"އަޅުގަނޑުމެންނަށް ލިބިފައިވާ 2 ކުދިންނަކީވެސް ވަރަށް ބަލި ދެކުދިންނެވެ. ބޭސްފަރުވާއަށް އާސަންދަ ލިބުނަސް ވަރަށް ގިނަ ކަންކަމަށް އަމިއްލައަށް ޚަރަދުކުރަން ޖެހެއެވެ. އެކުދިންނަށް ކޮންމެކޮންމެ އެއްޗެއް ކާކަށްވެސް ނުދެވެއެވެ. އަގުބޮޑު އެއްޗެތި ގަންނަން ޖެހެއެވެ.
އެހެންކަމާއިއެކުވެސް ފިރިމީހާއަށް އެކަންކަމަކަށް ނުވިސްނެއެވެ. އަތްމަތި ދަތިއިރުވެސް ކޮފީތަކަށާއި އެހެނިހެން ކަންކަމަށް ބޭކާރު ގޮތުގައި ޚަރަދުތައް ކުރެއެވެ. އެކަން ހުއްޓާލައިތޯ ވަރަށް އާދޭސްކޮށްފީމެވެ. އެކަމަކު އަދިވެސް ހަމަ ކުރިއެރުމެއް ނުލިބެއެވެ. ކޮންމެ މަހަކުވެސް ޖެހެނީ ދަރަނިވެރިވާށެވެ! ކުދިންގެ ކަންކަން ކޮށްނުދެވިތިބޭށެވެ! މިޙާލަތުގައި ފިރިމީހާއަށް ވިސްނައިދޭން ކުރެވިދާނެ ރަނގަޅުކަމެއް ބުނެދެއްވިދާނެތޯއެވެ؟"
ކިޔުންތެރިޔާގެ ކަންބޮޑުވުމަށް އެހީތެރިކަމެއް ލިބިދާނެ އެއްގޮތަކީ ދީނީ ޢިލްމުވެރިއެއްގެ އެހީތެރިކަން ހޯދުމެވެ. މިލިޔުމުގައި އެވަނީ އެގޮތުން އުޅުން އިޞްލާޙްކުރެވުނު ޒުވާނެއްގެ ވާހަކައެވެ.
އަޅުގަނޑަކީ ކުރާ މަސައްކަތުން އެކަށީގެންވާ އާމްދަނީއެއް ލިބޭ ޒުވާނަކީމެވެ. މިހާރުގެ ޢުމުރަކީ 33 އަހަރެވެ. ވީމާ މިހާރުވެސް މިހުރީ ހަމަ ޒުވާކަމުގައެވެ. އަޅުގަނޑު ކައިވެނިކުރީ ޢުމުރުން 27 އަހަރުގައެވެ. ދަރިއަކު ލިބުނީ 29 އަހަރުގައެވެ.
ދޮގުބުނާކަށް ނެތީމެވެ! އެހެން މީހަކު ކުށްވެރިކުރާކަށްވެސް ނެތީމެވެ! ކައިވެނިކޮށް ދަރިއަކު ލިބުނުއިރުވެސް އަޅުގަނޑަކީ އަނބިމީހާއަށް ތެދުވެރިއެއް ނޫނެވެ. ލިބޭ މުސާރައިން ބޮޑުބައެއް ޚަރަދުކުރެވެނީ ހިލޭ އަންހެނުންނަށެވެ. ދަރިއަކު ލިބުމާއި ހަމައަށް އެކަމަށް ނުވެސް ވިސްނަމެވެ. އަނބިމީހާ ބޭނުންވާ ކަންކަން ކޮށްދޭނެ ފައިސާ އަތުގައި ހުންނާތީއެވެ.
ދަރިފުޅު ލިބުމުން ޚރަދުތައް ބޮޑުވިއެވެ. ދަރިފުޅުގެ ބޭހަށް ކޮންމެމަހަކުވެސް ވަރަށް ބައިވަރު ފައިސާ ޚަރަދުކުރަންޖެހުމުން ދަތިތައް ކުރިމަތިވިއެވެ. ނަމަވެސް ފުރަތަމަ ކޮޅުގައި އިސްރާފްކުރުން ހުއްޓައިލުމަކަށް ނުވިސްނަމެވެ. ނަމަވެސް ފަހުން ވިސްނަން މަޖުބޫރުވިއެވެ.
އެއިރު ހުރީ އެކަމަށް ވަރަށް ބޮޑަށް ދެވިހިފައިފައެވެ. އެހެންވެ ދީނީ ޢިލްމުވެރިއަކާއި މަޝްވަރާކޮށްލުމުން ވިދާޅުވިއެވެ! "ތިއަކަމުގެ ފުރަތަމަ ޑޯޒަކީ އެފަދަ ކަމެއް ކުރަން ބޭނުންވާއިރަށް ލޯބިލޯބި ތުއްތު ދަރިފުޅުމަތިން ހަނދާންކޮށްލާށެވެ! ދެން އޭނާއަށް ފަރުވާކޮށް ޝިފާހޯދައިދޭން މަސައްކަތްނުކޮށް ފައިސާ އިސްރާފްކުރުމުން ﷲ ތަޢާލާ ލައްވަވާނެ ކޯފާ ހިތަށް ގެންނާށެވެ! ކާމިޔާބު ނުކުރެވުނު ނަމަ އެނބުރި އަންނާށެވެ! ކާމިޔާބުކުރެވުނު ނަމަވެސް ބުނަންވާނެއެވެ!"
ކިޔުންތެރިންނޭވެ! މިއީ ދޮގެއް ނޫނެވެ. ހަމަތެދެވެ! ޢިލްމްވެރިޔާ އަރިހުން ނުކުމެގެން ދިއަ ފަހުން މިއަދާއި ހަމައަށް 3 އަހަރުވީއެވެ! އެންމެ ރުފިޔާއެއްވެސް އިސްރާފެއް ނުކުރަމެވެ. ފުރަތަމަކޮޅުގައި ކުޑަކޮށް އުނދަގޫވިއެވެ. ނަމަވެސް ޢިލްމުވެރިޔާގެ ފުރަތަމަ ޑޯޒް ހަނދާންކޮށްލުމުން ހިތަށް އެވާ ގޮތެއް ނުވެސް އެނގެއެވެ. ދަރިފުޅު ރޯއަޑު އިވޭހެންވެސް ހީވެއެވެ! ރޮމުން ބައްޕާއެވެ ބުނެ ދެއަތް ދިއްކުރާހެންވެސް ހީވެއެވެ!
އެހިސާބުން މުޅި ހަށިގަނޑު ފިނިވެގެންވެސް ދެއެވެ. ބާރަށް ދަނީ ގެއަށެވެ! އަދި ކުޑަކުޑަ ބޮޑު ސިއްރެއްވެސް ބުނާނަމެވެ. މިހާރު މުސާރަވެސް ބޮޑުވެއްޖެއެވެ. ދަރިފުޅާއި އަނބިމީހާ ގޮވައިގެން ދުއްވައިލާނެ ވެހިކަލެއްވެސް އޮފީހުން ދީފިއެވެ!
މިއަދުނޫހުގައި ޝާއިޢުކުރާ ޙަޤީޤީ ޙާދިސާތައް އަބަދުވެސް ކިޔާތީ އަޅުގަނޑުގެ މިތަޖުރިބާވެސް ހިއްޞާކޮށް މިލީ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމުގެ އުންމީދުގައެވެ! ކުރެވެމުން އައި ކުށުގެ ވާހަކަ ބުނަން ގަންނަ ލަދަށްވުރެ މިލޯބިކުރީ މިކަމުން ކިޔުންތެރިންނަށް ކުރާނެ ފައިދާއަށެވެ!
- މިއަދުނޫހުގެ ކިޔުންތެރިއެއް