ޙަޤީޤީ ޙާދިސާ: ހުރި އެންމެ ދަރިފުޅު ލޯބިވެރިޔާ ރުއްސަން ގެއިން ބޭރުކުރި މަންމަގެ ގެ ގެއްލުނުގޮތާ ލިބުނު ހިތްދަތިކަން- ކޮންމެ މައަކަށްވެސް ޢިބްރަތްތެރި ފިލާވަޅެއް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 4މ 24ސ
ޙަޤީޤީ ޙާދިސާ: ހުރި އެންމެ ދަރިފުޅު ލޯބިވެރިޔާ ރުއްސަން ގެއިން ބޭރުކުރި މަންމަގެ ގެ ގެއްލުނުގޮތާ ލިބުނު ހިތްދަތިކަން- ކޮންމެ މައަކަށްވެސް ޢިބްރަތްތެރި ފިލާވަޅެއް!

އެއިރު އަޅުގަނޑުގެ ޢުމުރުން 12 އަހަރު ކިރިޔާ ފުރުނީއެވެ. ބައްޕަ ދުނިޔެ ދޫކޮށް މާތް ﷲ ގެ ޙަޟްރަތަށް ދިއަތާ 3 ވަނަ އަހަރެވެ. މަންމަގެ ލޯބިވެރިއަކު ގެއަށް ގެންނަން ފަށައިފިއެވެ. އަޅުގަނޑާއިމެދު އޭނާ ވަރަށް ބޮޑަށް ނަފްރަތުކުރެއެވެ. އަޅުގަނޑު މާމަގާތަށް ފޮނުވާލަން މަންމައަށް ބާރުއަޅައި ދައްކާ ވާހަކަ ބައެއްފަހަރު އަޑުވެސް އިވެއެވެ.  

އެކަމާ ވަރަށް ދެރަވެއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނަމެވެ. އަޅުގަނޑަކީ ކުޑަކުއްޖެއް ނަމަވެސް ކޮންމެ ކަމެއްވެސް ނިމިގެންދާނީ މާތް ﷲ އެކަމެއް މިންވަރުކުރައްވަވާފައިވާ ގޮތަށްކަން ވިސްނެއެވެ. އެކަން ޤަބޫލުކުރެވެއެވެ.  

އެހެން ހުއްޓައި މާމަބުނެގެން މާގަތަށް ހުންނަން ދިއަ ދުވަހަކު މާމަބުނީ ދެން އަޅުގަނޑު މަންމަގެ ގާތަށް ނުގެންދާނެ ކަމަށެވެ. މަންމަ ދަމުން ދިއައީ ރޭގަނޑު އަޅުގަނޑުގެ އެއްޗެތި ގެނެސްދޭނެ ކަމަށް ބުނެފައި ކަމަށެވެ.  

މާމައަކީ އުމުރުން ދުވަސްވެފައި އިން މުސްކުޅިއެކެވެ. އެހެންވެ އަޅުގަނދަށް އެއްވެސް ކަމެއް ކޮށްނުދެވޭނެ ކަމާއި މާމައަށް ކަންކަން ކޮށްދޭންޖެހޭނީ އަޅުގަނޑަށްކަން ވިސްނުނެވެ. ހަމައެއާއިއެކު ހިތްހަމަޖެހުންވެސް ލިބުނެވެ. އެއީ މާމަ އަޅުގަނޑުދެކެ ވަރަށް ލޯބިވާތިއެވެ.  

ކޮންމެއަކަސް އެދުވަހުން ފެށިގެން ހުރީ މާމަގާތުގައެވެ. ގޭގައި އުޅެނީ މާމަ އާއި އަޅުގަނޑު އެކަންޏެވެ. ދެން ހުރި 4 ކޮޓަރި ހުންނަނީ ކުއްޔަށްދީފައެވެ. މާމައަށް ލިބުނު ހަމައެކަނި ދަރިފުޅަކީ ބައްޕައެވެ. މަންމަ އާއި ކައިވެނިކޮށްގެން ދިރިއުޅެމުން އައީ މަންމައަށް މަންމަގެ މައިންބަފައިންގެ ކިބައިން ލިބުނު ބިންކޮޅުގައި ގެއެއް އަޅައިގެންނެވެ. އެހެންވެ ބައޕަ ކައިވެނިކުރީންސުރެ މާމަ ދިރިއުޅެމުން އަންނަނީ އެކަންޏެވެ.  

މަންމަ ވަޒީފާއަދާކުރެއެވެ. ގޭގެ އެއްބުރި ކުއްޔަށްދީގެންވެސް ފައިސާ ލިބެއެވެ. ނަމަވެސް މާމަގާތަށް އަޅުގަނޑު ގެނައިފަހުން އަޅުގަނޑަށް އެއްވެސް ޚަރަދެއް ނުކުރެއެވެ. މާމަ ހުރިހާ ކަންކަން ކޮށްދޭތީ އެކަމާއި ދެރައެއްވެސް ނުވަމެވެ.  

އަޅުގަނޑު ސްކޫލް ނިންމައި އޯލެވެލް އިމްތިޙާން ހެދިތަނުން އެއްދުވަހަކު މަންމަ ގެއަށް އައިސް މާމަގާތުގައި ބުނީ މަންމަ ކައިވެނިކުރިމީހާ ވިޔަފާރިކުރަން ބޭނުންވެގެން ބުނީމާ ގެ މޯގޭޖްކޮށްފައި ނަގައިދިން ލޯނު ނުދައްކައި އޭނާ ފިލައިގެން ދިއުމުން ލޯނު ނުދެއްކިގެން ބޭންކުން ގެ ނީލަންކިޔައިފިކަމަށެވެ. އެމަހުގެ ނިޔަލަށް ގެހުސްކުރަންޖެހޭ ކަމަށާއި އެހެންވެ މާމަގާތަށް ބަދަލުވާން ބޭނުންވާ ކަމަށެވެ. އެއިރުން އަޅުގަނޑާއި މާމަވެސް ބަލައިދޭނެ ކަމަށެވެ.  

މާމަބުނީ ދަރިފުޅު އެންމެ ބޮޑަށް ބަލަންޖެހޭ ދުވަހު ނުބެލި މައަކު މިހާރު ދަރިފުޅު ބަލަން އުޅުމުގެ ބޭނުމެއް ނެތްކަމަށެވެ. އަދި އަޅުގަނޑުގެ ބައްޕަ ނިޔާވީންސުރެ ޙާލުބަލައިނުލައި މިހައިތަނަށް އުޅުނު އަނހެނަކު ދެން މާމަގެ ޙާލު ބަލަން އުޅޭނެ ކަމެއް ނެތް ކަމަށެވެ. "މިހާރު މިދަރި އެހެރީ މާމަގެ ޙާލުބެލޭވަރުވެފަ. މިއަދު ހާލުބޮޑުވިޔަސް އޭނާއަށް މާމަބެލޭނެ. ތަރުބިއްޔަތުކުރަން ލިބުނު 4 އަހަރު ތެރޭގައި ކުރިމަސައްކަތުން އެހެރީ މިހާރު ރޯފިލާފަ. ތިއަ ދަރިފުޅުގެ ގެ ނީލަންކިޔަންޖެހުނު ގޮތަށް މިގެ ނީލަންކިޔަން އެދަރިފުޅު ފުރުޞަތެއް ނުދޭނެ. މިހާރުވެސް އެއަށްވުރެ މާބޮޑަށް ހޭލުންތެރިވާނެ އިން ޝާ ﷲ. އެހެންވީމާ ތިއަދަރި ގެނެސްފިނަމަ މާމަގެ މިރަންދަރި ވާނީ ހަލާކު. މިހާރު އެއީ މާމަކަހަލަ ދަރިއެއް. ތިއަ ދަރިގެނެސްފިނަމަ ބަދަލުވާނީ ތިއަދަރިކަހަލަ ދަރިއަކަށް. އެހެންވީމާ މިގެއަކަށް ނުވެއްދޭނެ. މާމަ މަރުވިޔަސް ތިއަދަރިއަށް ސަމާލުވެގެން އުޅެން މިހާރުވެސް އެދަރިއަށް އެނގޭނެ."  

މިހާރު ތަންދޮރުވިސްނި އިޞްލާޙްވެއްޖައިންކަމަށް ބުނުމުންވެސް މާމަ ފުރުޞަތެއް ނުދިނެވެ. ސަބަބެއްކަމަށް ބުނީ މަންމަގެ ސަބަބުން އަޅުގަނޑުގެ އަޚްލާޤް ގެއްލިގެންދާނެތީކަމަށެވެ. އެކަމުގައި މަންމައަށް އިތުބާރުކޮށް ރިސްކް ނަގަން ބޭނުންނުވާތީ ކަމަށެވެ.  

މަންމަ ގެއިން ނުކުމެގެންދިއައީ ވަރަށް ދެރަވެފައިހުރެގެންނެވެ. މަންމަ ދެރަވެފައި ހުރިވަރުން އަޅުގަނޑުވެސް ވަރަށް ދެރަވިއެވެ. ނަމަވެސް މާމަ އެދެއްކީ ވަރަށް ރަނގަޅުވާހަކަކަން އެނގޭތީ އަނގައަކުން ނުބުނަމެވެ.  

އެދުވަހަށްފަހު މަންމަ ލޮލުން ފެނުނީ އަޅުގަނޑު ކިޔަވައި ނިންމައި ވަޒީފާލިބި، ކައިވެނިކޮށް ދެ ދަރިންވެސް ލިބުނު ފަހުންނެވެ. މާމަ ނިޔާވިތާވެސް 2 އަހަރުވީފަހުންނެވެ. މަންމަ އުޅެނީ އައްޑޫ މީހަކާ އިނދެގެން އައްޑޫގައެވެ. ބޭހަކަށް މާލެ އަންނަން ބޭނުންވެގެން ގޭގައި ބައިންދާލަ ދިނުން އެދުނީމާ މަރުޙަބާކިޔައި ގެއަށް ގެނައުމުންނެވެ. އެއިރު މަންމައަށް ވެސްވަނީ އިތުރު 2 ދަރިންވެސް ލިބިފައެވެ.   

މަންމައަށް އަޅުގަނޑާއި ފިރިމީހާގެ ދިރިއުޅުން ފެނުމުން ވަރަށް ތަޢްރީފްކުރިއެވެ. އަޅުގަނޑު ބުނީ ހުރިހާ ތައްރީފެއް ޙައްޤުވަނީ މާމައަށް ކަމަށެވެ. އެހެން ބުނެވުނު ނަމަވެސް، މަންމަ އަޅުގަނޑާއިމެދު ކަންތައްކުރި ގޮތް ހިތަކު ނުބާއްވަމެވެ. އެއީ އަޅުގަނޑަށް ލެއްވެވި ވަރަށް ބޮޑު ރަޙްމަތަކަށްވާތީއެވެ. މަންމަގެ ލޯބި ނުލިބުނީތީ ކުރަމުން އައި ހިތާމަ ނިމުމަކަށް އައީ މާމަގެ ލޯބިލިބެން ފެށުމުން ކަމަށްވާތީއެވެ. މާމަދިން ތަރުބިއްޔަތުގެ ފައިދާ ކޮށްފައިހުރީމައެވެ.  

މިއަދުނޫހަށް އަޅުގަނޑުގެ ވާހަކަ މިކިޔައިދިނީ މަންމަ ކުށްވެރިކުރާކަށް ނޫނެވެ. ނަމަވެސް ލޯބިވެރިންގެ މަޅީގައި ޖެހި އަމިއްލަ ދަރިން އުކާލާ، އަމިއްލަ ގެ ރަޙުނުކޮށްދިނުމުން ގިނަބައަކަށް ބޮޑެތި ގެއްލުންތައް ލިބެމުން އަންނާތީ އެކަން މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމަށެވެ.

އަޅުގަނޑުގެ ނަބީބުރަނގަޅުކަމުން މާމަގެ ގާތުގައި އުޅެވި މާމަގެ ގެ ލިބިއްޖެއެވެ. އެފަދަ ގޮތެއް މެދުވެރިނުވާ ކުދިންނަށްވެސް މަދު މައިންނަމަވެސް ލޯބިވެރިންގެ މަޅީގައި ޖެހި މިފަދަ ނިކަމެތި ގޮތްގޮތް ހަދައެވެ. އެކުދިން ޖެހޭނެ ޙާލު އަޅުގަނޑަށް ވަރަށް ރަނގަޅަށް ވިސްނެއެވެ.

ދުޢާއަކީ މިފަދަ ކަންކަމުގައި މައިންނަށް ހެޔޮވިސްނުން މިންވަރުކުރެއްވެވުމެވެ.

 

- ނަޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން