ސަމާލުކަން ދެއްވާ! މިއީ އެކަމަކަށް ފަރުވާކުޑަކުރެވުމުގެ ސަބަބުން ކުރާ ނަމާދު ޞައްޙަނުވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ސަމާލުކަން ދެއްވާ! މިއީ އެކަމަކަށް ފަރުވާކުޑަކުރެވުމުގެ ސަބަބުން ކުރާ ނަމާދު ޞައްޙަނުވާނެ ކަމެއް!

ބައެއް މީހުންނަށް އެކަމަކަށް ފަރުވާކުޑަކުރެވުމުގެ ސަބަބުން އެމީހުންކުރާ ނަމާދު ޞައްޙަނުވާ ކަމެއްގެ ވާހަކަ ބުނެލާނަމެވެ. މިއީ ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ކަމެކެވެ. 

ބައެއް މީހުން ކުޑަކަމުދާން އިށީނދެފައި ރަނގަޅަށް ނުނިމެނީސް އެބަ ތެދުވެއެވެ. ކޮންމެވެސް ކަމަކަށް އަވަސްވެގަންނަން ބޭނުންވެގެންނެވެ. ބައެއް މީހުން ޖަމާޢަތުގެ ނަމާދުގައި ބައިވެރިނުވެވިދާނެ ކަމުގެ ބިރަށް އަވަސްވެގަންނަންވެގެންވެސް ނުނިމެނީސް އަވަހަށް އެބަ ތެދުވެއެވެ. 

އެއިރުން ދިމާވާ މައްސަލައަކީ ފެންލައި ޠޯހިރުވެގެން ތެދުވާފަހުން ކޮންމެވެސް މިންވަރެއް ފޭރާމުގައި ޖެހި ފޭރާން ނަޖިސްވުމެވެ. ފޭރާމުގައި ނަޖިސްހުރެގެން ކުރާ ނަމާދު ޞައްޙައެއް ނުވާނެއެވެ. ވީމާ މިއީ ވަރަށް ނުރައްކައުތެރިކަމެކެވެ.

ޖަމާޢަތުގެ ނަމާދު ގެއްލުނު ކަމުގައިވީނަމަވެސް އެގޮތަށް އަވަސްވެނުގަންނާށެވެ. އިށީނދެއްޖެނަމަ ރަނގަޅަށް ނިމެންދެން މަޑުކުރާށެވެ. އެހެން ނޫންނަމަ ވަރަށް ގިނައިން މިބުނި ގޮތަށް އެބަ ކަންކަން ކުރިމަތިވެއެވެ. އެގޮތަށް ދިމާވުމުން ވާގޮތަކީ އެކަން ނުއެނގިހުރެ ނަމާދުކުރެވެނީއެވެ. 

ޙައްލަކީ ވަޤުތު އޮއްވައި ނަމާދުކުރަން މަސައްކަތްކުރުމެވެ. ފާޚާނާކުރަންވެފައި ހުރިނަމަ އެކަންކުރާނެ ވަޤުތު އޮއްވައި ފާޚާނާކުރާށެވެ. ރަނގަޅަށް ޠީހިރުވެގެން ހުރެ ވުޟޫކުރާށެވެ. މިކަންވެސް ކޮށްލާފައި ނަމާދަށްދާން ހުއްޓައި އިމާމް މީހާ ޤަމާތް ދިނުމުން ތެޅިފޮޅިގަނެގެން ނަމާދުކުރަން އުޅޭނަމަ މިބުނި ފަދަ މައްސަލަތައް ކުރިމަތިވާނެއެވެ. 

ނަމާދުކުރަންވާނީ ޠޯހިރުވެހުރެ، ވުޟޫކޮށްގެންނެވެ. ވުޟޫވެސް އަވަސް އަރުވާލައިގެން ކުރަން ހަދައިގެން ގުނަވަންތަކުގައި ރަނގަޅަށް ފެން ނުޖައްސައި ވުޟޫކުރުމަކުން ވުޟޫ ޞައްޙައެއް ނުވާނެއެވެ. ޞައްޙަ ނޫން ވުޟޫއެއްގެ މަތީގައި ކުރާ ނަމާދު ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. 

ވީމާ މިކަންކަމަށް ރަނގަޅަށް ފަރުވާތެރިވެ ހުރެގެން ނަމާދުކުރާށެވެ. ކުރާ ނަމާދު ނަމާދަކަސްވާނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން