މަތީ ވަޒީފާއެއް ނޫނީ އަދާނުކުރަންތިބޭ ޒުވާނުންނަށް އަގުހުރި ފިލާވަޅެއް! ސަލާން ނުޖަހައި އަމިއްލަ މަސައްކަތުން އުޅެން މަސައްކަތްކުރީމާ ތަނަވަސް ދިރިއުޅުމެއް ލިބުނު ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
މަތީ ވަޒީފާއެއް ނޫނީ އަދާނުކުރަންތިބޭ ޒުވާނުންނަށް އަގުހުރި ފިލާވަޅެއް! ސަލާން ނުޖަހައި އަމިއްލަ މަސައްކަތުން އުޅެން މަސައްކަތްކުރީމާ ތަނަވަސް ދިރިއުޅުމެއް ލިބުނު ޒުވާނެއްގެ ވާހަކަ-

ކިޔެވިފައި ހުރި ފެންވަރަށް ނުބަލާށެވެ! ލިބެން އޮތް ވަޒީފާއެއް އަދާކުރާށެވެ! ޙަލާލް ކޮންމެ މަސައްކަތެއްވެސް ކުރާށެވެ! އެއްވެސް މީހެއްގެ ކިބައިން ކަމަކަށް ނުއެދި ހަމައެކަނި ﷲ ގެ ޙަޟްރަތުން ވާގިއެދޭ އަޅުންނަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެއެވެ. އިން ޝާ ﷲ  

އެކަން މިހާދިސާއިންވެސް އެނގިލައްވާނެއެވެ. އިން ޝާ ﷲ  

އެއީ ފަޤީރު ޒުވާނެކެވެ. މާމޮޅަށް ކިޔެވިފައި ނެތުމުން ވަޒީފާއެއް ލިބުންވީ ވަރަށް ދަތިކަމަކަށެވެ. އެކަމުގައި މާޔޫސްވެގެން ހުރުމުގެ ބަދަލުގައި އޭނާ ޤަޞްދުކުރީ މަގުމައްޗަށް ނުކުމެ މީސްމީހުންނަށް މަސައްކަތްކޮށްދޭށެވެ. ގޭގެއަށް ގޮސްގެންވެސް މަސައްކަތްކޮށްދޭށެވެ. ސަލާންޖަހައިގެން ހޯދާ ފައިސާއަށްވުރެ އަމިއްލަ މަސައްކަތުން ހޯދާ ފައިސާގެ ބަރަކާތް އިތުރުވާނެތީއެވެ.  

މަސައްކަތަކަށް ފުރަތަމަ ކުރަންފެށިކަމަކީ ސްޕަމާކެޓްތަކުން ގިނަ ޢަދަދަކަށް އެއްޗެތި ގަނެގެން ނުކުންނަ މީހުންގެ ތަކެތި ކާރަށް ނުވަތަ ގެއަށް އުފުލައިދިނުމެވެ. އެ މަސައްކަތުން ފައިސާކޮޅެއް ލިބުމުން ނޫހުގައި އޭނާގެ އިޝްތިހާރެއް ޖެހިއެވެ. ފޭސްބުކްގައިވެސް އިޝްތިހާރެއް ޖެހިއެވެ. ގޭގެއަށް ގޮސް މަސައްކަތްކޮށްދޭ މީހެއްގެ ގޮތުގައެވެ.

ދުވަސްކޮޅަކުން ކޮންމެ ދުވަހަކުހެން މަސައްކަތްލިބެން ފަށައިފިއެވެ. ލިބޭ އާމްދަނީވެސް ބޮޑުތަނުން އިތުރުވެއްޖެއެވެ. އޭނާއަށް ލިބޭނެ ވަރުގެ ވަޒީފާއެއް އަދާކުރުމަށްވުރެ މާގިނަ ފައިސާ ލިބެން ފަށައިފިއެވެ.  

އެއްދުވަހަކު ގޭގައި މަސައްކަތެއް ކުރުވަން ބޭނުންވެގެން އަންހެނަކު ގުޅުމުން ދިއައިރު އޭނާއަކީ މިލިއަނަރެއްހައި ތަނަވަސް އަންހެނެކެވެ. ދެއްކި މަސައްކަތްތައްކޮށް ނިމުމުން އަގުއަދާކުރުމަށްފަހު ކޮފީތަށްޓެއް ބޯލަން މަޑުކޮށްލަން ދައުވަތުދިނުމުން އޭނާ އެ ދައުވަތު ޤަބޫލުކުރިއެވެ.  

ކޮފީބޯންތިބެގެން ދެއްކި ވާހަކަތަކުން އެޒުވާނާއަކީ ވަރަށް އަޚްލާޤް ރަނގަޅު އަދި ޒިންމާދާރު ޒުވާނެއްކަން އޭނާއަށް އެނގުނެވެ. އެހެންވެ މިހާރުކުރާ ގޮތަށް މަސައްކަތްކުރުމުން މަހަކު ލިބޭ އާމްދަނީ އޮޅުންފިލުވުމަށްފަހު އޭނާ ބުނީ މަހަކު މިހާރު ލިބޭވަރަށް ފައިސާ ދޭނެ ކަމަށާއި އޭނާގެ މުވައްޒިފެއްގެ ގޮތުގައި އެގޭގައި މަޑުކޮށް ދިނުމަށް އެދޭ ކަމަށެވެ. ހުންނާނެ ކޮޓަރިއަކާއި ކެއުމާއި އެހެންކަންކަންވެސް ހަމަޖައްސައިދޭނެ ކަމަށެވެ.  

ޒުވާނާ އެކަންކަން ޤަބޫލުކޮށް އޭނާގެ މުވައްޒިފަކަށްވިއެވެ. ކޮންމެ ދުވަހަކު ތަންތަނަށްގޮސް މަސައްކަތްކުރުމުގެ ބަދަލުގައި އެއް ތަނެއްގައި ހުރެގެން މަސައްކަތްކުރުމުން ލުއިވެފައި ލިބޭ އާމްދަނީ ގަރަންޓީވާނެތީއެވެ.  

އެ އަންހެންމީހާގެ ލޯބިވެރިއަކު ހުރެއެވެ. ދެމީހުންގެ މެދުގައި އެކުވެރިކަމެއް ނުއޮވެއެވެ. އަބަދުހެން އޮންނަނީ ދެބަސްވެ ޒުވާބުކުރުމެވެ. މިޒުވާނާއަކީ އަޚްލާޤް ރަނގަޅު ޒުވާނަކަށްވުމުން ދުވަސްކޮޅަކުން އަންހެން މީހާ އޭނާދެކެ ލޯބިވާންފެށިއެވެ. އަދި ގާތްކުރަން ފެށިއެވެ. ބޭރަށްދާއިރު ބޮޑީގާޑެއްގެ ގޮތުގައި ގެންދަންވެސް ފެށިއެވެ.  

އެގޮތުގައި އަހަރެއްހައި ދުވަހު ގެންގުޅުމުން ޒުވާނާގެ ހުރި ތެދުވެރިކަމާއި އަމާނާތްތެރިކަންވެސް ޔަޤީންކުރެވުނެވެ. އެހިސާބުން އަންހެންމީހާ ބޭނުންވީ އޭނާ އާއި ކައިވެނިކުރާށެވެ. އެކަން ހުށަހެޅުމުން ޒުވާނާ އެކަންވެސް ޤަބޫލުކުރިއެވެ.

ދެމީހުން ކައިވެނިކޮށް ކައިވެންޏަށް 16 އަހަރުވެއްޖެއެވެ. 4 ދަރިންވެސް ލިބިއްޖެއެވެ. ދިރިއުޅެމުން އަންނަނީ ހަމަ ވަރަށް އުފަލުގައެވެ. ވަރަށް ލޯބިންނެވެ.  

އަޅުގަނޑު މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކުރަން ބޭނުންވީ ރިވެތި އަޚްލާޤް ހުރުރެފައި ތެދުވެރިކަން ހުރިނަމަ އެމީހަކަށް އުފާވެރި ގޮތްތައް މިންވަރުކުރައްވަވާނެކަން މިވާހަކައިންވެސް އެނގިގެންދާތީއެވެ. މިއަދު އަހަރެމެންގެ ތެރެއިން ގެއްލިގެން މިއުޅެނީ ރިވެތި އަޚްލާޤާއި ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ.  

މިވާހަކައިގެ ޒާތަށް ބެލުމުން ބައެއް މީހުންނަށް މާ ކަމުދާ ވާހަކައަކަށް ނުވެދާނެއެވެ. ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި މިއީ ވަރަށް ޢިބްރަތްތެރި އަދި ވިސްނައިފިނަމަ ފައިދާކުރާނެ ވާހަކައެކެވެ.

 

- ނަފީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

--ޢިބްރަތްތެރި ވާހަކަ-

މިއަދު އޮންލައިން