ރޯދައެއް ހިފުމަށްޓަކައި ދުވާލަކު 18، 20 ގަޑިއިރު ނުކައި ނުބޮއި ތިބޭ ޤައުމުތައް އެބަހުއްޓެވެ. އެކަމަކު ބުނަން ހެއްޔެވެ؟ 24 ގަޑިއިރުގެ ތެރެއިން 23 ގަޑިއިރު ނުކައި ނުބޮއި ހުރިނަމަވެސް އެއީ ރޯދައަކަށްވާނީ ބަނޑޫގެ އިތުރުން އެހެން ގުނަވަންތަކުންވެސް ރޯދަހިފައިގެންނެވެ.
ފުރަތަމަ ކަމެއްގެ ގޮތުންވެސް ބެލުންތައް ތިރިކޮށް ލޮލުން ރޯދަހިފަންޖެހެއެވެ. ހަމައެއާއިއެކު ކަންފަތުންވެސް ރޯދަހިފަންޖެހެއެވެ. މިބުނަނީ ޙަރާމް އަޑުތައް އެހުމުން ދުރުހެލިވާންޖެހޭނެ ވާހަކައެވެ. މިޔުޒިކް އަޑުއެހުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. ވީމާ މިޔުޒިކް އަޑުއަހައިގެން ނުވާނެއެވެ. އަޑުއަހާނަމަ ރޯދައިން ބޮޑުބައެއް އުނިވެގެންދާނެއެވެ. ރޯދައަށްހުރެ ކަންފަތުން ޙަރާމްކަމެއް ކުރާތީއެވެ!
އެންމެ ގިނަ ބައަކު މިޔުޒިކް އަޑުއަހަނީ ކާރު ދުއްވަމުންނާއި އަދި ފޯނުންނެވެ. މިޔުޒިކް އަޑުއެހުމުގެ ބަދަލުގައި ޤުރްޢާނަށް ނުވަތަ ދީނީ ދަރުސަކަށް ބަދަލުކޮށްލުމުން ރޯދައަށް އެކަމުގެ ފައިދާކުރާނެއެވެ. އިން ޝާ ﷲ
އަދިވެސް ވިސްނާށެވެ! ރޯދައަށް ހުންނަ މީހާ ޙަރާމް ޢަމަލުތައް ކުރަން ޖެހިލުންވާކަމަށްބުނާއިރު ދުލުން ބޭކާރު ވާހަކަތަކާއި ދެއްކުން މަނާ ވާހަކަތައް ދައްކަން ޖެހިލުމެއް ނުވެއެވެ. މިވަނީ ކިހިނަކުންހެއްޔެވެ؟
ޙަދީޘްފުޅުގައި އައިސްފައިވަނީ އެގޮތަކަށް ނޫނެވެ. ފުރަތަމަ ޙަދީޘްފުޅު ކުރެއްވެވީ ދޫ ރައްކައުތެރިކުރުމަށެވެ. ޢަމަލުތަކުގެ ވާހަކަ ޙަދީޘްފުޅުކުރެއްވެވީ އެއިގެފަހުންނެވެ. ވީމާ ހިފާ ރޯދަ، ރޯދައަކަށް ހަދަން ބޭނުންނަމަ ފުރަތަމަ ދުލަށް ސަމާލުކަންދޭން އެބަޖެހޭ ނޫންހެއްޔެވެ؟
މީސްތަކުންނޭވެ! ދުލަށް ރައްކައުތެރިވާށެވެ! ޤިޔާމަތް ދުވަހު ތިބާ އާއި ދެކޮޅަށް ފުރަތަމަ ހެކިދޭނީ ދުލެވެ. ގުނަވަންތައް ހެކިދޭނީ އެއިގެފަހުންނެވެ. ގިނަބައަކަށް ނަރަކައަށް ވަންނަން ޖެހޭނީ ދުލުގެ ސަބަބުންނެވެ. ވީމާ ދުލުގެ ސަބަބުން ތިބާގެ ރޯދަ ބާޠލްވެގެންދިއަ ނުދޭށެވެ. ހަމައެފަދައިން ލޮލާއި ކަންފަތަށްވެސް ރައްކައުތެރިވާށެވެ!
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން