އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ: ނުވަސަތޭކަ ފަސްދޮޅަސް އަހަރުފުޅުގައި އާދަމުގެފާނު އަވަހާރަވުން

ކިޔުމަށް ހޭދަވާނީ 9މ 47ސ
އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ: ނުވަސަތޭކަ ފަސްދޮޅަސް އަހަރުފުޅުގައި އާދަމުގެފާނު އަވަހާރަވުން

ޢަލީ އިޙްޞާން ފިރާޤް

 

އަވަހާރަވުން

آدم عليه السّلام ގެ ޙަޤީޤީ އުމުރުފުޅަކީ އެއްހާސް އަހަރުފުޅެވެ. ނަމަވެސް އެކަލޭގެފާނުވަނީ އެކަލޭގެފާނުގެ އުމުރުފުޅުން ސާޅީސްއަހަރު އެކަލޭގެފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ދާވޫދުގެފާނަށް ދެއްވާފައެވެ. އެހެންކަމުން آدم عليه السّلام އަވަހާރަވީއިރު އެކަލޭގެފާނުގެ އުމުރުފުޅެއްކަމުގައިވާނީ ނުވަސަތޭކަ ފަސްދޮޅަސް އަހަރުފުޅެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.

"‏ لَمَّا خَلَقَ اللَّهُ آدَمَ مَسَحَ ظَهْرَهُ فَسَقَطَ مِنْ ظَهْرِهِ كُلُّ نَسَمَةٍ هُوَ خَالِقُهَا مِنْ ذُرِّيَّتِهِ إِلَى يَوْمِ الْقِيَامَةِ وَجَعَلَ بَيْنَ عَيْنَىْ كُلِّ إِنْسَانٍ مِنْهُمْ وَبِيصًا مِنْ نُورٍ ثُمَّ عَرَضَهُمْ عَلَى آدَمَ فَقَالَ أَىْ رَبِّ مَنْ هَؤُلاَءِ قَالَ هَؤُلاَءِ ذُرِّيَّتُكَ فَرَأَى رَجُلاً مِنْهُمْ فَأَعْجَبَهُ وَبِيصُ مَا بَيْنَ عَيْنَيْهِ فَقَالَ أَىْ رَبِّ مَنْ هَذَا فَقَالَ هَذَا رَجُلٌ مِنْ آخِرِ الأُمَمِ مِنْ ذُرِّيَّتِكَ يُقَالُ لَهُ دَاوُدُ ‏.‏ فَقَالَ رَبِّ كَمْ جَعَلْتَ عُمْرَهُ قَالَ سِتِّينَ سَنَةً قَالَ أَىْ رَبِّ زِدْهُ مِنْ عُمْرِي أَرْبَعِينَ سَنَةً ‏.‏ فَلَمَّا انْقَضَى عُمْرُ آدَمَ جَاءَهُ مَلَكُ الْمَوْتِ فَقَالَ أَوَلَمْ يَبْقَ مِنْ عُمْرِي أَرْبَعُونَ سَنَةً قَالَ أَوَلَمْ تُعْطِهَا ابْنَكَ دَاوُدَ قَالَ فَجَحَدَ آدَمُ فَجَحَدَتْ ذُرِّيَّتُهُ وَنَسِيَ آدَمُ فَنَسِيَتْ ذُرِّيَّتُهُ وَخَطِئَ آدَمُ فَخَطِئَتْ ذُرِّيَّتُهُ ‏"‏ ‏{ جامع الترمذي/ كتاب تفسير القرآن عن رسول الله صلى الله عليه وسلم/ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ ޙަދީޘް ނަންބަރު 3076} 

މާނައީ: މާތްﷲ އާދަމުގެފާނު ހެއްދުވުމަށްފަހު، އެކަލޭގެފާނުގެ ބުރަކަށިފުޅުގައި ފިރުއްމަވައިލެއްވިއެވެ. އެހިނދު އެކަލޭގެފާނުގެ ދަރިންގެ ތެރެއިން ޤިޔާމަތާހަމައަށް ދާންދެން އެކަލާނގެ އުފައްދަވާނެ ހުރިހާ މަޚްލޫޤުން އެކަލޭގެފާނުގެ ބުރަކަށިފުޅުން ނުކުތެވެ. އަދި އެއިން ކޮންމެ އިންސާނެއްގެ ދެލޯދޭތެރޭގައި ނޫރެއްލެއްވިއެވެ. ދެން އެމީހުން އާދަމުގެފާނަށް ހުށައެޅުއްވިއެވެ. އެހިނދު އާދަމުގެފާނު ދެންނެވިއެވެ. އޭ މިއަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއީ ކޮންބައެއްތޯއެވެ؟ މާތްﷲ އެންގެވިއެވެ. މިއީ ކަލޭގެފާނުގެ ދަރީންނެވެ. އެމީހުންގެ ތެރެއިން ބޭކަލެއްގެ ދެލޯފުޅުގެ ދެމެދުގައިވާ ނޫރު ފެނިވަޑައިގެން އާދަމުގެފާނު އަޖާއިބުވަވަޑައިގެން  އެބޭކަލަކަށް އިޝާރާތްކުރައްވައި ދެންނެވިއެވެ. މިއީ ކޮންބޭކަލެއްތޯއެވެ؟ މާތް ﷲ އެންގެވިއެވެ. އެއީ ކަލޭގެފާނުގެ ދަރިންގެތެރެއިން ފަހުގެ އުއްމަތުގެ ބޭކަލެކެވެ. އެބޭކަލަކަށް ދާއޫދުގެފާނުގެ ނަންފުޅުން ނަންދެވިގެންވެއެވެ. އެހިނދު އާދަމުގެފާނު ދެންނެވިއެވެ. އޭ މިއަޅާ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އެބޭކަލަކަށް ދެއްވާފައިވާ އުމުރަކީ ކޮބައިތޯއެވެ؟ މާތްﷲ އެންގެވިއެވެ. ފަސްދޮޅަސް އަހަރެވެ. އާދަމުގެފާނު ދެންނެވިއެވެ. އޭ މިއަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އެކަލޭގެފާނަށް ތިމަންކަލޭގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރު އިތުރުކޮށްދެއްވާނދޭވެ! ދެން އާދަމުގެފާނު އުމުރުފުޅު ނިމުމުން މަލަކުލް މައުތު އާދަމުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެހިނދު އާދަމުގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނުގެ އުމުރުފުޅުން އަދި ސާޅީސްއަހަރު ބާކީއެބައޮތް ނޫންތޯއެވެ؟ މަލަކުލް މައުތު ދެންނެވިއެވެ. ކަލޭގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރު ކަލޭގެފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ދާއޫދުގެފާނަށް ނުދެއްވަންތޯއެވެ؟ ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. އާދަމުގެފާނު އިންކާރުކުރެއްވީއެވެ. އަދި އާދަމުގެފާނުގެ ދަރިންވެސް އިންކާރުކުރީއެވެ. އާދަމުގެފާނު ހަނދުމަ ނެތުނީއެވެ. އާދަމުގެފާނުގެ ދަރިންވެސް ހަނދާންނެތުނީއެވެ. އާދަމުގެފާނަށް ކުށެއް ކުރެއްވުނީއެވެ. އާދަމުގެފާނުގެ ދަރިންނަށްވެސް ކުށް ކުރެވުނީއެވެ."

އިމާމު ތިރުމިޒީ ވިދާޅުވާގޮތުގައި މިދެންނެވި ރިވާޔަތަކީ ޙަސަން ދަރަޖައިގެ ޞައްޙަ ޙަދީޘެކެވެ.

އިބްނު އިސްޙާޤު ރިވާކުރައްވައިފައިވެއެވެ. އާދަމުގެފާނު އަވަހާރަވީ ހުކުރު ދުވަހެއްގައެވެ. އެކަލޭގެފާނު އަވަހާރަވުމުން މަލާއިކަތްބޭކަލުން ފައިބައިވަޑައިގެންނެވިއެވެ. އެބޭކަލުން  ވަޑައިގެންނެވީ ސުވަރުގޭގެ ފޭރާމުގެ ކަފުނާއި، ޙަނޫތު ހިއްޕަވައިގެންނެވެ. އެބޭކަލުން ވަޑައިގެން شيث عليه السّلام އަށް ތަޢުޒިޔާ ވިދާޅުވިއެވެ. އެދުވަހުން ފެށިގެން ހަތްރޭހަތްދުވާވަންދެން އިރާއި ހަނދު ކޭތަ ހިފިއެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 230}

އިބްނުޢައްބާސްގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. މަލާއިކަތުން އާދަމުގެފާނަށް ކަށުނަމާދު ކުރުމުގައި ހަތަރު ތަކުބީރު ވިދާޅުވިއެވެ.] { الدارقطني، سنن الدارقطني، الصفحة أو الرقم   2/221} މިއީ ވަރަށް ޟަޢީފު ރިވާޔަތެކެވެ. މި ރިވާޔަތް އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައިވެސް ބަޔާން ކުރައްވައިފައިވެއެވެ.

آدم عليه السّلام އަވަހާވުމުން ފަސްދާނުލެވުނު ތަނަކާ ބެހޭގޮތުންވެސް ޢިލްމުވެރިންގެ މެދުގައި ޚިލާފު ހިނގައިފައިވެއެވެ. ބައެއް ރިވާޔެއްގައިވަނީ އާދަމުގެފާނު ފަސްދާނުވެޑުވިފައިވަނީ الهند (އިންޑިޔާ) ގައިވާ އެކަލޭގެފާނު ބިމަށް ފޮނުއްވުނު އިރު ފައިބައިވަޑައިގެންނެވި ފަރުބަދައިގެ ކައިރީގައި ކަމަށެވެ. މި މައުލޫގައި އައިސްފައިވާ ރިވާޔަތްތަކުގެ ތެރެއިން އެންމެ މަޝްހޫރު ބަހަކީ މިއީ ކަމަށް އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ.

އެހެން ބައެއް ރިވާޔަތްތަކުގައިވަނީ އާދަމުގެފާނު ފަސްދާނުލެވިފައިވަނީ މައްކާގެ أبي قبيس ފަރުބަދައިގައި ކަމަށެވެ. އަދިވެސް ބައެއްބޭކަލުން ބުނުއްވައިފައިވެއެވެ. ނޫޙުގެފާނުގެ ތޫފާނުގެ ޒަމާނުގައި އާދަމުގެފާނާއި ޙައްވާގެފާނުގެ ހަށިކޮޅު ސަންދޯކަކަށް ލައްވައިގެން ނޫޙުގެފާނު ގެންދަވައި ބައިތުލްމަޤުދިސްގައި ފަސްދާނުލެއްވެވިއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު ޞަފްޙާ 231}

عطاء الخراساني ވިދާޅުވެފައިވެއެވެ. آدم عليه السّلام އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ހަތްދުވަސް ވަންދެން ހުރިހާ މަޚްލޫޤުން ރުޔެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު ޞަފްޙާ 232} މިދެންނެވި ރިވާޔަތްތަކަކީ ތާރީޚީ ރިވާޔަތްތެކެވެ. ކިހާ ޞައްޙަ ރިވާޔަތްތަކެއްކަމެއް އެނގޭކަށް ނެތެވެ.

آدم عليه السّلام އަވަހާރަވުމަށްފަހު، އެކަލޭގެފާނުގެ އަދާކުރައްވަމުން ގެންދެވި ރިސާލަތު ބަޔާންކޮށްދެއްވުމުގެ މަސައްކަތްފުޅު ކުރައްވަމުން ގެންދެވީ އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން شيث عليه السّلام އެވެ.

އަރަހުށި މާތްﷲ،  آدم عليه السّلام އަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ

މިއަދު އޮންލައިން