ދެމަފިރިންގެ ދޭތެރޭގަ ފިތުނަ އުފައްދުވަން އެކަކަށްވެސް ފުރުޞަތު ނުލިބޭނެ ގޮތާ އެކަމަށް އޮތް އެންމެ މުޖައްރިބް ފަރުވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ދެމަފިރިންގެ ދޭތެރޭގަ ފިތުނަ އުފައްދުވަން
އެކަކަށްވެސް ފުރުޞަތު ނުލިބޭނެ ގޮތާ އެކަމަށް އޮތް އެންމެ މުޖައްރިބް ފަރުވާ!

ގިނަ ބައަކަށް މިއަދު ތިބެންޖެހިފައި މިއޮތީ

ކަންބޮޑުވުމެއްގައެވެ. އެހެން މީހަކު ކޮށްފާނެ ކަމަކަށެވެ. ދައްކައިފާނެ ވާހަކައަކަށެވެ. ދެމްފިރިންނަށް ބެލިނަމަވެސް ކަންކަން ހުރީ ހަމަ މިފަދަ ގޮތަކަށެވެ. އެހެންވެ މިގެނެސްދެނީ މިކަމަށް އޮތް އެންމެ މުޖައްރިބް ފަރުވާއެވެ. އިން ޝާ ﷲ  

ފުރަތަމަ ކަމަކަށް ކޮންމެ ކަމެއްގައިވެސް ތެދުވެރިވާންވީ ﷲ ތަޢާލާއަށެވެ. އެއިރުން އެމީހަކަށް އަބަދުވެސް ހުރެވޭނީ ކުށްކުރުމުން ސަލާމަތްވެގެންނެވެ. ކުށެއް ނުކުރާނަމަ މީހަކު ތިމާ ފަޟީޙަތްކޮށްފާނެތީ ކަންބޮޑުވާކަށް ނުޖެހޭނެއެވެ.

ބައެއް މީހުން، އެމީހުންނާއިމެދު ވާހަކައެއް ފަތުރާއިރަށް ކަންބޮޑުވެ ތެޅިފޮޅިގަނެއެވެ. އެވާހަކައަށް ރައްދުދޭން އަވަސްވެގަނެއެވެ. އެވާހަކަ ފެތުރި މީހާ ހޯދައި މަޝްވަރާކުރަން އަވަސްވެގަނެއެވެ. އަދި އެމީހަކާއިއެކު ޑީލްތައްވެސް ހަދައެވެ.

 ޞަހާބީންގެ ޒަމާނުގައި އެބޭކަލުން ޢަމަލުފުޅު

ކުރެއްވެވީ އެގޮތަކަށް ނޫނެވެ. ފަތުރާ ގިނަ ވާހަކަތަކާއި އަޅުއްވަވައިވެސް ނުލައްވަވައެވެ. އެންމެ ބޮޑުވަރަކަށްވެސް ކުރައްވަވާ ކަމަކީ ރަސޫލް (ﷺ) އަށް އެކަމެއް ހުށަހެޅުއްވެވުމެވެ. 

މިތަފާތު ފެނިގެން މިދަނީ އިންސާނުންގެ ކިބައިގައި ހުންނަން ޖެހޭ ތެދުވެރިކަމާއި ސާބިތުކަން ނެތުމުންނެވެ. އެމީހާ ހުރީ ޙައްޤު ގޮތުގައިކަން ޔަޤީންކުރެވޭ މީހާ. އެހެން މީހުން ދައްކާ ވާހަކައަކަށް ކަންބޮޑެއް ނުވާނެއެވެ.

އެއްވެސް މީހަކީ ތެދުވެރިއަކު ކަމުގައިވާނަމަ އެމީހާގެ ތެދުވެރިކަން އިޝްތިހާރުކުރާކަށް ނުޖެހޭނެއެވެ. މީސްތަކުންނަށް އެނގޭނެއެވެ. ޔަޤީންވެސް ކުރެވޭނެއެވެ. އެފަދަ މީހުންނާއިމެދު މީހުން ފަތުރާ ދޮގު ވާހަކަ ޤަބޫލެއްވެސް ނުކުރާނެއެވެ! ފޭލިވާނީ ފެތުރި މީހެކެވެ.

ދެމަފިރިންގެ މެދުގައި ހިނގާ ކަންކަމަށް ބެލިނަމަވެސް ކަންކަން އޮތީ ހަމަ މިމަގުންނެވެ! ތެދުވެރިކަމުގައި ހުރިނަމަ މީހަކު އެއްޗެއް ބުނާއިރަށް ފުންމައިގެން އެމީހަކާދިމާއަށް ދާކަށް ނުޖެހޭނެއެވެ. އެހެދީ ދޮގެއް ނަމަ އެކަމާ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. ހަމައެކަނި ކޮށްލަން ޖެހޭނެ ކަމަކީ ދޮގުވާހަކަ ފަތުރާ މީހުންނާއިމެދު ސަމާލުވުމެވެ.

ދޮގު އިލްޒާމެއް އަޅުވައިފިނަމަ ޙަޤީޤަތް ހާމަކުރުމަކީ ތަފާތު ކަމެކެވެ. ނަމަވެސް އެ އިލްޒާމް އެޅުވި މީހާ ހޯދައި ޑީލް ހަދާނަމަ އެކަމުން އެނގެނީ އެމީހާގެ ކިބައިގައި ސާބިތުކަމެއް އަދި ތެދުވެރިކަމެއްވެސް ނެތްކަމެވެ. ކުށެއް ކުރެވިފައިވާ ކަމެވެ.

ޙައްލަކީ ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ތެދުވެރިވުމެވެ. އެއީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ކަމުގައިވީނަމަވެސްމެއެވެ. ﷲ ތަޢާލާއަށް ތެދުވެރި މީހަކު ނިކަމެތި ކުރެވޭނެ ބައަކު ނުތިބޭނެއެވެ. ﷲ ތަޢާލާއަށް ތެދުވެރި މީހަކު ބަދުނާމެއްވެސް ނުކުރެވޭނެއެވެ. ހެދި ދޮގު ފަޅާއަރައި އެމީހަކު ފަޟީޙަތްވާނެތީއެވެ.

ﷲ ތަޢާލާއަށް ތެދުވެރި މީހާ، އޭނާ ކުރާ ކޮންމެ ޢަމަލެއްގައިވެސް ތެދުވެރިވާނެއެވެ! ކޮންމެ މީހަކާއިމެދު ކުރާ ޢަމަލުވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ޤަބޫލުކޮށް ބިރުވެތިވާނެއެވެ! އެފަދަ މީހުން އަބަދުވެސް ތިބޭނީ ހިތްހަމަޖެހިގެންނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ކުށެއް ނުކުރާ ކަމުގެ ޔަޤީންކަން އޮންނާތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން