"އަޅުގަނޑުގެ ބައިވެރިޔާގެ ޢަމަލުތައް ހުންނަ ގޮތުން އަބަދުހެން ހުންނަން ޖެހެނީ ރުޅި ގަދަވެފައެވެ. އެހެންވެ އެކަން ބައްޔަކަށްވެ ލޭމައްޗަށްދާން ފަށައިފާނެ ކަމުގެ ބިރުވެސް ވަރަށް ބޮޑެވެ. ފިރިމީހާގެ ކިބައިގައި ރަނގަޅު ސިފަތަކެއްވެސް ހުންނާތީ ވަކިވާކަށް ބޭނުމެއް ނޫނެވެ. މިޙާލުން ސަލާމަތްވާން ކުރެވިދާނެ ކަމެއް ބުނެދެވިދާނެތޯ؟"
ޖަވާބުގައި ބުނަން އޮތީ އެންމެ މުހިންމީ ރުޅި ދުރަށް ފޮނުވައިލެވޭނެ ގޮތެއް ހޯދުންކަމަށެވެ. އެކަމަށް ބަލައިފިނަމަ އެކިމީހުން ކުރަނީ އެކި ކަންކަމެވެ. ތިރީގައި އެވަނީ ކެތްތެރިވުމާއި ރުޅިމަޑުކުރަން އެހެން މީހުން ނުކުރާ އާދައާއި ޚިލާފް ކަމެއް ކުރި މީހެއްގެ ވާހަކައެވެ.
އަހަރެންގެ ރައްޓެއްސަކު ބުނެފައިވެއެވެ. އޭނާގެ ޒަވާޖީ ޙަޔާތުގެ ފުރަތަމަ 5 އަހަރު ހޭދަކުރަންޖެހުނީ ބޮޑު ހަނގުރާމައެއްގެ ތެރޭގައެވެ. އެ ވަރުގަދަ ހަނގުރާމަ ފަތަހަކުރަން އެންމެ ގިނައިން ކުރަން ޖެހުނު ކަމަކީ ފެންވެރުމެވެ. އެގޮތުން ދުވާލަކު 6،8 ފަހަރު ފެންވަރަން ޖެހުނު ދުވަސްތައްވެސް ބައިވަރެވެ.
އެހައި ގިނައިން ފެންވަރަން ޖެހުނު ސަބަބެއް ކަމަށް ބުނީ އަނބިމީހާ ދެކެ ރުޅިއަންނަން ޖެހުނުލެއް ގިނަކަމެވެ. ރުޅި އަންނަން ޖެހުމުން ރުޅި މަޑުކުރަން ފެންވަރަނީ ކަމަށާއި ފެންވެރުމުން ރުޅިމަޑުވާ ކަމަށެވެ. ނަމަވެސް 5 އަހަރުފަހުން ރުޅި މައިތިރިކުރަން ފެންވަރަން ނުޖެހޭ ކަމަށެވެ. މައްސލަތައް ޙަލުކުރެވި ދެމަފިރިން މިހާރު ދިރިއުޅެނީ އެކުވެރިކަމާއިއެކު ވަރަށް ލޯބިން ކަމަށެވެ!
އޭނާއަށް އެކުރެވުނީ ވަރަށް ރަނގަޅުކަމެކެވެ. ރުޅި ގަދަވެއްޖެ ނަމަ ގައަށް ފެން އެޅުމަކީ ރުޅި މަޑުވެގެންދާ ކަމެއް ކަމަށް ޑޮކްޓަރުން މިއަދު އެއްބަސްވެއެވެ. ވުޟޫކުރުމަކީވެސް ރުޅިމަޑުވާ ކަމެކެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއި ޛިކުރުކުރުމަކީވެސް ރުޅިމަޑުވާ ކަންކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން