ހުޅުމާލޭގައި ހިނގާ މަގުމަތީ އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބައެއް މަގުތަކުގައި ބަންޕަރު އެޅުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީއިން މައުލޫމާތުދޭގޮތުގައި މި މަސައްކަތް ފަށާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލަފަޔާ އެކު، ހުޅުމާލޭގައި އެކްސިޑެންޓު ގިނައިން ހިނގާ ކަމަށް ފުލުހުންނަށް ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައެވެ. މި ހިނގާ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު އެޗްޑީސީން ފެށި މި މަސައްކަތުގެ ދަށުން ސްޕީޑް ބަންޕަރުތައް އެޅުމުގެ އިތުރުން، މަގުމަތީގެ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
މީގެ ކުރިން ވެސް އެޗްޑީސީން ހުޅުމާލޭގެ މަގުތަކުގައި ބަންޕަރު ހަރުކުރިއެވެ. އެ ފަހަރު ބަންޕަރު އެޅުމުން މަގުމަތީގެ އެކްސިޑެންޓްތައް %70 އާއި %80 އާ ދެމެދުގެ އަދަދަކަށް މަދުވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް، އޭރު ބޭނުންކުރި ޑިޒައިންއާއި މެޓީރިއަލްއާ މެދު އާންމުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން އެ ބަންޕަރުތައް ވަނީ ނަގާފައެވެ.
އަލަށް ހަދަން ފަށާފައިވާ ބަންޕަރުތަކަކީ ހުޅުމާލޭގެ މަގުތައް ފުރަތަމަ ހެދިއިރު ވެސް ބޭނުންކުރި ޑިޒައިންގެ ތާރު ބަންޕަރުތަކެކެވެ. އެޗްޑީސީން ބުނީ މި ބަންޕަރުތައް ހަދަނީ އުޅަނދުފަހަރު ދުއްވާ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި، ހުޅުމާލެއަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.