ޢިބްރަތްތެރި ވާހަކަ: ގެއަށް އަންނަ ތަނަވަސް ޒުވާނާއާ ދަރިފުޅުގެ ކައިވެނި ނުކުރެވިދާނެ ކަމުގެ ބިރަށް ނިކަމެތިކޮށްލި ނޯކަރާ އެޒުވާނާ ކައިވެނިކުރި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 46ސ
ޢިބްރަތްތެރި ވާހަކަ: ގެއަށް އަންނަ ތަނަވަސް ޒުވާނާއާ ދަރިފުޅުގެ ކައިވެނި ނުކުރެވިދާނެ ކަމުގެ ބިރަށް ނިކަމެތިކޮށްލި ނޯކަރާ އެޒުވާނާ ކައިވެނިކުރި ގޮތުގެ ވާހަކަ-

އަޅުގަނޑުގެ ބައްޕަ ނިޔާވީ އަޅުގަނޑުގެ ޢުމުރުން 13 އަހަރުގައެވެ. ވަރަށް ދަތިޙާލުގައި މަންމަ އަޅުގަނޑުގޮވައިގެން އުޅެމުން ދަނިކޮށް ޢުމުރުން 16 އަހަރުގައި މަންމަވެސް ނިޔާވެއްޖެއެވެ. އެހިސާބުން އެކަނިވީއެވެ. 

މަންމަގެ ގެއިން މަންމައަށް ކޮޓަރިއެއް ލިބިފައި ހުރީތީ މަގުމައްޗެއް ނުވެއެވެ. މަންމަ ނިޔާވުމުން އެއްވެސް މީހަކު އަޅުގަނޑަކާއި އަޅައެއް ނުލިއެވެ. ކައި ބޮއި ހަދާނެ ގޮތެއްވެސް ނެތުމުން ގެއަކުން ނޯކިރީއެއް ހޯދައިގެން މަސައްކަތްކުރަން ފެށީމެވެ. 

ފުރަތަމަ ކޮޅުގައި އެގޭގެ މީހުން އަޅުގަނޑަކަށް ގޯހެއް ނޫނެވެ. ނަމަވެސް އެގޭގައި އުޅެމުންދާތާ އަހަރެއްހައިދުވަސްވީފަހުން މައްސަލަތަކެއް ޖެހެން ފެށިއެވެ. އެއީ އެގެއަށް ގޮސްއުޅުނު ތަނަވަސް ޒުވާނަކު އަޅުގަނޑާއި ވާހަކަދައްކަން ފެށުމުންނެވެ. 

އެޒުވާނާއާއި ވާހަކަދެއްކުން މަނާކުރިއެވެ. އެހެންވެ ވާހަކަ ނުދައްކަން މަސައްކަތްކުރީމެވެ. ނަމަވެސް ކުރިމައްޗަށް އަރައި ވާހަކަ ދެއްކީމާ އަޅުގަނޑަކަށްވެސް އަނގައިން ނުބުނެ ނުހުރެވެއެވެ. އެތަން ފެންނާތީ އެމީހުން އަޅުގަނޑަށް ނަފްރަތުކުރަމުން ގޮސް ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރު ދައްކަން ފެށީމާ އަޅުގަނޑު އަމިއްލައަށް ނޯކިރީ ދޫކޮށްލާފައި ދިއައީއެވެ. 

އެމީހުން އަޅުގަނޑުދެކެ ރުޅި އައީ އެމީހުން ބޭނުންވެގެން ތިބީ އެގޭގެ އަނހެންކުއްޖަކާއި އެޒުވާނާ އާއި ގުޅުވަންކަމަށްވެފައި އެކަމަށް އަޅުގަނޑަކީ ހުރަހަކަށްވެދާނެ ކަމަށް ވިސްނިގެންނެވެ. އެމީހުންނަށް އެގޮތަށް ވިސްނުނު ނަމަވެސް އެބާވަތުގެ އެއްވެސް ވާހަކައެއް އޭނާ އަޅުގަނޑު ގާތަކު ނުދައްކައެވެ. ހިތްހެޔޮކަމާއިއެކު ޙާލު އަހައިލުން ނޫން ވާހަކައެއް ނުދައްކައެވެ.   

އެއިރު އަޅުގަނޑަށް ހުރީ 18 އަހަރު ފުރިފައެވެ. އެހެންވެ ވަޒީފާއެއް ހޯދުމުގެ ބޭނުމުގައި މަގުތަކުގައި ހިނގީމެވެ. އެއީ މުވައްޒިފުން ބޭނުންވެގެން އިއުލާނުކޮށްފައި ހުންނަ ފިހާރައެއް ހޯދުމުގެ ބޭނުމުގައެވެ. އެގޮތަށް ހިނގާތާ 3 ވަނަ ދުވަހު މުވައްޒިފުން ބޭނުންކަމަށް ނޯޓިސް ޖަހާފައި ހުރި ފިހާރައެއް ފެނުމުން ވަނީމެވެ. 

ވަދެ ކައުންޓަރުގައި ތިބި މީހުންނާއި ވާހަކަދައްކަންހުއްޓައި އެޒުވާނާ ވަދެގެން އަންނަތަން ފެނުނީމާ މަޑުކޮށްލައިގެން ހުއްޓައި އައިސް ބުނީ އޭނާގެ ފަހަތުން ދިއުމަށެވެ. އަޅުގަނޑު ދިއައިމެވެ. ގޮސްވަނީ އެތަނުގައި ހުރި ކުޑަވަރެއްގެ އޮފީހަކަށެވެ. 4 މުވައްޒިފަކު މަސައްކަތްކުރަންވެސް ތިއްބެވެ. 

އެތަނުގައި ހުރި ސޯފާއެއްގައި އިށީންނަން ބުނުމުން އިށީނުމުން އެގެއިން ދިއައީ ކީއްވެގެންތޯ ސުވާލުކުރީމާ ކަންކަން ވީގޮތް ކިޔައިދިނީމެވެ. އަދި އެފިހާރައަށް ވަން ބޭނުންވެސް ބުނީމެވެ. އޭނާ ބުނީ އަނެއް ދުވަހު އޭނާގެ އޮފީހަށް ދިއުމަށެވެ. އެހެން ބުނެފައި އެޑްރެސްކާޑުވެސް ދިނެވެ. އަޅުގަނޑު ވަރަށް އުފާވިއެވެ. އެއީ ރަނގަޅު ވަޒީފާއެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. އެހެންވެ ވަރަށް ބޮޑަށް ޝުކުރު އަދާކުރީމެވެ. 

އެރޭ ކޮޓަރީގައި ޢިޝާނަމާދުކޮށްގެން ސުންނަތްކޮށް ނިމުނުތަނާ ފޯނުވާންފެށުމުން ނަގާފައި ބަލައިލިއިރު އެ ޒުވާނާއެވެ. ފޯނަށް ޖަވާބު ދިނުމުން ބުނީ ވާހަކަ ދައްކާލަން ބައްދަލުކޮށްލަން ބޭނުންވާ ކަމަށެވެ. އެހެން ބުނެފައި ބުނީ ބައިގަޑިއިރުފަހުން ގޭގެ ދޮރުމައްޗަށް ކާރުގައިދާނެ ކަމަށާއި ނުކުމެ ހުރުމަށެވެ. 

އޭނާއަށް އިތުބާރުކުރެވޭތީ އޭނާއާއިއެކު ދިއައިމެވެ. އެއީ ފިރިހެނަކާއި ބައްދަލުކުރަންޖެހުނު ފުރަތަމަ ފަހަރުކަމަށްވުމުން ހުރީ ވަރަށް ބިރުންނެވެ. ނަމަވެސް ހިތްވަރުކޮށްފައި ދިއައީ އެކަމުން ހެޔޮ ގޮތެއް މެދުވެރިވެދާނެ ކަމުގެ އުންމީދު ބޮޑުކަމުންނެވެ. 

ދިއައީ ރެސްޓޯރަންޓަކަށެވެ. އެތަނުގައި ތިބެގެން އޭނާ ބުނީ އެގެއިން އަޅުގަނޑު ފެނުނީންސުރެ އަޅުގަނޑަސް ޝައުޤުވެރިވާ ކަމަށާއި އަޅުގަނޑާއި ގުޅެން ބޭނުންވާ ކަމަށެވެ. އެހެން ބުނުމުން އަޅުގަނޑުގެ ހުރި ނިކަމެތިކަން ކިޔައިދިނީމެވެ. އަދި ބައްޕަނިޔާވުމުން ދިރިއުޅެންޖެހުނު ދަތިޙާލުގެ ސަބަބުން ނުކިޔެވިހުރިކަމަށްވެސް ބުނީމެވެ. 

އަޅުގަނޑު ބުނީ ކިތަންމެ ނިކަމެތި ނަމަވެސް ޢިއްފަތްތެރިކަމާއި ޢަބުރު ނަގާލަން ބޭނުންނުވާ ކަމަށެވެ. އެފަދަ ކަމެއް ކޮށްފިނަމަ މަންމައަށް ކައްވަޅުގައި އޮންނަންވެސް އުދަގޫވާނެ ކަމަށެވެ. އެހެންވެ އޭނާ އަޅުގަނޑުގެ ޙާލު ޤަބޫލުކޮށް އަޅުގަނޑާއި ގުޅެން ބޭނުންނަމަ ކައިވެނިކުރުމަށެވެ. 

ޖެހިގެން އައި ހަފްތާގައި އޭނާ އަޅުގަނޑާއި ކައިވެނިކުރިއެވެ. ކައިވެނީގެ ޙަފްލާއަށް އޭނާގެ ރައްތެހިންނަށް ދަޢުވަތުދިންއިރު އަޅުގަނޑު އުޅުނު ގޭގެ މީހުންނަށްވެސް ދަޢުވަތުދިނެވެ. އެމީހުން އައިސް ފުރަތަމަވެސް އެދުނީ އަޅުގަނޑުގެ ކިބައިން މާފަށެވެ. އަޅުގަނޑު ހިތްބުރަކަމެއް ނުބާއްވަމެވެ. މާފުކުރީމެވެ. 

އެކައިވެނީގައި މިހާރު 9 އަހަރުވީއެވެ. ފިރިމީހާ އަޅުގަނޑަށްވުރެ 10 އަހަރު ދޮށްޓެވެ. އޭނާ އަޅުގަނޑު ގެންގުޅެނީ އަޅުގަނޑުގެ ނިކަމެތިކަން ދަނެގެންނެވެ. އަޅުގަނޑުވެސް އުޅެނީ އަޅުގަނޑުގެ ނިކަމެތިކަން ޤަބޫލުކޮށްގެންނެވެ. އެހެންވެ ދުވަހަކުވެސް ދެބަސްވާކަށް ނުޖެހެއެވެ. އަދި މިހާރު އޭނާއަކީ ކައިވެނިކުރި އިރަށްވުރެ މާތަނަވަސް މީހެކެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކިތަންމެ ޒުވާން ޢުމުރުގައި އެކަނި އުޅެންޖެހުނު ނަމަވެސް ﷲ އަށް ބިރުވެތިވެ ނަމާދުކޮށް ދުޢާކުރާށެވެ! އެކަލާނގެއީ ނިކަމެތިން ނިކަމެތިކަމާއިއެކު ކުރާ އާދޭސްތައް އައްސަވައި ވޮޑިގަންނަވާ އަދި ދުޢާ ޢިޖާބަކުރައްވަވާ ރަސްކަލާނގެއެވެ. 

- ނަޞީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން