ޙަޤީޤީ ޙާދިސާ: ދަތިޙާލުގައި ﷲ އަށް ތެދުވެރިވި އެކަނިވެރިމައަކު ދަރިފުޅާ ދެއްކި ވޭނީ ވާހަކައިގެ އަޑު ތަނަވަސް މީހަކަށް އިވި ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 26ސ
ޙަޤީޤީ ޙާދިސާ: ދަތިޙާލުގައި ﷲ އަށް ތެދުވެރިވި އެކަނިވެރިމައަކު ދަރިފުޅާ ދެއްކި ވޭނީ ވާހަކައިގެ އަޑު ތަނަވަސް މީހަކަށް އިވި ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

ސިންދިއާއަކީ ބޮޑު ކުންފުންޏެއްގައި މަސައްކަތު އަންހެނެއްގެ ވަޒީފާ އަދާކުރާ އެކަނިވެރި މައެކެވެ. އެއީ ދަރިފުޅުގެ 5 ވަނަ އުފަންދުވަހެވެ. އުފަންދުވަސް ފާހަގަކުރަން ސިންދިއާ ވަރަށް ބޮޑަށް ބޭނުންވެއެވެ. ނަމަވެސް ޚަރަދުކުރާނެ ފައިސާ އަތުގައި ނެތުމުން އެންމެ ކުޑަމިނުން ކޭކެއްވެސް ގަނެ ނުދެވުނެވެ. 

އެހެންވެ ސިންދިއާ ދަރިފުޅު ގޮވައިގެން ހަވީރު ދިއައީ ޕާކަށެވެ. ޕާކަށް ގޮސް ދަރިފުޅު ގޮވައިގެން ގޮނޑިއެއްގައި އިނދެ ދަރިފުޅަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. "ދަރިފުޅާއެވެ. ދެރަނުވާށެވެ! މިއަދު މަންމަގެ އަތުގައި ޚަރަދުކުރާނެ ފައިސާނެތީއެވެ. އެހެންވެ ދަރިފުޅުގެ އުފަންދުވަސް ފާހަގަކޮށްނުދެވުނީއެވެ. ދުނިޔޭގައި ހުރިހާ ދުވަހެއް އެއްގޮތަކަށް ނުދާނެއެވެ. އިތާދަކުރެއްވިއްޔާ އަންނަ އަހަރު ކުޑަ ނަމަވެސް ޕާޓީއެއް ބޭއްވޭތޯ މަސައްކަތްކުރާނަމެވެ."

އެދެމައިންގެ ފުރަގަހުގައި ހުރި ފިރިހެނަކަށް މިއަޑު އިވުމުން ވަރަށް އަސަރުކުރިއެވެ. އޭނާއަށް ލިބިފައިވާ ތަނަވަސްކަމުން އެދެމައިންނަށް ޙިއްޞާކުރަން ޝައުޤުވެރިވިއެވެ. އެހެންވެ ދެމައިންގެ ކުރިމައްޗަށް ހުއްޓިފައި ބުންޏެވެ. "ދަރިފުޅާއި ތިއަ ދެއްކި ވާހަކަ އަޑުއަހައިފީމެވެ. އަހަރެންގެ އަތުގައި ތަނަވަސްކަން އެބަހުއްޓެވެ. އަންނަ އަހަރަކު ނޫނެވެ. މިއަހަރުވެސް ވާނީ ފާހަގަކުރާށެވެ. އަހަރެންނާއިއެކު ރެސްޓޯރަންޓަކަށް ހިނގާށެވެ." 

ސިންދިއާ ވަރަށް ލަދުގަތެވެ. ފިރިމީހާ އޭނާ ދޫކޮށްލާފައި ދިއަތާ 3 އަހަރުވީއެވެ. ދުވަހަކުވެސް ހިލޭ ފިރިހެނަކާއިއެކު އެއްވެސް ތަނަކަށް ނުދާތީއެވެ. މީހަކު އަތުން އެއްވެސް އެހީތެރިކަމެއްވެސް ނުހޯދާތީއެވެ. ނަމަވެސް މިއަދު ސިންދިތާގެ ކުރިމަތީގައި އޮތީ ވަރަށް ބޮޑު މަޖުބޫރީ ޙާލަތެކެވެ. އެއީ އެމީހާ ދެއްކި ވާހަކައިގެ އަޑުއިވުމުން ރެސްޓޯރަންޓަށްދާން ހިނގާށޭ ކިޔާފައި ދަރިފުޅު އޭނާގެ އަތަށް ދަމާތީއެވެ. 

ސިންދިޢާ ބުންޏެވެ. "ތިބާގެ އިޙްޞާންތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ. ނަމަވެސް މައްސަލައަކީ އެއްފަހަރު އެކަހަލަ ތަނަކަށް ދަރިފުޅު ގެންގޮސްފިނަމަ އިތުރަށްދާން ދަރިފުޅު ބޭނުންވާނެތީއެވެ. އަޅުގަނޑަށް މިއުޅެނީ ދަރިފުޅަށް ކާންވެސް ނުދެވިގެންނެވެ. އެހެންވީމާ ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވެދާނެއެވެ." 

އެމީހާ ބުނީ ފަހާއިމެދު ވާހަދައްކާނީ އެތަނަސް ގޮސްތިބެގެންކަމަށެވެ. ފުރަތަމަކަމަކަށް މުހިންމީ ދަރިފުޅަށް ޕާޓީ ބާއްވައިދިނުން ކަމަށެވެ. 

ރެސްޓޯރަންޓަށް ގޮސް ކޭކެއް ފަޅައި 3 މީހުންވެގެން ކުޑަ ޕާޓީއެއް ބާއްވާފައި ނުކުމެގެން އަންނަމުން ފިހާރައަކަށް މަޑުކޮށްފައި ކުއްޖާއަށް ވަރަށް އެއްޗެތިވެސް ގަނެދިނެވެ. ގަނެދިނުމަށްފަހު ކާރުގައި ގެއަށް ގެނެސްވެސް ދިނެވެ. ދެމައިންނާއިއެކު ޢޭނާ ގެއަށްވެސް ވަނެވެ. 

އެމީހާ ބުނީ ދަރިފުޅު ދެކެ ވަރަސް ބޮޑަށް ލޯބިވެވިއްޖެކަމަށެވެ. އެހެންވެ ދެން ކޮންމެ މަހަކުވެސް ދަރިފުޅުގެ ޚަރަދުތަކަށް ފައިސާކޮޅެއް ދޭނެ ކަމަށެވެ. އެހެން ބުނެފައި ފަހުން އަންނާނެކަމަށް ބުނެފައި ނުކުމެގެންދިއައީއެވެ. 

ޖެހިގެން އައި މަހު ސިންދިއާއަށް ޕްރަމޯޝަނެއް ލިބިއްޖެއެވެ. މުސާރަ ބޮޑުވެއްޖެއެވެ. ހަމަޖެހިލައިގެން ދަރިފުޅު ގޮވައިގެން އުޅެލެވޭވަރުވެއްޖެއެވެ. އެއިގެ 3 މަސްފަހުން އެމީހާ އެދުނީ ސިންދިޢާގެ ކައިވެންޏަށެވެ. އޭނާއަކީ ކާކުކަން އެހައި ބޮޑަށް ނުއެނގުނު ނަމަވެސް ދަރިފުޅު ދެކެ ވަރަށް ލޯބިވާ މީހެއްކަމާއި ދަރިފުޅަށް އެހީވާކަން ޔަޤީންކުރެވިފައި އޮތުމުން ކައިވެންޏަށް ރުހުނެވެ. 

ދެމީހުންގެ ކައިވެނިކުރެވުނެވެ. ހަނީމޫނަށްފަހު އޮފީހަށް ނުކުންނަން އޮތް ދުވަހު ދެމީހުންވެސް ތައްޔާރުވިއެވެ. އެއިރުވެސް ސިންދިއާއަށް އޭނާގެ ފިރިމީހާގެ ޙަޤީޤަތެއް ނުއެނގެއެވެ. އެހެންވެ އޭނާ މަސައްކަތްކުރާ އޮފީހަސް ގެންގޮސްދީފާނަންތޯ ސުވާލުކުރުމުން ބުނީ ގެންގޮސްދޭނެ ކަމަށެވެ. 

އޭނާ ކާރުގައި ގޮސް މަޑުކޮށް ސިންދިއާ މަސައްކަތްކުރާ އޮފީހުގެ މައިބްލޮކަށެވެ. ކާރުމަޑުކޮށްލިއިރަށް ދޮރުވާނުން އައިސް ދޮރުހުޅުވައިދިނެވެ. ފިރިމީހާ ކާރުން ފޭބިއެވެ. ސިންދިއާވެސް ފަހަތުން ފޭބީއެވެ. 

ލިފްޓުން އަރައިގެންގޮސް ފިރިމީހާ ވަނީ ކުންފުނީގެ ވެރިމީހާގެ ކޮޓަރިއަށެވެ. އިށީނީ ވެރިމީހާގެ ބޮޑު ގޮނޑީގައެވެ. ހާސްވެފައި ސިންދިއާ އިންނަތަން ފެނުމުން ފިރިމީހާ ކިޔައިދިނެވެ. "އަހަރެމެން ދެމީހުން ބައްދަލުވިއިރު ކަލެއަކީ އަހަރެންގެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒިފެއްކަމެއް ނުއެނގެއެވެ. އެކަން އެނގުނީ ކަލޭގެ ގެއަށް ގޮސް ދެއްކި ވާހަކަތަކުންނެވެ. އަހަރެން ތިއަގެއިން އެދުވަހު ނުކުތީ ކަލެޢާއި ގުޅެން ޢަޒުމްކަނޑައަޅައިގެންނެވެ. 

އަހަރެންގެ ފުރަތަމަ އަނބިމީހާއަކީ ތަނަވަސް ޢާއިލާއެއްގެ އަންހެނެކެވެ. ކައިވެނި ރޫޅިގެން ދިއައީ ވަރަށް ހިތްދަތި ގޮތަކަށެވެ. އެހެންވެ އަހަރެން ނިންމައިގެން ހުރީ ދެވަނަ ކައިވެނި ފަޤީރަކާއި ކުރުމަށެވެ. އެހެންވެ އަހަރެން ދިއައީ ފަޤީރު، އަޚްލާޤް ރަނގަޅު އަނހެނަކު ހޯދަމުންނެވެ. އެފަދަ އަނހެނަކު ފެނޭތޯ ވަރަށް ގިނަ ގޮތްގޮތުން މަސައްކަތްކުރެވުނެވެ. ޕާކުގައި އެދުވަހު އުޅުނީވެސް އެމަސައްކަތުގައެވެ. ކަންދިމާވިގޮތުން ދެމީހުން ބައްދަލުވެ ގުޅުން ބަދަހިވީއެވެ. 

އަހަރެން ސިންދިޢާދެކެ ވަރަށް ލޯބިވަމެވެ. ވީމާ ދެން މަސައްކަތްކުރާނީ އަހަރެންގެ ކުރިމަތީގައި މިތަނުގައި އިނދެގެންނެވެ. ކުރާނީ އަހަރެން ދައްކާ މަސައްކަތެވެ. އުންމީދަކީވެސް ދުޢާއަކީވެސް އަހަރެމެންގެ ގުޅުން ދުވަހެއް ދުވަހަކަސް ބަދަލުވެ ދެމީހުންގެ ހިތުގައިވެސް އެކެއް އަނެކެއްގެ މައްޗަށް ލޯބިއިތުރުވަމުން ދިއުމެވެ." 

މިވާހަކަ ޑޯން ނޫހަށް ކިޔައިދީފައި ސިންދިއާ ބުނެފައިވެއެވެ. "އަހަރެންގެ ފުރަތަމަ ފިރިމީހާ އަހަރެން ވަރިކޮށްލައި ދަރިފުޅުވެސް ދޫކޮށްލައި ދިއުމުން ދިރިއުޅުނު ދަތިޙާލު ދެނެވޮޑިގެންވާނީ ހަމައެކަނި ﷲ އެވެ. އެހައި ދަތިޙާލުގައި އުޅުނުއިރުވެސް ދުވަހަކުވެސް ﷲ ރުހިވޮޑިނުގަންނަވާނެ ކަމެއް ނުކުރަމެވެ. އަބަދުވެސް މަސައްކަތްކުރީ އެކަލާނގެ ރުހިވޮޑިގަތުމަށް އެދިގެންނެވެ. ހެޔޮލަފާ ފިރިއަކު ދެއްވެވުން އެދި ދުޢާކުރެވުނު ޢަދަދެއްވެސް ނުއެނގެއެވެ. މާޔޫސްނުވެ ކުރި މަސައްކަތުގެ ނަތީޖާލިބި މިއަދު އަހަރެން މިހުރީ ހިތްފުރިގެންނެވެ." 

މިއީ މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ވާހަކައަކަށްވެގެންދާނެ ކަމަށް އުންމީދުކުރަމެވެ.

 

- ލަޠީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން