނުގެފާނު، ޢަލީގެފާނަށް ޚަބަރު ފޮނުއްވިއެވެ.
[އަޅުގަނޑުގެ ގެކޮޅަށް ފެން ވެއްދުންވެސް އެބައިމީހުން މަނާކޮށްފިއެވެ. ވީމާ ކަލޭގެފާނަށް އެހީތެރިވެވަޑައިގެންނެވެން އޮތްކަމުގައިވާނަމަ، އެހީތެރިވެވަޑައިގަންނަވާށެވެ.]
ހަމަ މިބީދައިން ޠަލްޙަތުގެފާނަށާއި، ޒުބައިރުގެފާނަށާއި، ޢާއިޝަތުގެފާނަށާއި، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެހެން އަނބިއަނބިކަނބަލުންނަށްވެސް އެބޭފުޅުންނަށް އެހީތެރިވެވަޑައިގެންނެވެން އޮތް ގޮތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އަމީރުލް މުއުމިނީން ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހު އެދިވަޑައިގެންނެވެ.
އެންމެ ފުރަތަމަ އަމީރުލް މުއުމިނީން ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ނުކުމެވަޑައިގެންނެވި ދެބޭފުޅުންނަކީ، ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހު އާއި އުއްމުލް މުއުމިނީން އައްސައްޔިދާ އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާއެވެ. އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ، ޢުޘްމާނުގެފާނުގެ ޙާލުކޮޅާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. އެކަމަނާ އެކަލޭގެފާނާމެދު ކަންބޮޑުވެވަޑައިގެންނެވުމަކީ ޠަބީއީ ކަމެކެވެ. އެހެނީ ޢުޘްމާނުގެފާނާ އެކަމަނާއަކީ އެއްވަންހައަކަށް ނިސްބަތްވެވަޑައިގަންނަވާ ދެބޭފުޅުންނެވެ. ދެބެއިންގެ ދެދަރި ދެބޭފުޅުންނެވެ.
އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ ބަޣަލަކަށް ސަވާރުވެވަޑައިގެން ޢުޘްމާނުގެފާނުގެ ގަނޑުވަރަށް ވަޑައިގެންނެވުމަށްޓަކައި ނުކުމެވަޑައިގެންނެވިއެވެ. އެ މަންޒަރު ބާޣީންނަށް ފެނިގެން އައިސް އެކަމަނާ ސަވާރުވެވަޑައިގެން އިންނެވި ބަޣަލުގެ މޫނުމަތީގައި ތަޅަންފެށިއެވެ. އެހިނދު އެކަމަނާ ވިދާޅުވިއެވެ.
[އުމައްޔަތުވަންހައިގެ ވަޞިއްޔަތްތައްވަނީ އެކަލޭގެފާނާއެކުގައެވެ. އަހަރެން އެކަލޭގެފާނާ ބައްދަލުކުރިޔަ ދޭށެވެ. އަހަރެން އެކަލޭގެފާނާ ބައްދަލުކޮށް އުމައްޔަތުވަންހައިގެ ހުވަފަތް އަންހެނުންނާއި ޔަތީމު ކުދީންގެ ވަޞިއްޔަތްތަކާ ބެހޭގޮތުން އޮޅުން ފިލުވަން ބޭނުމެވެ.]
ނަމަވެސް ބާޣީން މުއުމިނުތަކުންގެ މައިކަނބަލުންގެ ޙުރުމަތަކަށްވެސް ނުބެލިއެވެ. އެކަމަނާއާ ދިމާއަށް ބޭއަދަބީ ގޮތުން ކުރިމަތިލައި އެކަމަނާ ދެއްކެވި ވާހަކަފުޅު ދޮގުކޮށް އަލުން އެކަމަނާ ސަވާރުވެވަޑައިގެން އިންނެވި ބަޣަލުގެ މޫނުގައި ތަޅަންފެށިއެވެ. އެއަށްފަހު ބަޣަލުގެ ލަގަން ވައުފަށް ކަނޑައިލިއެވެ. އެއާއެކު ބަޣަލު ކޮންޓުރޯލުން ނެއްޓި އުއްމުލް މުއުމިނީންއާ އެކު ދުވަން ފަށައިފިއެވެ. އޭރު އެތަނުގައި ތިބި މުސްލިމުން ފަހަތުންގޮސް ބަޣަލު މައިތިރިކޮށް އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ އަނބުރާ އެކަމަނާގެ ގެކޮޅަށް ގެންދެވިއެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ ގެކޮޅަށް ވަޑައިގެންނެވުމަށްފަހު އަމީރުލް މުއުމިނީން ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހަށް އެހީތެރިވެވަޑައިގެންނެވުމުގެ ގޮތުން އެކަމަނާގެ އަޅެއްކަމުގައިވާ އިބްނުލް ޖައްރާހު ފޮނުއްވިއެވެ. ޢުޘްމާނުގެފާނުގެ ގެކޮޅުގައި ހިނގި ހުރިހާ ކަމެއް ހިނގީ މިދެންނެވި އިބްނުލް ޖައްރާހުގެ ކުރިފުޅުމަތީގައެވެ.
{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 554-555}
އަމީރުލް މުއުމިނީން ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށްޓަކައި އުއްމުލް މުއުމިނީން އައްސައްޔިދާ ޞަފިއްޔާ ބިންތު ޙުޔައްޔު ރަޟިޔަﷲ ޢަންހާވެސް މަސައްކަތްފުޅު ކުރެއްވިއެވެ. ކިނާނަތު ވިދާޅުވެފައިވެއެވެ. އަހަރެން އުއްމުލް މުއުމިނީން ޞަފިއްޔާ ސަވާރުވެވަޑައިގެން އިންނެވި ބަޣަލުގެ ލަގަނުގައި ހިފައިގެން ޢުޘްމާނުގެފާނުގެ ގަނޑުވަރަށް ދިޔުމަށް ނުކުތީމެވެ. އެތަން ފެނިގެން އަލްއަޝްތަރު އޭ ކިޔުނު މީހަކު އައިސް ބަޣަލުގެ މޫނުމަތީގައި ތަޅަންފެށިއެވެ. އެވަގުތު އުއްމުލް މުއުމިނީން އައްސައްޔިދާ ޞަފިއްޔާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ.
[އަހަރެން އެނބުރި ދިޔަ ދޭށެވެ. މިކަންތައްތަކުގެ ތެރޭގައި އަހަރެން ތިޔަބައިމީހުންގެ ކުރިމަތީގައި ބޭޒާރުވާކަށް ނޭދެމެވެ.]
އެއަށްފަހު އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާ ގެކޮޅަށް އެނބުރިވަޑައިގެން އެކަމަނާގެ ގެކޮޅުން ޢުޘްމާނުގެފާނުގެ ގަނޑުވަރަށް ފިލައެއް އެޅުއްވިއެވެ. އެއަށްފަހު ކާބޯތަކެއްޗާއި ފެން އެ ފިލާ މެދުވެރި ކުރައްވައިގެން ޢުޘްމާނުގެފާނުގެ ގަނޑުވަރަށް ފޯރުކޮށްދެއްވަމުން ގެންދެވިއެވެ.
{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުޘްމާނު ބިން ޢައްފާން، ޞަފްޙާ 555}