"އަޅުގަނޑުމެން ދެމީހުންވެސް އެކަކު އަނެކަކުދެކެ ވަރަށް ލޯބިވެއެވެ. އެކަމަކު ދެމީހުންގެ މެދުގައި ވަރަށް ގިނައިން މައްސަލަތައް ޖެހެއެވެ. ޖެހޭ ކުދިކުދި މައްސަލަތައް ވަރަށް ހޫނުވެގެންވެސް ދެއެވެ. މިފަދަ ޙާލަތުގައި ކުރަން އެންމެ ރަނގަޅު ކަމަކީ ކޮބައިތޯއެވެ؟ މިސުވާލުކުރަން މިޖެހުނީ މައްސަލަތައް ޖެހުނަސް ވަކިވާން އެކަކުވެސް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ އެކުގައި އުޅެންކަމަސްވާތީއެވެ."
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ ޙާލަތުގައި ޙައްލަކީ މިވެނިކަމެއްކަމަށް ބުނަން އުނދަގުލެވެ. ނަމަވެސް އިބްން ޢައްބާސްގެ ބަސްފުޅެއް އޮވެއެވެ. އެއީ ކޮންމެ ކަމަެއް ޖެހުނަސް އަސްތަޣްފާރުކުރުމަށްވުރެ ކުރަން ރަނގަޅުކަމެއް އެނގިވަދައި ނުގަންނަވާ ކަމަށް ވިދާޅުވެފައިވާ ބަސްފުޅެވެ.
ތިރީގައި އެވަނީ އެއީ ވަރަށް ބޮޑު ޙަޤީޤަތެއްކަން އަންގައިދޭ ވާހަކައެކެވެ.
އަހަރެމެންގެ ކައިވެންޏަށް އެއިރު 12 އަހަރެވެ. 10 އަހަރުން ދަށުގެ 3 ދަރިންވެސް އެއިރު ތިއްބެވެ. އަހަރެމެން އުޅެމުން އައީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. ނަމަވެސް ކުއްލިއަކަށް މައްސަލަތައް ޖެހެން ފެށީއެވެ. ބައެއް ފަހަރު އަނބިމީހާއަށް ބަލައިލެވޭ ގޮތްވެސް އޮންނަނީ މައްސަލައަކަށްވެފައެވެ.
ވާނުވާއެއް ނުއެނގެއެވެ. އެފަދަ ގޮތެއް މެދުވެރިވާންޖެހުނީ ކީއްވެގެންކަން ދެމީހުންކުރެ އެކަކަށްވެސް ނުވިސްނެއެވެ. އެގޮތަށް ކަންތައްތައް މެދުވެރިވާން ފެށުމުން އަހަރެންނަށްވެސް ބަދަލުތަކެއް އަންނަން ފެށިއެވެ. ކުދިކުދި ކަންކަމާއިހުރެވެސް ރުޅި ގަދަވާން ފެށިއެވެ.
ދެމީހުންކުރެ އެކަކުވެސް ކައިވެނި ރޫޅައިލާކަށް ވެސް ބޭނުމެއް ނުވެއެވެ. މައްސަލަތައް ޙައްލުކޮށް އެކުގައި ދިރިއުޅެން ބޭނުންވެއެވެ. ނަމަވެސް ޙައްލުކުރާނެ ގޮތެއް ވަނީ ނުއެނގިފައެވެ. އެހެންވެ އެންމެފަހުން ކެތް ނުކުރެވިގެން ދީނީ ޢިލްމުވެރިއަކާއި މަޝަވަރާކުރީމެވެ.
އޭނާ ބުނީ ދެމަފިރިންވެސް އަސްތަޣްފާރުކުރުން ގިނަކުރުމަށެވެ. އެހެންވެ ދެމަފިރިންވެސް އެކަން ކުރަންފެށީމެވެ. އެއިރުވާނި 10 ވަރަކަށް ދުވަހެވެ. އެއް ރޭ ކުއްލިއަކަށް ކަންކަން މާބޮޑަށް ގޯސްވިއެވެ. އުފެދުނު ކުޑަކުޑަ ޚިޔާލުތަފާތުމެއް ހޫނުވެ ފުރަތަމަ ފަހަރަށް ވަރީގެ ވާހަކަ ދެކެވުނެވެ. ވަގުތުން ވަރިކުރުން ނޫން ޙައްލެއްވެސް ނެތް ހިސާބަށް ކަންކަން ދިއައެވެ.
އެހާލަތުގައި އަހަރެންވަނީ ފާޚާނާއަށެވެ. ފެންވެރީމެވެ. ވުޟޫކުރީމެވެ. 2 ރަކްޢަތް ނަމާދެއްވެސް ކުރީމެވެ. އެއަށްފަހު ގެއިން ނުކުމެ ޖޯލިފަތީގައި އޮށޯތީމެވެ. އަސްތަޣްފާރުކުރަން ފެށީމެވެ. 1000 ފަހަރު ހަމަވިތަނާ ނިދި ޖެހިއްޖެއެވެ. ހޭލެވުނީ ގަޑިއެއްހައިއިރު ފަހުންނެވެ. ހޭލެވުނުއިރު ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ސިކުނޑީގައިހުރި ނުތަނަވަސްކަން އެކުގައިހެން ފިލައިފައެވެ.
ޛިކުރުކުރަމުން ގެއަށްވަނީމެވެ. ކޮޓަރިއަށް ދިއައިރު އަނބިމީހާ އިނީ މުސައްލަމަތީގައި ޤުރްއާން ކިޔަވާށެވެ! އަހަރެން ފެނުމާއިއެކު ކިޔެވުން ހުއްޓާލާފައި އައިސް އަހަރެންގެ ގައިގައި ބައްދައިގަތެވެ. އަދި ދިއައީ ކޮން ތަނަކަށްތޯ ސުވާލުކުރަން ފެށުމުން ބޭރަށް ނުދާކަމަށާއި ގަސްދަށުގައި ޖޯލީގައި މަޑުކޮށްލީ ކަމަށް ބުނީމެވެ.
ކިޔުންތެރިންނޭވެ! އެއިގެ ފަހުން 5 އަހަރު ފާއިތުވީއެވެ. ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހުނު ހަނދާންވެސް ދެމީހުންކުރެ މީހަކު ނެތެވެ. އެރެއަށްފަހު ދުވަހަކުވެސް ދެބަހެއް ނުވަމެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ އެންމެ ފުރަތަމަވެސް އުޅުނުފަދަ އުފާވެރިކަމުގައެވެ.
ސަބަބަކަށް މެދުވެރިވީ މިވެނިކަމެއްކަން ބުނަން ނުއެނގުނު ނަމަވެސް ކަންހިނގައިދިއަގޮތް މިކިޔައިދިނީއެވެ. ހުރިހާ ކަމެއް ޙައްލުވި ސަބަބަކީ އަސްތަޣްފާރުކުރުން ކަމަށް ބުނުން ނޫން ގޮތެއް ނުވިސްނެއެވެ. އަދި އެއިރުން ފެށިގެންވެސް މިގެންދަނީ ވެވުނުހައި ގިންއިން އަސްތަޣްފާރުކުރަމުންނެވެ.
މިކިޔައިދިނީ ކަންކަން މެދުވެރިވި ގޮތެވެ! ކިޔުންތެރިން ވިސްނަން ބޭނުން ގޮތަކަށް ވިސްނާށެވެ!
- މިއަދުނޫހުގެ ކިޔުންތެރިއެއް