ޔަތީމްކުއްޖަކު ނިކަމެތިކުރުމުން ބެލެނިވެރިކަމާ ޙަވާލުވި ދެމަފިރިންނަށް ލިބުނު ބޮޑު ކުރިއެރުމާ އުފާވެރިކަމާ އެޙާލުޖެއްސި ބޮޑުބޭބެއަށް ލިބުނު ބޮޑު ނިކަމެތިކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ޔަތީމްކުއްޖަކު ނިކަމެތިކުރުމުން ބެލެނިވެރިކަމާ ޙަވާލުވި ދެމަފިރިންނަށް ލިބުނު ބޮޑު ކުރިއެރުމާ އުފާވެރިކަމާ އެޙާލުޖެއްސި ބޮޑުބޭބެއަށް ލިބުނު ބޮޑު ނިކަމެތިކަމުގެ ވާހަކަ-

އަޙްމަދުގެ ބައްޕަ މަރުވީ ޢުމުރުން 6 އަހަރުގައެވެ. މަންމަ މަރުވީ 8 އަހަރުގައެވެ. އެހިސާބުން ބެލެނިވެރިކަމާއި ޙަވާލުވީ ބޮޑުބޭބެއެވެ. ޙަވާލުވުމަށްފަހުވެސް އަޙްމަދަކަށް އަޅައެއް ނުލައެވެ. ލޯތްބެއް ނުދެއެވެ. ގޭގެ އެހެންކުދިންނާ ވަރަށް ތަފާތުކުރެއެވެ.  

ދުވަސްކޮޅެއްފަހުން އެއްޗެތި ގޮވަން ފެށިއެވެ. އަޙްމަދަކީ ﷲ ލަޢްނަތް ލައްވަވާފައިވާ ކުއްޖެއް ކަމަށް ބުނަން ފެށިއެވެ. ބައްޕަ މަންމަ މަރުވީވެސް އަޙްމަދުގެ ސަބަބުން ކަމަށް ބުނެއެވެ. އަޙްމަދަށް އަބަދުހެން ހުންނަން ޖެހެނީ ރޮވިފައެވެ.  

ޖެހިގެން ހުރި އެޕާޓްމަންޓުގައި އުޅޭ ދެމަފިރިންނަށް އެކަން ފާހަގަކުރެވުމުން އެއް ރޭ އަޙްމަދަށް ގޮވި އެއްޗެތި ސިއްރުން ރެކޯޑްކުރުމަށްފަހު ގޮސް ބޮޑުބޭބެ އާއި ބައްދަލުކުރިއެވެ. ބުންޏެވެ! "އަޚާއެވެ! އަހުރެމެންގެ ކައިވެންޏަށް 10 އަހަރުވީއިރުވެސް ދަރިއަކު ނުލިބެއެވެ. އަހުރެމެންނަށް އަޙްމަދު ދޭންވީ ނޫންހެއްޔެވެ؟ އަހުރެމެން ދަރިއަކު ގެންގުޅޭފަދައިން އަޙްމަދު ގެންގުޅޭނަމެވެ."

ބޮޑުބޭބެ ވަޤުތުން ރުހުނެވެ. އަޙްމަދުގެ ބެލެނިވެރިކަން އެދެމަފިރިންނަށް ދިނުމުން ހަމަ އެރޭ އަޙްމަދު ފެލެޓަށް ގެނެސް ގެންގުޅެން ފެށިއެވެ. އަޙްމަދު ގެންގުޅެންފެށިތާ 2 މަސްވެސް ނުވަނީސް ފިރިމީހާއަށް ޕްރަމޯޝަން ލިބި މުސާރަ ބޮޑުވިއެވެ. ދިރިއުޅޭނެ ރަނގަޅު ފްލެޓެއްވެސް ލިބުނެވެ. އެހިސާބުން އެފްލެޓަށް ބަދަލުވީއެވެ.  

އަޙްމަދު ގެންގުޅެން ފެށިތާ ދޮޅުއަހަރުވީ ދުވަހަކީ ދެމަފިރިންނަށް އެއްމާބަނޑު ދެކުދިން ލިބުނު ދުވަހެވެ. އަމިއްލަ ދެދަރިން ލިބުމުން ދެމަފިރިން އަޙްމަދު ނިކަމެތިކުރުމުގެ ބަދަލުގައި ހެޔޮކޮށް ހިތުން އިތުރުކުރިއެވެ. އަމިއްލަ ދަރިންނަށްވުރެވެސް ބޮޑަށް އަޅައިލިއެވެ.  

މިހާރު އަޙްމަދަކީ 27 އަހަރުގެ ޒުވާނެކެވެ. ހުރީ ކިޔަވައިގެންނެވެ. އަދާކުރަނީ ބޭންކެއްގެ އެސިސްޓެންޓް މެނޭޖަރެއްގެ ވަޒީފާއެވެ. އެއިގެ އިތުރުން އަޙްމަދަކީ 2 ދަރިންގެ ބައްޕައެވެ. ފްލެޓެއްވެސް ގަނެފިއެވެ. ވަރަށް ލޯބިންނެވެ. އެކަމަކު އަދިވެސް ދިރިއުޅެނީ އޭނާގެ ބެލެނިވެރިކަމާއި ޙަވާލުވި ދެމަފިރިންގެ ގޭގައެވެ. އެމީހުންގެ ދަރިއެއްގެ ގޮތުގައެވެ.  

އަޙްމަދުގެ ބޮޑުބޭބެގެ 5 ދަރިން ތިބެއެވެ. އެއްވެސް ދަރިއަކު އަޅައެއް ނުލައެވެ. އޭނާ މިއަދު އެންމެ ދެރަވަނީ އަޙްމަދު އެއްލައިލެވުނިތީއެވެ. އަޙްމަދުގެ ކިބައިން ކަމަކަށް އެދިއްޖެނަމަ އެބޭނުމެއް ފުއްދައިދެއެވެ. ނަމަވެސް އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ. އެއީ އޭނާއާއިމެދު ކަންތައްކުރި ގޮތް ހަނދާނުން ފުހެނުލެވޭތީއެވެ.  

އަޅުގަނޑަކީ އަޙްމަދުގެ އެކުވެރިއެކެވެ. އަޙްމަދުގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ އަޙްމަދު ފަދައިން ޔަތީމްވެ ނިކަމެތިވާ ކުދިން ނިކަމެތިނުކުރަން ބުނުމަށެވެ. ކުދިންނަށް ދެރަގޮތް މެދުވެރިވަނީ ކުދިންގެ ސަބަބަކުންނޭނެވެ. އެކަމަކު އެފަދަކުދިން ދެރަކޮށް ނިކަމެތިކުރުމަކީ އެމީހަކަށް ﷲ ލަޢުނަތް ލައްވަވާނެ ސަބަބެކެވެ.

 

- ޢަލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން