ޢިބްރަތްތެރި ވާހަކަ: ހަށި ރަށްކަލަށް ސިހުރުވެރިއަކު ދިން ނުބައި އަކައަކުން ޖިންނި އަވަލައި ދެމަފިރިކަމަށް ހުރަސް އެޅިކަމުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 56ސ
ޢިބްރަތްތެރި ވާހަކަ: ހަށި ރަށްކަލަށް ސިހުރުވެރިއަކު ދިން ނުބައި އަކައަކުން ޖިންނި އަވަލައި ދެމަފިރިކަމަށް ހުރަސް އެޅިކަމުގެ ވާހަކަ!

"ސިޙުރުވެރިން ދޭ ތަކެތި ގައިގަ ނާޅަން، ނުވެސް ގެންގުޅެން ބުނަނީ ކީއްވެގެންތޯއެވެ؟ ގެންގުޅުނިއްޔާ ވާނީ ކޮންކަމެއްތޯއެވެ؟"

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނަން އޮތީ ސިޙުރުވެރިންގެ ގާތަށް ދިއުމުން އެމީހުން ދައްލާވާހަކަ ޤަބޫލުކުރުން ވަނީ ޝިރުކުކުރުމުގެ ތެރެއިންނެވެ. އެމީހުންދޭ އެއްޗެއް ގައިގައި އަޅައިގެންވެސް ނުވަތަ އެނޫން ގޮތަކުން ނަމަވެސް ގެންގުޅެފިނަމަ އެއޮތީ ސިހުރުވެރިޔާގެ ބަސް ޤަބޫލުކުރެވިފައެވެ. ޝިރުކުރެވިފައެވެ. 

ދެން ތިއަ ސުވާލުކުރައްވަނީ އެފަދަ އެއްޗެއް ގެން ގުޅުމުން ވާނެ ގޮތެކެވެ. ވާނެ ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ތިރީގައި އެވަނީ އެފަދަ އެއްޗެއް ގެންގުޅުނު ޒުވާނަކަށް މެދުވެރިވި ކަންކަމުގެ ވާހަކައެވެ. 

އަހަރެންނަކީ މިހާރު 33 އަހަރުގެ ޒުވާނެކީމެވެ. އުމުރުން 27 އަހަރުގައި ވަރަށް ބޮޑަށް ހިތްބިރުގަންނަފެށުމުން ގިނަ ބައެއްގެ ލަފައާއިއެކު ފަންޑިތަވެރިއަކާ މަޝްވަރާކުރީމެވެ. އޭނާ ކުރިކަމެއްކޮށްފައި ދިނީ ލިޔެ އަކަތަކެއް ކުރަހާފައިވާ ކަރުދާސްކޮޅެކެވެ. ދީފައިބުނީ ވޮލެޓުގައި ރައްކައުތެރިކަމާއިއެކު ގެންގުޅުމަށެވެ. އަދި އެއްވެސް މީހަކަށް އެ ނުދެއްކުމަށެވެ. 

އެއިރުވެސް އުޅުނީ ކައިވެނިކުރުމަށްޓަކައި ކުއްޖަކާއި ގުޅިގެންނެވެ. އެކަމުގެ މައުލޫމާތުވެސް އޭނާ އޮޅުންފިލުވިއެވެ. ޖެހިގެން އައި އަހަރު އެކުއްޖާ އާއި ކައިވެނިކުރީމެވެ. ނަމަވެސް ހިތާމައަކީ 2 އަހަރަށްވުރެ ގިނަ ދުވަހު ނުހަނު ލޯބިން ވާހަކަދައްކައި އަދި ފެނިދެނިވެ ގުޅުންބަދަހިކުރުމަށްފަހު ކުރި ކައިވެނި ރޫޅެން ދިމާވުމެވެ. ސަބަކަށްވީ ހަމަ އަހަރެންނެވެ. 

ކައިވެންޏަށް 2 މަސްދުވަސްވީއިރުވެސް އަނބިމީހާ އާއިއެކު އެއްވެސް ގުޅުމެއް ނުބޭއްވުނީތީއެވެ. ނިޔަތްގަނެގެން އުޅުނު ނަމަވެސް އެނދުގައި އޮށޯވެވޭތަނުން ނިދުން ފަދަ ކަންކަން މެދުވެރިވާތީއެވެ. އަނބިމީހާ ވަރަށް ރޮއި އާދޭސްކުރިއެވެ. ނމަވެސް އެއްވެސް ކަމެއް ހަމަ ރަނގަޅު ނުކުރެވުނީއެވެ. ދުވާލުވެސް އޮށޯންނައިރަށް ކޮންމެވެސް ކަމެއް މެދުވެރިވާތީ އަނބިމީހާ އާއި ހަމައެއްވެސް ގުޅުމެއް ނުބޭއްވުނީއެވެ. 

އެންމެފަހުން އަނބިމީހާ އެދުމުން ހިތާއި ދެކޮޅަށް ނަމަވެސް މަޖުބޫރުވީ ކައިވެނި ރޫޅައިލުމަށެވެ. އެއ އަހަރެންގެ ކިބައިން ކައިވެނީގެ އެއްވެސް އުފަލެއް އޭނާއަށް ނުދެވުނިތީއެވެ. އެއިގެ 4 ވަރަކަށް މަސްފަހުން އޭނާ އެހެން ފިރިހެނަކާއި ކައިވެނިވެސްކޮށްފިއެވެ. އެކަން ވެގެންދިއައީ އަހަރެންގެ ޙަޔާތަށް ލިބުނު އެންމެ ބޮޑު ހތާމަކަމަށެވެ. 

އެދުވަސްވަރު ވަރަށް ގާތް އެކުވެރިއެއްގެ ގެއަށް ދެވުނުއިރު އެކުވެރިޔާގެ ކޮއްކޮއަށް ކަމެއް ދިމާވެގެން ރުޤްޔާކުރަނީއެވެ. އެތަނުގައި ކުޑައިރުކޮޅަކު މަޑުކޮށްލިތަނާ ނިދުނީއެވެ. ހޭލެވުނީ އެނދެއްގައި އަހަރެން ބާއްވައިގެން ގައަށް ފެންއަޅަނިކޮށެވެ. ރުޤްޔާކުރަން ތިބި މީހުން އެއިރު ކިޔަވަންތިބީ އަހަރެންގެ ގާތުގައެވެ. 

ހޭއަރައި ހަމަޖެހިލެވުނުއިރު އަހަރެންގެ ވޮލެޓް އޮތީ އެކުވެރިޔާގެ އަތުގައެވެ. ވޮލެޓުން އެއަކަ ނަގާފައި ރުޤްޔާކުރާ މީހާއަތަށް ދިނުމުން އޭނާ ސުވާލުކުރިއެވެ. މިއީ ކީއްކުރަން ކޮން ބޭނުމަކު ކާކުދިން އެއްޗެއްތޯއެވެ؟ ކިޔައިދޭން ބޭނުމެއް ނުވިއެވެ. ކިޔައިދޭން މަސައްކަތްކުރުމުން ދުލުން ވާގިދާހެންވެސް ހީވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި އެކަންވެފައި އޮތްގޮތް ކިޔައިދިނީމެވެ. 

އަހަރެންގެވާހަކަ އަޑުއަހާފައި އެތަނުން މީހަކު ބުންޏެވެ. ކޮއްކޮ އަތަކުން އެއްވެސް އަގެއްވެސް ބޭނުމެއް ނޫނެވެ. ކޮއްކޮއަށް ޖެހިފައި ތިއަހުރި މުޞީބާތުން ސަލާމަތްކޮށްދެވޭތޯ އެހީތެރިވާނަމެވެ. މިކަރުދާހުގެ ކަނުގައި މިއިން އަކައަކީ ޖިންނީގެތެރެއިންވެސް ނުބައިކަންބޮޑު ޖިންނިއަކަށް ނިޞްބަތްވާ އަކައެވެ. އޭނާ ވަނީ ކޮއްކޮގެ މައްޗަށް ގަދަވެގެންފައެވެ. އޭނާގެ ކިބައިން ސަލާމަތް ނުވެވި ކައިވެންޏެއް ކުރިނަމަވެސް ދިރިއެއް ނުއުޅެވޭނެއެވެ. އެއީ ނުބައި ކާފިރުކަންބޮޑު އަންހެން ޖިންނިއެކެވެ. 

ކޮންމެއަކަސް އެއީ ވަރަށް ރަނގަޅު ބައެކެވެ. އެޖިންނީގެކިބައިން އަހަރެން ސަލާމަތްވީ އެމީހުން 3 މަސްދުވަހު މަސައްކަތްކޮށްދިން ފަހުންނެވެ. އަހަރެންނަށް އެލަނޑުދިން މީހާ އާއި ބައްދަލުކޮށް އެވާހަކަތައް ދައްކަން އަހަރެން ބޭނުންވިއެވެ. އަހރެންއަތުން 3000 ރުފިޔާވެސް އަތުލުމަށްފަހު އެހައިބޮޑު ގެއްލުމެއް އަހަރެންނަށް ދިނީ ކީއްވެތޯ އޮޅުންފިލުވުމަށެވެ. ނަމަވެސް ދާތަނުން ދީފާނެ ލަނޑަކަށް ބިރުން އަހަރެން ނުދަމެވެ. 

އެއިގެ ހައަކަ މަސްފަހުން ބައްދަލުވި ކުއްޖަކާއި ކައިވެނިކޮށް ދިރިއުޅެމުން މިދަނީ ވެސް ވަރަށް އުފަލުގައެވެ. މިހާރުވެސް އަހަރެންގެ ފުރަތަމަ ލޯބިވެރޔާމަތިން ހަނދާންވުމުން ދެރަނުވަނީއެއް ނޫނެވެ. ނަމަވެސް އެދޭހައިކަމެއް އެދޭހައި ގޮތަށް ނުވެދާނެކަން ޤަބޫލުކޮށް ކެތްތެރިވަނީއެވެ. މިއީވެސް ރަނގަޅަކަށް މެދުވެރިވި ގޮތެއް ކަމަށް ޤަބޫލުކޮށްގެންނެވެ. 

މިއީ އަހަރެންގެ އަމިއްލަ ތަޖުރިބާއެވެ. މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާމިކުރީ އަހަރެންނަށް ހެދުނު ގޯސްތައް ކިޔައިދިނުމަށެވެ. ފުރަތަމަ ގޯހަކީ ސިހުރުވެރިއެއްގެ ގާތަށް ދެވުނުކަމެވެ. ދެވަނަކަމަކީ އޭނާއަށް އިތުބާރުކޮށް އޭނާ ދިން އަކަ އެއްވެސް މީހަކަށް ނުވެސް ދައްކައި ގެންގުޅެވުނުކަމެވެ. 

އަހަރެންގެ އާދޭހަކީވެސް އިލްތިމާސަކީވެސް އަހަރެންނަށް ކުރިމަތިވި ފަދަ ކަމެއް ކުރިމަތިނުވާނެ ގޮތަށް ވިސްނައިގެން އެންމެންވެސް އުޅުމެވެ. ސިހުރުވެރިންގެ ގާތަށް ހަމަ އެއްވެސް ކަމަކު ނުދިއުމެވެ. އެމީހުން ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުވެސް ނުކުރުމެވެ. ސިހުރުވެރިންނާއިމެދު ޢިލްމުވެރިން ދައްކަވާފައި ހުންނަ ވާހަކަތައް ޤަބޫލުކުރުމެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން