ޢަލީ އިޙްޞާން ފިރާޤް
ހާބީލު ޤަތުލުކުރުމަށްފަހު ޤާބީލަށް އޭނާގެ އަޚާގެ ފުރާނަނެތް ހަށިގަނޑު ނިވާ ކުރާނެގޮތެއްވެސް ނޭނގުނެވެ. ދެން މާތްﷲ ކާޅެއްފޮނުއްވައިގެން ހާބީލުގެ ހަށިކޮޅު ވަޅުލައްވާނެ ގޮތުގެ މިސާލެއް ދެއްކެވިއެވެ. މިކަން ބަޔާން ކުރައްވައި މާއިދާ ސޫރަތުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ.
فَبَعَثَ اللَّـهُ غُرَابًا يَبْحَثُ فِي الْأَرْضِ لِيُرِيَهُ كَيْفَ يُوَارِي سَوْءَةَ أَخِيهِ ۚ قَالَ يَا وَيْلَتَىٰ أَعَجَزْتُ أَنْ أَكُونَ مِثْلَ هَـٰذَا الْغُرَابِ فَأُوَارِيَ سَوْءَةَ أَخِي ۖ فَأَصْبَحَ مِنَ النَّادِمِينَ ﴿٣١﴾
މާނައީ: "ދެން އޭނާގެ أخ އާގެ (ފުރާނަނެތް) މަސްގަނޑު ނިވާކުރާނީ ކޮންފަދަޔަކުންކަން އޭނާއަށް ދެއްކެވުމަށްޓަކައި، ބިން ހާވާނޭ ކާޅެއް اللَّه ފޮނުއްވިއެވެ. ދެން، އޭނާ ބުންޏެވެ. އޭ، އަހުރެންނަށް ހުރި ހިތާމަޔެއްގެ ބޮޑުކަމާއެވެ! އަހުރެންގެ أخ އާގެ މަސްގަނޑު ނިވާކުޅައުމަށް، މި ކާޅު ފަދައިންވުމަށްވެސް، އަހުރެން ނުކުޅެދިގެން ވީހެއްޔެވެ؟ ދެން، އޭނާ ހިތާމަކުރާ މީހުންގެ ތެރެއިންވިއެވެ."
އައްސުއްދީ ވިދާޅުވެފައިވެއެވެ. ޤާބީލު އޭނާގެ އަޚް ޤަތުލުކުރުމަށްފަހު އޭނާ ބިންމައްޗަށް ދޫކޮށްލެއްވިއެވެ. އޭނާ ވަޅުލާނެ ގޮތެއް ޤާބީލަކަށް ނޭނގުނެވެ. އެ ވަޤުތު މާތްﷲ ދެ ކާޅު އެތަނަށް ފޮނުއްވިއެވެ. އެ ދެކާޅު އެތަނުގައި އެކަތި އަނެކެއްޗާއި ތަޅައިފޮޅައި އެތަނުން އެކެތި މަރުވެއްޖެއެވެ. ދެން މަރުނުވާ ކާޅު އެތަނުގައި ހޮރެއްކޮނެފައި މަރުވެފައިވާ ކާޅު އެތަނަށް ލައި ފަސްއަޅައިފިއެވެ. މިތަން ދެކެފައި ޤާބީލު ބުންޏެވެ. "އޭ، އަހުރެންނަށް ހުރި ހިތާމަޔެއްގެ ބޮޑުކަމާއެވެ! އަހުރެންގެ أخ އާގެ މަސްގަނޑު ނިވާކުޅައުމަށް، މި ކާޅު ފަދައިންވުމަށްވެސް، އަހުރެން ނުކުޅެދިގެން ވީހެއްޔެވެ؟" {އިބްނު ކަޘީރު ތަފްސީރު، ތިންވަނަ ޖިލްދު، 155}
ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
" لاَ تُقْتَلُ نَفْسٌ ظُلْمًا إِلاَّ كَانَ عَلَى ابْنِ آدَمَ الأَوَّلِ كِفْلٌ مِنْ دَمِهَا لأَنَّهُ كَانَ أَوَّلَ مَنْ سَنَّ الْقَتْلَ " { صحيح مسلم/ كتاب القسامة والمحاربين والقصاص والديات/ باب بَيَانِ إِثْمِ مَنْ سَنَّ الْقَتْلَ/ ޙަދީޘް ނަންބަރު 1677}
މާނައީ: "އެއްވެސް އިންސާނަކު އަނިޔާވެރިގޮތުގައި ޤަތުލުކޮށްލެވިއްޖެނަމަ، އެމީހާގެ ލެއިން (އެބަހީ: ޙައްޤަކާނުލައި އޭނާ މަރައިލެވުނު ކަމުގެ ފާފައިން) ބައެއް އެންމެ ފުރަތަމަ އާދަމުގެ ދަރިޔާއަށް (ޤާބިލަށް) ނުލިބި ނުދާހުއްޓެވެ. އެހެނީ އޭނާއަކީ އެންމެ ފުރަތަމަ ޙައްޤަކާނުލައި މީހަކު މަރާލި މީހާއެވެ. {އެބަހީ: ޙައްޤަކާނުލައި އެންމެ ފުރަތަމަ މީހަކު މަރައިލުމުގެ ނުރަގަނޅުކަންތައް ފެށިމީހަކީ އޭނާއެވެ.}"
މުޖާހިދު ވިދާޅުވެފައިވެއެވެ. ޤާބީލަށް އޭނާ ކުރި ފާފައިގެ ޢުޤޫބާތް ދުނިޔޭގައިވެސް ދެއްވެވިއެވެ. އެކަލޭގެފާނުގެ ފައިންޕުޅު ވާވިއެވެ. މޫނުފުޅު މައްޗަށް އުފުލި އިރާދިމާއަށް އެނބުރިފައި ހުންނާނެ ގޮތަށް އޭނާގެ ސިފަ ބަދަލު ކުރެއްވިއެވެ. އެއީ އޭނާ ކުރި ނުބައި ޢަމަލުގެ ބަދަލު ދުނިޔޭގައި ދެއްވުމަށްޓަކައެވެ. އޭނާގެ ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމުގެ ޖަޒާއެއްގެ ގޮތުގައެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 221}
ރަޙިމުގެގުޅުން ކެނޑުމަކީ ދުނިޔާގައިވެސް އެކަމުގެ ޢުޤޫބާތް ލިބޭނެކަމެއްކަން ޞައްޙަ ޙަދީޘުންވެސް ޘާބިތުވެއެވެ.
أبو بكرة نفيع بن الحارث ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ.
" مَا مِنْ ذَنْبٍ أَجْدَرُ أَنْ يُعَجِّلَ اللَّهُ لِصَاحِبِهِ الْعُقُوبَةَ فِي الدُّنْيَا مَعَ مَا يَدَّخِرُ لَهُ فِي الآخِرَةِ - مِنَ الْبَغْىِ وَقَطِيعَةِ الرَّحِمِ " { سنن ابن ماجه، كتاب الزهد، باب الْبَغْىِ، ޙަދީޘް ނަންބަރު 4211}
މާނައީ: [ބަޣާވާތް ކުރުމާއި ރަޙިމުގެގުޅުން ކެނޑުމަށްވުރެ އާޚިރަތުގައި އެމީހަކަށް ޢުޤޫބާތް ފަސްކުރެއްވުމާއެކު ދުނިޔޭގައި އެކަމުގެ ޢުޤޫބާތް މާތްﷲ އަވަސްކުރެއްވުން އެކަށީގެންވާ އެއްވެސް ފާފައެއްނުވެއެވެ.]