ޢިބްރަތުން ފުރިގެންވާ ޙަޤީޤީ ޙާދިސާއެއް! ފިރިމީހާ ލޯބިދެމުން ދަނިކޮށް ގަދަކަމުން ވަރިވި އަންހެނަކަށް މެދުވެރިވި ނިކަމެތި ޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ޢިބްރަތުން ފުރިގެންވާ ޙަޤީޤީ ޙާދިސާއެއް! ފިރިމީހާ ލޯބިދެމުން ދަނިކޮށް ގަދަކަމުން ވަރިވި އަންހެނަކަށް މެދުވެރިވި ނިކަމެތި ޙާލުގެ ވާހަކަ-

އަޅުގަނޑުގެ އެކުވެރިއަކު އޭނާގެ އަނބިމީހާދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް އަނބިމީހާ އޭނާ ދެކެ ލޯތްބެއް ނުވެއެވެ. މައްސަލައަކަށްވަނީ ފިރިމީހާއަކީ މިޒަމާނުގެ މީހުންގެ ކިބައިގައި ހުންނަ ޒަމާނީ ސިފަތައް ނެތުމެވެ. މަޑުމައިތިރި، ބަސްމަދު މީހެއްކަމެވެ. ޑިސްކޯ މީހަކަށްނުވާކަމެވެ.

މިޙާލަތުގައި އެކުވެރިޔާގެ އަނބިމީހާއަށް ވިސްނައިދޭން ބޭނުންކުރެވިދާނެ ޢިބްރަތްތެރި ވާހަކައެއް އެބައޮތްތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނަންޖެހޭނީ ތިއަ ކަމަށް ޢިބްރަތްތެރި ވަރަށް ގިނަ ވާހަކަތައް މިއަދުނޫހުގެ ޙަޤީޤީ ޙާދިސާ ބައިން ފެންނަން ހުންނާނެއެވެ. ތިއަ މައްސަލަ ދިމާވަނީ ހަމައެކަނި އަންހެނުންނަށް ނުވަތަ ފިރިހެނުންނަކަށް ނޫނެވެ. ދެބައި މީހުންނަށްވެސް ދިމާވެއެވެ. ހެޔޮލަފާ ރަނގަލު ބައިވެރިއަކު ހިތުގައި ޖައްސުވާފަ ކައިވެނި ރޫޅާލަން ހެޔޮ ނުވާނެއެވެ. އެއީ ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. 

ތިރީގައި އެވަނީ ޝައިޚް ޢަލީ ޒައިދު ދަރުސެއްގައި ވިދާޅުވެފައިވާ ވަރަށް ޢިބްރަތްތެރި ޙަޤީޤީ ޙާދިސާއެއްގެ ވާހަކައެވެ.  

ސައުދި އަރަބިޔާގައި އުމުރުން ތަފާތު ބޮޑުކޮށް ކައިވެންޏެއް ކުރެވުނެވެ. ކައިވެންޏަށްފަހު ފިރިމީހާ އަންހެން ކުއްޖާގެ މައްޗަށް އިންތިހާއަށް ލޯބި ޖެހި އެކުގައި އުޅެން ބޭނުންވިއެވެ. ނަމަވެސް އަނބިމީހާ ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް ވަރިވާށެވެ. އެހެންކަމުން ފިރިމީހާ އާދޭސްކޮށްކޮށް ހުއްޓައި އޭނާ ވަރިވެގެން ދިއައީއެވެ. 

ދެން އެ ފިރިހެންމީހާ ހުރީ އޭނާއަށް އެ އަނބި މީހާ ދެއްވެވުން އެދި ދުޢާކުރުންމަތީގައެވެ. ހުއްޓައި ޚަބަރު ލިބުނީ ހަމަ އޭނާގެ ޢާއިލާގެ އޭނާއަށްވުރެ އުމުރުން ދުވަސްވީ މީހަކު އޭނާ ވަރިކުރި އަންހެން މީހާ އާއި ކައިވެނި ކުރި ޚަބަރެވެ. ލިބުނު މާޔޫސްކަން ވަރަށް ބޮޑުވިއެވެ. 

ނަމަވެސް ކަންކަން ވެގެންދިއައީ ކިހިނަކުން ހެއްޔެވެ؟ މަހެއްހައި ދުވަސް ފަހުން ހެދި ޓެސްޓަކުން އެނގުނީ އެ އަންހެންމީހާގެ ދެ އުރަމައްޗަށް ކެންސަރު ޖެހިފައިވާ ކަމެވެ. ފިރިމީހާއަށް ޖެހުނީ އަބަދު އަނބިމީހާ ގޮވައިގެން ހޮސްޕިޓަލުތަކުގައި އުޅޭށެވެ. އޭނާގެ ޓޭސްޓްތައް ހެދުމާއި ފަރުވާ ކުރުމުގައެވެ. އެގޮތަށް އެކަންކަމުގައި އަވަދި ނެތި އުޅެއުޅެ ހުއްޓައި 9 ވަނަ މަހުގައި އަންހެން މިހާ ވަނީ ދުނިޔެ ދޫކޮށްފައެވެ. 

ވިސްނައިލާށެވެ! އޭނާގެ އަލަތު ފިރިމީހާ، އޭނާގެ އަނބިމީހާ ދެކެވާ ލޯބިން ދުޢާކޮށްކޮށްހުރީ ކައިވެނި ނުރޫޅުމަށެވެ. ނަމަވެސް ކައިވެނި ރޫޅުނީއެވެ. އެކަމުގައި ފޮރުވިގެންވާ ޙިކުމަތް އޭނާއަށް ނުއެނގޭތީ އޭނާ ހިތާމަވެސްކުރިއެވެ. 

ޙަޤީޤަތަކީ އަންހެން މީހާ އޭނާގެ ފިރިމީހާ ދެކެލޯބިނުވާތީ އޭނާއަށް އުފުލަންޖެހެން އޮތް ތަކްލީފުން އެ ފިރިމީހާ ސަލާމަތްކުރެއްވެވުން ކަމަށް ޥިސްނައިފިނަމަ ޢިބްރަތެއް ޙާޞިލުކުރެވޭނެއެވެ. 

ވީމާ ދުޢާ ކުރުމުން އެދޭ ގޮތަށް ކޮންމެފަހަރަކު އިޖާބަ ނުކުރެއްވެވުމަކީ ދުޢާ އިޖާބަ ނުކުރެއްވެވުން ކަމުގައި ނުދެކޭށެވެ. އަހަރެމެންނަށް ރަޙްމަތަކަށްޓަކައި ވެސް ﷲ ތަޢާލާ، އަހަރެމެން ކުރާ ދުޢާ އިޖާބަ ނުކުރައްވަވައި ލަސް ކުރައްވަވަތެވެ. ވީމާ އޮތީ ދުޢާ ކުރުމަށްފަހު ކުރިމަތިވާ މިފަދަ ކަންކަމަށް ވިސްނައި ކެތްތެރިވުމެވެ. ﷲ ތަޢާލާ އެއްވެސް މީހެއްގެ ދުޢާ އިޖާބަ ނުކުރައްވަވައި ދުލެއް ނުކުރައްވަވާނެތެވެ.

- ޝައިޚް ޢަލީ ޒައިދުގެ ދަރުސަކުން

 

މިއަދު އޮންލައިން