ޑރ. އިޔާޟްގެ މިވާހަކަފުޅަށް މަޖިލީހުން ދޭނީ ކޮންޖަވާބެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ޑރ. އިޔާޟްގެ މިވާހަކަފުޅަށް މަޖިލީހުން ދޭނީ ކޮންޖަވާބެއް؟

ރާއްޖޭގައި އިސްލާމް ދީނަސް އެންމެ ބޮޑު ހީނަރުކަމެއް ލިބެމުން މިދާ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ މަޖިލިސްކަމަށް ބުނާ މަޖިލީހަކުން، އެމަޖިލީހުގެ އަޣްލަބިއްޔަތު އޮތް ބައަކު ރާއްޖޭގެ ޤާނޫނުތަކަށާއި ޤާނޫނުލްޢުޤޫބާތަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވާ އެއްވެސް މުސްލިމަކު ދެބަސްވާނެ ކަމެއް ނޫނެވެ. 

އެހެންކަމަށްވާއިރު ސުވާލަކީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ މިވާހަކަފުޅަށް މަޖިލީހުން ދޭނީ ކޮންޖަވާބެއްތޯއެވެ؟ އެޤާނޫނުތައް ތަޞްދީޤް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ކޮން ޖަވާބެއްތޯއެވެ؟ 

އަންހެނުންގެ ނަމަވެސް ކުޑަކުދިންގެ ނަމަވެސް ކޮންމެ މީހެއްގެ ނަމަވެސް ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ޙިމާޔަތްކުރައްވަވައިދެއްވަވާފައިވަނީ މާތް ﷲ އެވެ. ޙައްޤުތަކަށް އަރައިގަންނަ މީހުންނާއިމެދު ޢަމަލުކުރަންވީ ގޮތާއި އެމީހުންނަށް ދޭންޖެހޭ އަދަބު މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވައިފައެވެ. 

މިކަން ހުރިހާ މުސްލިމުންވެސް ހިތުގެ އަޑިން ޤަބޫލުކުރެއެވެ. ޤަބޫލުނުކުރާ މީހަކީ މުސްލިމެއްކަމުގައި ބެލެވޭނެ ގޮތެއް އަދި މިހައިތަނަށް އެއްވެސް ދީނީ ޢިލްމުވެރިއަކު ބަޔާންކުރައްވަވާފައެއް ނުވެއެވެ. 

ކަންމިހެން އޮއްވައި ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ފުރަގަސްދީގެން އުޅޭ ބައަކު ވަނީ ޜާއްޖޭގެ ޤާނޫނުތައް އެމީހުންގެ ފިކުރާއި އެއްގޮތަށް ބަދަލުކޮށް ފާސްކޮށްފައެވެ. މާތް ﷲ ބާވައިލެއްވެވި ޙުކުމްފުޅުތަކަށް ގޮންޖަހައި ޤާނޫނުތައް ހަދައިފައެވެ. ނަތީޖާއަކީ ޙައްޤުތަކަށް އަރައިގަތުން ދުވަހުން ދުވަހަށް ގިނަވެ އިތުރުވަމުން ދިއުމެވެ. ބުރަކަށިފިކުރުގެ މީހުން ކިތަންމެ ގިނަ ބަހަނާތަކެއް ދެއްކި ނަމަވެސް ކަމުގެ ޙަޤީޤަތަކީ މިއީއެވެ. 

މާތް ﷲ ބާވައިލެއްވެވި ކޮންމެ ޙުކުމްފުޅެއް ބާވައިލައްވަވާފައިވަނީ އެކުށެއް މުލުން ލުހެވިގެންދާނެ މަގުފަހިވާނެ ގޮތަށެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. 

އަނިޔާ ލިބުނީ އަންހެނަކަށް ނަމަވެސް ފިރިހެނަކަށް ނަމަވެސް ކުޑަކުއްޖަކަށް ނަމަވެސް އެއްވެސް މީހަކަށް އަނިޔާކޮށްފިނަމަ އަމަލުކުރަންޖެހޭ ގޮތުގެ ޙުކުމްތައް ކީރިތި ޤުރްއާނުގައި ވަނީ ބަޔާންކުރައްވަވައިފައެވެ. ޤާއިމުކުރަންޖެހޭ ހައްދުތައް ވަނީ ބަޔާން ކުރައްވަވައިފައެވެ. ޤިޞާޞް ހިފުމަށް ވަނީ އަންގަވައިފައެވެ. 

މީގެ އިތުރުން އަންހެނުންނާއި ފިރިހެނުންނަށް އަދި ކުޑަކުދިންނަށް ލިބެން ޖެހޭ ޙައްޤުތައްވެސް ވަނީ ބަޔާންކުރައްވަވައިފައެވެ. ހަމައެކަނި ކުރަން އޮތް ކަމަކީ މާތް ﷲ ގެ ޙުކުމްފުޅުތައް ތަންފީޒުކުރުމެވެ. މާތް ﷲ ބާވައިލެއްވެވި ޙުކުމްފުޅުތައް ތަންފީޒުކުރެވޭނެ ގޮތަށް ޤާނޫނުތައް ފާސްކޮށް އެ ޤާނޫނުތަކަށް ޢަމަލުކުރެވޭނެ ގޮތް ހެދުމެވެ. ކީރިތި ޤުރްއާން މަތިވެރިކޮށް ޢަމަލުކުރުމެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން