ﷲ ތައާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"ފަހެ، ފާޅުވެގެންވާ ދުމަކާއިގެން އުޑު އަންނަނިވި ދުވަހަށް އިންތިޒާރުކުރާށެވެ!"
"އެ، ދުން މީސްތަކުން ފޮރުވައިލާނެތެވެ. (އަދި އެއުރެން ބުނާނެތެވެ.) މިއީ ވޭންދެނިވި ޢަޛާބެކެވެ!:
(އައްދުކާން: 10،11)
ދުނިޔެ ނިމުން މިވަނީ ވަރަށް ގާތްވެފައެވެ. މި ބިޔަ ބޮޑު ދުންގަނޑު ފެނިއްޖެހެއްޔެވެ؟ ގިން ޢިލްމުވެރިން ވިދާޅުވަނީ އަދި ނުފެންނަ ކަމަށެވެ. ދައްކަވާނެ ވަޤުތެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
ކޮންމެއަކަސް މިއަދުގެ ޙާލަތަށް ނިކަންވިސްނައިލަބަލާށެވެ! މުޅި ދުނިޔެއަށް ބެލިނަމަވެސް ގިނަ ޢަދަދަކަށް ފެންނާނީ ޙަރާމްތަކެތީގެ ދުންތަކެވެ. މަސްތުވާތަކެތި ބޭނުންކުރަމުން ބޭރުކުރާ ދުންތަކާއި ދުންފަތުގެ އިސްތިޢްމާލުކުރަމުން ބޭރުކުރާ ދުންތަކެވެ. ބޮޑެތި ގަނޑުގަނޑަށް ޝީޗާބޯ މީހުން ބޭރުކުރާ ދުންތަކެވެ. އެމީހުންގެ ހިތުގައި މި ބަޔާންކުރި ބިޔަ ކަޅުދުންގަނޑަށް އެއްވެސް ބިރެއް ނެތެވެ.
މިކަން ފާހަގަކޮށްމިލީ ޤިޔާމަތް ދުވަހާއި މަޙްޝަރު މައިދާނަށް މީސްތަކުން ޣާފިލުވެގެން ތިބި މިންވަރު ބަޔާންކޮށްލުމަށެވެ. އަބަދުވެސް ބުނަމުން މިއަންނަފަދައިން ދުނިޔެ ނިމެން އަދި އަހަރުތަކެއް ނަގައިފާނެއެވެ. އަހަރެމެންގެ ޙަޔާތް ހަމަ މިވަޤުތުވެސް ނިމިގެންހިނގައިދާނެއެވެ.
އެންމެ މުހިންމު ކަމަކީ ތިމާގެ ނިމުން އައިސް ބައްދަލުކުރާނެ ވަޤުތައް ތައްޔާރުވެގެން ތިބުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން