އިބްލީސް ހިންގާ ސްކޫލުގެ ދަރިވަރުންނަކީ ކޮބާކަމާ ދަރިވަރަކަށްވީމާ ވާގޮތް އެނގޭހެއްޔެވެ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 8ސ
އިބްލީސް ހިންގާ ސްކޫލުގެ ދަރިވަރުންނަކީ ކޮބާކަމާ ދަރިވަރަކަށްވީމާ ވާގޮތް އެނގޭހެއްޔެވެ؟

އައިއެސްޑީ ސްކޫލަކީ އާދަމްގެފާނާއި ހަމައިން ފެށިގެން އިބްލީސް ހިންގަމުން އަންނަ ސްކޫލެކެވެ. އެސްކޫލުގެ އަޞްލު ނަމަކީ އިބްލީސް ސްކޫލް އޮފް ޑިސްޓްރަކްޝަން އެވެ. ނުވަތަ އިބްލީސް މީސްތަކުން ނަރަކައަށް ވައްދުވާ ސްކޫލެވެ. 

ދުނިޔެ ފެށުނީންސުރެ އެންމެ ގިނަ ބައަކު ކިޔަވަނީ އެސްކޫލުންނެވެ. އެސްކޫލުގެ އެންމެ ފާހަގަކޮސްލެވޭ އެއްދަރިވަރަކީ ނޫޙުގެފާނުގެ ދަރިކަލުންނެވެ. ނޫޙުގެފާނު ދަރިކަލުންނަށް ވިދާޅުވިހިނދެއެވެ. "ސަލާމަތްވާން މިނަވަށް އަރާށެވެ! މިއީ ﷲ ތަޢާލާގެ އަމުރުފުޅެވެ. އޭނާ ދެންނެވީ ކީކޭ ކަމަށް ހެއްޔެވެ؟ "އެހެރަ އުސްފަރުބަދައަށް އަރައި އަހުރެން ސަލާމްވެދާނަމެވެ." 

އޭނާއަށް ވިސްނިފައި އޮތީ މިއުޅެނީ ފެންގަނޑު ބޮޑުވެގެންކަމާއި އުސްތަނަކަށް އެރުނީމާ ސަލާމަތްވެވިދާނެ ކަމަށެވެ. ނަމަވެސް އެހެންނަކުން އެކަމެއް ނުވާނެއެވެ. ވަކިކަމަކުން ސަލާމަތްވާން ވަކިކަމެއް ކުރަން ﷲ ތަޢާލާ އަންގަވައިފިނަމަ އެކަން ﷲ ތަޢާލާ އެންގެވި ގޮތަށް ނުކޮށް ސަލާމަތެއް ނުވެވޭނެއެވެ. 

ނަމާދުކުރަން އެންގެވީމާ ނަމާދުނުކުރަން މިއަދު ދައްކަނީ ކޮންމެވެސް ބަހަނާއެކެވެ. ރިބާ އާއި ދުރުހެލިވާން އެންގެވީމާ ރިބާ ހިމެނޭ މުޢާމަލާތުތައް ކުރަމުން ދައްކަނީ ބަހަނާއެވެ. ޙައްޖުވާން އެންގެވީމާ އެކަން ނުކުރަން ދައްކަނީ ބަހަނާއެކެވެ. ޒިނޭ ނުކުރަން އެންގެވީމާ ޒިނޭކުރަމުން ދައްކަނީ ބަހަނާއެވެ. މިހެންގޮސް ﷲ ތަޢާލާ ނަހީކުރެއްވެވި ކޮންމެ ކަމެއް ކުރަމުންވެސް ދައްކަނީ ބަހަނާއެވެ.   

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާގެ އަމުރުފުޅަކަށް ނުކިޔަމަންތެރިވެވޭނަމަ އެވެވެނީ ކުރިން މިބުނި އިބިލީހުގެ ސްކޫލުގެ ދަރިވަރަކަށެވެ. ޢުޛުރުދައްކަން ދެއްކޭނީ އިބިލީސް އުނގަންނައިދީފައި ހުންނަ ވާހަކަތަކެވެ. އެއިރުން އެދެވެނީ އިބިލީހުގެ ގޯއްޗާއި ދިމާއަށެވެ. އެތަނަކީ ނަރަކައެވެ. ﷲ ތަޢާލާގެ އަމުރުފުޅަކަށް ނުކިޔަމަންތެރިވާން ދެއްކޭނެ ހަމައެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ. އަހަރެމެން އެންމެންނީ ﷲ ތަޢާލާގެ އަޅުންނެވެ. ޞާޙިބުވަންތަ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ.

ޙައްލު އޮތީ އެންމެ ގޮތަކުންނެވެ. އެއީ ﷲ ތަޢާލާގެ ހިދާޔަތު ލިބިގަތުމެވެ. އެކަން ކުރެވޭނީ ޤުރްއާނަށާއި ސުންނަތަށް ޢަމަލުކޮށްގެންނެވެ. ފުރިހަމަ ގޮތުގައި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެވިގެންނެވެ. އެމީހަކު ބޭނުންވާ ސްކޫލަކުން ކިޔެވުމުގެ ފުރުޞަތު މިއަދު އެބައޮތެވެ. ބޭނުންވާ ގޮތަކަށް ޢަމަލުކުރުމުގެ ފުރުޞަތުވެސް އެބައޮތެވެ. ބުއްދީގެ ބޭނުންކުރާށެވެ! އިބިލީހުގެ ސްކޫލުގެ ދަރިވަރަކަށް ނުވެ ﷲ ތަޢާލާގެ މަގުގައި ޘާބިތުވާ މީހަކަށްވާށެވެ! 

އިބްލީސް ސްކޫލުގެ ދަރިވަރަކަށް ވެވިފައިވާނަމަ އަވަހަށް ތައުބާވާށެވެ! އާދަމްގެފާނުގެ ދެކަނބަލުންނަށްވެސް ސަލާމަތްކަން ލިބިވަދައިގަތީ ތައުބާވެވަޑައިގެންނެވުމުންނެވެ. ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވޭނެ ހަމައެކަނި މަގަކީ އެއީއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން