މިއީ އަމިއްލަ ގޭގައިވެސް އަދި މީސްތަކުންވެސް ތިބާއަށް ނަފްރަތުކުރާނަމަ ވިސްނައިލަންޖެހޭ މުހިންމު ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
މިއީ އަމިއްލަ ގޭގައިވެސް އަދި މީސްތަކުންވެސް ތިބާއަށް ނަފްރަތުކުރާނަމަ ވިސްނައިލަންޖެހޭ މުހިންމު ކަންކަން-

ޖިންނި ޝައިޠޯނުންނަށް އެންމެ ފަސޭހައިން ގަދަވެގަނެވޭނީ ފާފަކުރާ މީހުންނާއި ދޮގުހަދާ މީހުންގެ މައްޗަށެވެ. މިއީ ކީރިތި ޤުރްއާނުން އެނގެން އޮތްކަމެކެވެ. 

ވީމާ ފާފަކުރުމާއި ދޮގުހެދުމަކީ ކުޑަކުޑަ ކަމެއްގެ ގޮތުގައި ނުދެކޭށެވެ. ބައެއް މީހުން ދޮގުތައް ހަދަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. އެއީ ފާފައެއް ކަމަށްވެސް އެމީހުންނަށް ޤަބޫލުނުކުރެވޭފަދައެވެ. މިއީ ކިހައި ނުބައި ޢަމަލެއް ހެއްޔެވެ؟ 

ޖިންނި ޝައިޠޯނުން އެމީހެއްގެ މައްޗަށްވެރިވެގަންނަކަން އެމީހުންނަށް ނުވެސް އެނގޭނެއެވެ. އެޙާލަތުގައި އަމިއްލަ ގޭތެރެއިންވެސް މައްސަލަތައް ކުރިމަތިވާންފަށާނެއެވެ. ޢާއިލާގެ ތެރެއިންވެސް ނަފްރަތުލިބެންފަށާނެއެވެ. ނުބައި ނިޔަތެއް ނެތިވެސް އެހެން މީހުން ރުޅި އަންނަ ފަދަ ކަންކަން ކުރެވެން ފަށާނެއެވެ. ވަކިހިސާބަކުން އެންމެން އޭނާ ބާކީވެސްކޮށްލާނެއެވެ. 

އަދި ކީއްހެއްޔެވެ؟ ކުރަންޖެހޭ ކަންކަން ހަނދާންނެތެން ފަށާނެއެވެ. ޚާއްޞަކޮށް ހެޔޮ ޢަމަލުކުރާށާއި އެހެން މީހުންނަށް ކޮށްދޭން ބޭނުންވާ ރަނގަޅުކަންކަން ކޮށްދޭންވެސް ހަނދާންނެތެން ފަށާނެއެވެ. އެކަންކަމުގެ ސަބަބުންވެސް މީސްތަކުންގެ ނަފްރަތު ލިބެންފަށާނެއެވެ. 

މިއީ ކޮންފަދަ ދެރަ ނިކަމެތި ޙާލަތެއް ހެއްޔެވެ؟ ޤިޔާމަތްދުވަހު ކުރިމަތިލާންޖެހޭނެ ކަންކަމުގެ އިތުރުން މިބުނި ފަދަ ކަންކަން ދުނިޔޭގައި ކުރިމަތިވުމުން ދެން ކަންކަން ވެގެންދާނެ ގޮތް ހިތްމައްޗަށް ގެންނާށެވެ. 

ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއަށް އެދޭ މީހާ މިކަންކަމަށް ވިސްނާށެވެ! މީސްތަކުންގެ ނަފްރަތު ތިމާއަށް ލިބެމުންދާނަމަ، މިބަޔާންކުރި ފަދަ ކަންކަން ތިމާއަށް ކުރިމަތިވާނަމަ އެކަންކަން އެގޮތަށް މެދުވެރިވުމުގައި ތިމާގެ އެއްވެސް ދައުރެއް އޮތްކަމާއިމެދު ވިސްނަންވާނެއެވެ. ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރަންވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން