ޢިބްރަތްތެރި ވާހަކަ: ﷲ ތަޢާލާއަށް ދެންނެވުމުން ޑޮކްޓަރު ބުނި މުއްދަތުގެ މާކުރިން ތަދުފިލައި، ބަލި މުޅިން ފަސޭހަވި މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ޢިބްރަތްތެރި ވާހަކަ: ﷲ ތަޢާލާއަށް ދެންނެވުމުން ޑޮކްޓަރު ބުނި މުއްދަތުގެ މާކުރިން ތަދުފިލައި، ބަލި މުޅިން ފަސޭހަވި މީހެއްގެ ވާހަކަ-

ޑޮކްޓަރުން ބުނާ މުއްދަތަށް ބޭސްކާން ޖެހޭނެތޯ؟ ރަމަޟާން މަސްވީމާ މިއުޅެނީ ބޭސްކާން އުނދަގޫވާތީ! 

ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ އިތުބާރުކުރެވޭ ޑޮކްޓަރަކު ވަކި މުއްދަތަކަށް ބޭސްކާން ބުނެފިނަމަ އެކަންކުރަންވާނެއެވެ. އެހެނީ އެމީހުންވެސް އެހެން އެބުނަނީ ޢެނގޭ ޢިލްމެއްގެ މައްޗަށް ބުރަވެއެވެ. 

އެކަމަކު އެކިޔާ އެންޒައިޓީ. ނަފްސާނީ ބައްޔަށްދޭ ބޭސްތަކާއިމެދު މިހެންނަކުން ނުބުނާނަމެވެ. އެބޭސްތައް މަދުކުރުމުގެ ބާރު އެމީހަކަށް ވަރަށް ބޮޑަށް ލިބިގެންވާތީއެވެ. 

ކިޔުންތެރިޔާ ވިސްނުންތެރިވެލައްވައި ތިރީގައި އެވާ ވާހަކަ ކިޔުއްވައިލައްވާށެވެ! އެހީތެރިކަންވެސް، ހިތްވަރުވެސް ލިބިލައްވާނެއެވެ. އިން ޝާ ﷲ 

އަހަރެންގެ ވާހަކަކޮޅު ތަފާތުވެދާނެއެވެ. ނަމަވެސް ވިސްނައިފި މީހަކަށް ފައިދާކުރާނެކަން ޔަޤީނެވެ. 

ފާއިތުވި 4 ދުވަހު އަހަރެން އުޅުނީ ވަރަށް ބޮޑު ވޭނެއްގައެވެ. މައިބަދައިގައި ރިއްސާތީއެވެ. ބައެއް ފަހަރު ޙަރަކާތްކޮށްލަން އުނދަގޫވާވަރަށްވެސް ތަދުވިއެވެ. އެހެންވެ ބޭސްވެސް އުނގުޅީމެވެ. އެއީ ބަލިވުމުން ފަރުވާ ހޯދުމަކީ ކުރަން އޮތް ކަމަކަށްވާތީއެވެ. 

ދެވަނަ ދުވަހު ޑޮކްޓަރަށްވެސް ދެއްކީމެވެ. އެކްސްރޭ ނަގައި ބެލުމަށްފަހު ބުނީ ވަރަށް ބޮޑަށް އަރާމުކުރަންޖެހޭނެ ކަމަށެވެ. މައިބަދައަށް ކޮންމެވެސް ކަމެއްވެފައިވާ ކަމަށެވެ. ބޭސް ބޭނުންކުރި ނަމަވެސް ތަދުފިލައިގެންދާން 2،3 ހަފްތާ ނަގާނެ ކަމަށެވެ. 

ބޭސް އުނގުޅާއިރުވެސް ހިތަށް އަރުވަމެވެ. މިއީ ހަމަ އިމްތިޙާން ކުރެއްވެވުމެކެވެ. ކެތްތެރިވާން މަސައްކަތްކުރާނަމެވެ. ނަމާދުވަގުތުޖެހުމުން ފުރަތަމަވެސް ސުވާލުކުރެވެނީ ނަމާދުކުރެވިދާނެ ކަމާއިމެދުގައެވެ. ސުވާލުކުރަމުންވެސް ވަގުތުޖެހުމާއިއެކު ނަމާދުކުރަމެވެ. އެންމެ ނަމާދެއްވެސް ނުކޮށް ދޫކޮށެއް ނުލަމެވެ. 

ހަމައެއާއިއެކު އަސްތްޣްފާރުކުރުމާއި ދުޢާކުރުން ހުއްޓައިވެސް ނުލަމެވެ. ﷲ ތަޢާލާގެ ރަޙްމަތުން އުންމީދުކަނޑައެއް ނުލަމެވެ. ހުރީ ޝިފާ ދެއްވަވާނެ ކަމުގެ ޔަޤީންކަމުގައެވެ. 

މިއަދަކީ 5 ވަނަ ދުވަހެވެ. ނިދައި ހޭލެވުނުއިރު ތަދުގެ ކަންފުޅެއްވެސް ނެތެވެ. ފާއިތުވި 4 ދުވަހު އުޅެންޖެހުނު ޙާލު މުޅިންމިވަނީ ފިލައިގެން ގޮސްފައެވެ. ޑޮކްޓަރު ބުނި 2،3 ހަފްތާ ވާނީ އެންމެ ހަފްތާއެއްވެސް ވެގެން ނޫންހެއްޔެވެ؟ ޑޮކްޓަރު ކުށްވެރިކުޜާކަށް ނެތީމެވެ. އޭނާ އެބުނީ އޭނާއަށް އެނގޭ މިންވަރުންނެވެ. އޭނާއަށް އެނގުނު ގޮތަށެވެ. 

އަހަރެންގެ ނަޞޭޙަތަކީ ޑޮކްޓަރަކު އެއްޗެއް ބުނާއިރަށް ކަންބޮޑުވެ ތެޅިފޮޅި ނުގަތުމެވެ.  ޑޮކްޓަރުންނަށްވުރެ މާމަތީ ފަރާތެއްވާކަމާއި ހުރިހާ ބާރުތަކެއް ވަނީ އެފަރާތުގައިކަން ޤަބޫލުކުރުމެވެ. އެފަރާތަކީ ﷲ ތަޢާލާކަމާއި އަކަލާނގެ ޙަޟްރަތުގައި އާދޭސް ދެންނެވުމުން ހިންމަވައިދެއްވަވާނެކަމުގެ ޔަޤީންކަމުގައި ހުރުމެވެ! އަހުރެން އަމަލުކުރީ މިކަންކަމަށެވެ. އިން ޝާ ﷲ

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން