ޢަލީ އިޙްޞާން ފިރާޤް
ޚިލާފަތު ޢުމަރު ފާރޫޤު ދައުރުތައް އެއީ
ޚިލާފެއްނެތް އެންމެ ފުރިހަމަ ދައުލަތް އެއީ
އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހަކީ، އުއްމުލް މުއުމިނީން ޢާއިޝަތުގެފާނާ އެންމެ އެކުވެރިކޮށް އުޅުއްވި އެއްބޭކަނބަލެއްކަމުގައިވާ އުއްމުލް މުއުމިނީން ޙަފްޞަތުގެފާނުގެ ބައްފާޕުޅެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންނަށް ވަރަށް ކަމޭހިއްތެވިއެވެ. ޚާއްޞަ ގޮތެއްގައި ޢާއިޝަތުގެފާނަށް ހެޔޮފުޅުކޮށް ހިއްތެވިއެވެ.
އުއްމުހާތުލް މުއުމިނީންގެ ނަފަޤާތް ހަމަޖެއްސެވި ގޮތް:
ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ އޭނާ ލިޔުއްވި عُمَرُ ގެފާނުގެ ސީރަތުގައި ލިޔުއްވައިފައިވެއެވެ. އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ބަރާބަރަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހުވަފަތް އަނބިއަނބިކަނބަލުންގެ ޙާލުކޮޅު ބައްލަވަމުން ގެންދެވިއެވެ. އެބޭކަނބަލުންނަށް ވަރަށް ދީލަތިފުޅުވެވަޑައިގެން ހޭދަކުރައްވަމުން ގެންދެވިއެވެ. ރަނގަޅު ކާއެއްޗެއް ނުވަތަ މޭވާއެއް ލިބިވަޑައިގަތަސް އެއިން އެއްބައި މާތް ރަސޫލާގެ ހުވަފަތް އަނބިއަނބިކަނބަލުންނަށް ފޮނުއްވައިފައި ނޫނީ އެކަލޭގެފާނު ފަރީއްއެއް ނުކުޅުއްވައެވެ. އެބޭކަނބަލުންގެ ތެރެއިން އެންމެ ފަހުން ތަކެތި ފޮނުއްވަނީ އެކަލޭގެފާނުގެ ދަރިކަނބަލުން އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާ އަށެވެ.
އެއްފަހަރަކު ދިމާވި ޙާދިޘާއެކެވެ. عُمَرُ ގެފާނު، އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޖަޙުޝް އަށް އެކަމަނާގެ ޚަރަދު ބަރަދަށްވާ ފައިސާ ފޮނުއްވިއެވެ. އެ އެއްޗެތިކޮޅު ލިބިވަޑައިގެންނެވުމުން އެކަމަނާ ހީފުޅުކުރެއްވީ އެއީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެހެން އަނބިއަނބިކަނބަލުންނާ ލައިގެން ފޮނުއްވި އެއްޗެއް ކަމަށެވެ. ނަމަވެސް އެ ހިފައިގެން އައި ބޭކަލުން އެއީ ހަމައެކަނި އެކަމަނާގެ ޚަރަދަށް ފޮނުއްވި އެއްޗެއްކަމަށް ވިދާޅުވިއެވެ. އެހިނދު އެކަމަނާ ވިދާޅުވިއެވެ.
[ޞުބްޙާނަﷲ އެވެ. ތިޔަ އެއްޗެހި ތަކުގެ މަތީން ފޮތިގަނޑެއް އަޅައި ނިވާކޮށްލައްވާށެވެ.]
އެއަށްފަހު އެކަމަނާ ޚާދިމު ބަރުޒާ ބިންތު ރާފިޢުއަށް އެންގެވިއެވެ. [މީގެ ތެރެއަށް އަތްލައިފައި މުއްފުރެންދެން ނަގައިގެން ގޮސް އެވެނި މިވެނި ބަޔަކަށް ދީފައި އަންނާށެވެ.] މިގޮތުގެ މަތީން ވަރަށް ގިނަ މީސްތަކުންނަށް އެ ތަކެތި ބެއްސެވިއެވެ. އެއަށްފަހު ބަރުޒާ ބިންތު ރާފިޢު ދެންނެވިއެވެ.
[އޭ މުއުމިނުތަކުންގެ މަންމާފުޅާއެވެ. މާތްﷲ ގަންދެމެވެ. ދެން ބާކީ ހުރިބައި ޙައްޤުވަނީ އަޅުގަނޑުމެންނަށެވެ.] އުއްމުލް މުއުމިނީން ވިދާޅުވިއެވެ. [ދެން ބާކީ ހުރި އެއްޗެއް ކަމަނާ ބޭނުންކޮށްލާށެވެ.] ދެން ބަރުޒާ އެ ބެއްލެވިއިރު ފެނިވަޑައިގެންނެވީ އެންމެ އަށްޑިހަ ފަސް ދިރުހަމެވެ. އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޖަޙުޝް އަތްޕުޅު މައްޗަށް ނަންގަވައި ދުޢާފުޅު ކުރެއްވިއެވެ.
[ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. ދެން ފަހަރަކުން އަޅުގަނޑުގެ ޚަރަދު ޢުމަރުގެފާނު ފޮނުއްވަންދެން އަޅުގަނޑު ދިރިދުނިޔޭގައި ނުލަހައްޓަވާންދޭވެ.]
އެއަށްފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޖަޙުޝް ރަޟިޔަﷲ ޢަންހާ މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ވިދާޅުވެއްޖެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ހުވަފަތް އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެ ފުރަތަމަ އަވަހާރަވީ އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޖަޙުޝް ރަޟިޔަﷲ ޢަންހާއެވެ.
އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވާ ގޮތުގައި، އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އެބޭކަނބަލުން ފަރީއްކުޅުއްވުމަށް ޖަނަވާރުގެ ބޮލާއި ފައި ފޮނުއްވައި ހައްދަވައެވެ.
{ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް ޢުމަރު ބުނުލް ޚައްޠާބު، ޞަފްޙާ 255}