އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަސް މިއަދު އެންމެ ބޮޑެތި ހުރަސްތައް ކުރިމަތިވަމުން އަންނަނީ އެމީހުންގެ ބޭނުންތައް ކަމާއިބެހޭ ވެރިންނަށް އަދި ވަލިޔުލްއަމުރަށް ހުށަހަޅައިލުމުގެ ފުރުޞަތުވެސް ނުލިބޭތީއެވެ. އެކަމާއި ގުޅިގެން ދީނުގައި އެކަން އޮންނަގޮތް އޮޅުން ފިލުވަން ގިނަ ބައަކު އެދޭތީ ދަންނަވަމެވެ.
ތިރީގައިވާ ލިޔުމުން ދީނުގައި އެކަން އޮތް ގޮތް ސާފުވެލައްވާނެއެވެ! އަދި ﷲ ތަޢާލާއަށް ބިރުވެތިވާ ވެރިންނަށް ފިލާވަޅަކަށްވެސް ފުދޭނެއެވެ. އިން ޝާ ﷲ
ރަސޫލް (ﷺ) ކުރެއްވެވި ދުޢާއެއްގެ މާނައިގައިވެއެވެ. "ހައްދަވާ ގެންގުޅުއްވަވާ އިލާހް އެވެ. ތިމަން ކަލޭގެފާނުގެ އުންމަތުގެ ކަމަކާއި ޙަވާލުވެއްޖެ މީހަކު އެބައިމީހުންނަށް ދަތިކޮށް އުނދަގޫކޮށްފި ނަމަ އެމީހާގެ މައްޗަށް އިނބަ ﷲ ދަތި އުނދަގޫ ގޮތް މެދުވެރިކުރައްވަނާދޭވެ! ތިމަން ކަލޭގެފާނުގެ އުންމަތުގެ ކަމަކާއި ޙަވާލުވެއްޖެ މީހަކު އެބައިމީހުންނާއިމެދު އޯގާވެރިވެއްޖެ ނަމަ އެމީހަކާއިމެދު އިނބަ އިލާހް އޯގާވެރިވެވޮޑިގަންނަވާނދޭވެ!"
މަސްއޫލިއްޔަތުތަކާއި ހަވާލުވެގެން ތިބޭ މީހުންގެ ބެލުމުގައިދަށުގައިވާ މީހުންނަށް އޯގާތެރިވެ ރަޙުމް ކުރުމަކީ ލޮބުވެތި ރަސޫލުﷲ (ﷺ)ގެ ހެޔޮ ދުޢާ ލިބި ﷲ ތަޢާލާ އޯގާވެރިވެ ވޮޑިގަންނަވާނެ ކަމެކެވެ.
މުސްލިމުންގެ ބޭނުންތައް ދެނެގަނެ، އެބައިމީހުންގެ މަޞްލަޙަތު ޙިމާޔަތް ކުރުމާއި، ބޭނުންތައް ފުއްދައިދިނުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ އިސްމަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ. އަދި ރައްޔިތުންގެ ބޭނުންތައް ހުށަހެޅުމަށް އޭނާ އާއި ރައްޔިތުންނާއި ދެމެދު ހުރަހެއް ނުބޭއްވުމަށްވެސް އިސްލާމް ދީން ބާރު އަޅައެވެ.
މުސްލިމުންގެ އެއްވެސް ކަމަކާއި ހަވާލުވެހުރި މީހަކު، އެބައިމީހުންގެ ބޭނުންތައް އޭނާ އާއި ހަމައަށް ހުށަހެޅުމަށް ފުރުޞަތު ނުދީފި ނަމަ، އޭނާގެ (ވެރިމީހާގެ) ބޭނުންތައް ޤިޔާމަތް ދުވަހުން ﷲ ތަޢާލާގެ ޙަޟްރަތަށް ހުށަހެޅުމުގެ ފުރުޞަތު ﷲ ތަޢާލާ ނުދެއްވަވާނެތެވެ."
ރަސޫލުﷲ (ﷺ) މުޢާވިޔާ (ރޢ)އަށް ޙަދީޘް ކުރެއްވެވިއެވެ. (މާނަ): "މުސްލިމުންގެ އެއްވެސް ކަމަކާއި ހަވާލުވެހުރި މީހަކު، އެބައިމީހުންގެ ބޭނުންތައް އޭނާ އާއި ހަމައަށް ހުށަހެޅުމަށް ފުރުޞަތު ނުދީފި ނަމަ، އޭނާގެ (ވެރިމީހާގެ) ބޭނުންތައް ޤިޔާމަތް ދުވަހުން ﷲ ތަޢާލާގެ ޙަޟްރަތަށް ހުށަހެޅުމުގެ ފުރުޞަތު ﷲ ތަޢާލާ ނުދެއްވަވާނެތެވެ."
ޢާމިރް (ރޢ) ވިދާޅުވިއެވެ. ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވަނިކޮށް ތިމަން އަޑު އެއްސެވީމެވެ. "ވެރިންގެ ތެރެއިން އެންމެ ނުބައި (ނުބައިކަންބޮޑު) ވެރިންނަކީ ރަޙްމް ކުޑަ ހަރުކަށި ވެރިންނެވެ."
- ޝައިޚް މުޙައްމަދު އަނީލް ވިދާޅުވެފައިވާ ހުކުރު ޚުޠުބާއަކުން
އިސްލާމް ދީނުގައި ކަންތައް އޮތީ މިފަދައިން ކަމަށްވީނަމަވެސް މިއަދު މިފެންނަނީ ރައްޔިތުން އެމީހުންގެ ބޭނުންތައް ވެރިމީހާއަށް ހުށަހެޅުމުގެ ފުރުޞަތު ނުލިބި ރައީސުލްޖުމްހޫރިއްޔާ ކަމުގެ 5 އަހަރު ނިމިގެންދާތަނެވެ. ސިޓީއެއް ފޮނުވި ނަމަވެސް ކޮންމެވެސް އެހެން މީހަކު ޖަވާބު ދެމުން ގެންދާތަނެވެ. އަދި އެއްވެސް ޖަވާބެއް ނުލިބިވެސް އެތައް އަހަރެއް ފާއިތުވަމުންދާތަނެވެ.
އިސްލާމް ދީނުގައި ބަޔާންވެގެންވާ މިފަދަ ކަންކަމަކީ ވަކި ޒަމާނަކަށް ނުވަތަ ވަކި ޤައުމަކަށް ނުވަތަ ވަކި ވެރިއަކަށް އަމަލުކުރަން ހުރި ކަންކަމެއް ނޫނެވެ. ހުރިހާ ޒަމާނެއްގައި ހުރިހާ ތަނެއްގައި ވެރިކަން ކުރާ ވެރިންނަށްވެސް އަމަލުކުރުން ލާޒިމު ކަންކަމެވެ.