ޢަލީ އިޙްޞާން ފިރާޤް
ދުނިޔޭގެ ދިރިއުޅުއްވުން:
އަލްޙާފިޡު އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. އިބްނުޢައްބާސްގެފާނު ވިދާޅުވެފައިވެއެވެ. އާދަމުގެފާނު ބިމަށް ފޮނުއްވެވުމަށްފަހު އެކަލޭގެފާނު އެންމެ ފުރަތަމަ ފަރީއްކުޅުއްވީ ގޮދަނެވެ. ޖިބްރީލުގެފާނު ގޮދަނުގެ ހަތް އޮއްޓަރުގެންނަވައި އާދަމުގެފާނަށް ދެއްވިއެވެ.
އާދަމުގެފާނު ވިދާޅުވިއެވެ.: [މިއީ ކޮންއެއްޗެއްތޯއެވެ.]
ޖިބްރީލުގެފާނު ވިދާޅުވިއެވެ.: [މިއީ އެގަހަކުން ކަލޭގެފާނު ފަރިއްކުޅުއްވުން ނަހީކުރެވުނު އެކަމަކު ކަލޭގެފާނު އެގަހުން ފަރިއްކުޅުއްވި ގަހުގެ އޮއްޓަރެވެ.]
އާދަމުގެފާނު ވިދާޅުވިއެވެ:. [މިއިން އަޅުގަނޑު ކުރަންވީ ކޮންކަމެއްތޯއެވެ؟]
ޖިބްރީލުގެފާނު ވިދާޅުވިއެވެ:. [މިއޮށްތައް ބިމުގައި އިންދަވާށެވެ.]
ދެން އާދަމުގެފާނު އެއޮށްތައް ބިމުގައި އިންދެވިއެވެ. އޭގެ ކޮންމެ އޮށެއް އާދައިގެ ގޮދަން ފުކަކަށްވުރެ އެއްލައްކަ ގުނަ ބަރު ނުވަތަ ބޮޑުކަމުގައި ބުނެވެއެވެ. އެއިން ގަސްފަޅައި ގޮވާންޅައިފައްކާވުމުން އެކަލޭގެފާނު ގޮވާންކެނޑުއްވިއެވެ. އޭގެ ތޮށި ސާފުކުރެއްވިއެވެ. އެއަށްފަހު އެމުގުރުއްވައި ފުށްމޮޑުއްވައިގެން ރޮށިފިއްސެވިއެވެ. އެކަލޭގެފާނަށް ފަރީއްކުޅުއްވޭވަރުވީ ނުހަނު ގަދަމަސައްކަތް ކުރައްވައިގެންނެވެ. ވަރުބަލިފުޅު ވުމަށް ފަހުގައެވެ. އެއީ ކީރިތި ޤުރްއާނުގައިވާ ފަދައިންނެވެ.
فَلَا يُخْرِجَنَّكُمَا مِنَ الْجَنَّةِ فَتَشْقَىٰ ﴿١١٧﴾
މާނައީ: ފަހެ، އެކަލޭގެ ތިޔަ ދެކަނބަލުން ސުވަރުގެއިން ނެރެލިޔަނުދެއްވާހުށިކަމެވެ! އޭރުން ކަލޭގެފާނު ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެތެވެ."
ދުނިޔޭގައި އެދެކަނބަލުންގެ އެންމެ ފުރަތަމަ ފޭރާމަކީ ބަކަރީގެ ކެހެރިއެވެ. ބަކަރިން ކެހެރި ވަކިކުރައްވައިގެން އޭގެ އުއިން ހެދުންކޮޅު ވިޔުއްވައި ތައްޔާރު ކުރެއްވިއެވެ. އާދަމުގެފާނު އެކަލޭގެފާނުގެ ހަށިކޮޅު ނިވާކުރެއްވޭނެ ދިގުހެދުންކޮޅެއް ތައްޔާރު ކުރެއްވިއެވެ. އަދި ޙައްވާގެފާނަށް ހެދުންކޮޅަކާއި ބުރުގާކޮޅެއް ހެއްދެވިއެވެ.
{އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 215، މިތަނުގައި މިވާހަކަ މި ނަކަލުކުރީ އަޙްމަދު ފާރޫޤު މުޙައްމަދުގެ ނަބީބޭކަލުންގެ ވާހަކައިންނެވެ.}
އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ސުވަރުގޭގައި آدم عليه السّلام އާއި ޙައްވާގެފާނަށް ބޭފުޅުން ލިބިވަޑައިގެންނެވިތޯ ނުވަތަ ނޫންތޯ މިއީ އިލްމުވެރިންގެ މެދުގައި ޚިލާފު ހިނގައިފައިވާ ކަމެކެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެދެކަނބަލުންނަށް ބޭފުޅުން ލިބިވަޑައިގެންނެވީ ހަމައެކަނި ދުނިޔޭގައި ކަމަށެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނި ސުވަރުގޭގައިވެސް އެދެކަނބަލުންނަށް ބޭފުޅުން ލިބިވަޑައިގެންނެވި ކަމަށެވެ. قابيل އާއި އޭނާގެ އުޚުތު ރައްކައުވީ ސުވަރުގޭގައި ކަމަށް އެބޭކަލުން ވިދާޅުވެއެވެ. މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲ އެވެ.
ޙައްވާގެފާނު ކޮންމެ ފަހަރަކު ރައްކައުވަނީ އެއްމާބަނޑު ދެބޭފުޅުންނެވެ. އަންހެންބޭފުޅަކާއި ފިރިހެން ބޭފުޅެކެވެ. މާތްﷲ އެކަލޭގެފާނަށް އަންގަވައި އަމުރު ކުރައްވައިފައިވަނީ އެއްފަހަރު ލިބިވަޑައިގަންނަވާ ފިރިހެން ބޭފުޅާއާ އަނެއްފަހަރު ލިބޭ އަންހެންބޭފުޅާއާ ކާވެނިކޮށްދެއްވުމަށެވެ. އެއްމާބަނޑު ދެބޭފުޅުން ކާވެނިކޮށްދެއްވުން އެކަލާންގެ ވަނީ މަނާކުރައްވާ ޙަރާމްކުރައްވައިފައެވެ.
{އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 215}
އިމާމު ތިރުމިޒީ ރިވާކުރައްވައިފައިވާ ޟަޢީފު ޙަދީޘެއް މަޢުލޫމާތުގެ ގޮތުން މިތަނުގައި ދަންނަވާލާނަމެވެ. ސަމުރަތު ބުނު ޖުންދުބު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
لَمَّا حَمَلَتْ حَوَّاءُ طَافَ بِهَا إِبْلِيسُ وَكَانَ لاَ يَعِيشُ لَهَا وَلَدٌ فَقَالَ سَمِّيهِ عَبْدَ الْحَارِثِ . فَسَمَّتْهُ عَبْدَ الْحَارِثِ فَعَاشَ وَكَانَ ذَلِكَ مِنْ وَحْىِ الشَّيْطَانِ وَأَمْرِهِ " { جامع الترمذي/ كتاب تفسير القرآن عن رسول الله صلى الله عليه وسلم/ ޙަދީޘް ނަންބަރު 3077/ މިއީ ޟަޢީފު ޙަދީޘެކެވެ.}
މާނައީ: "ޙައްވާގެފާނު އާލާސްވެއިންނެވުމުން، އިބިލީސް އެކަމަނާގެ އަރިހަށް އައިސް ދެންނެވިއެވެ. ކަމަނާގެ ދަރިކަލުންނަށް ޢަބްދުލް ޙާރިޘޭ ކިޔާ ނަންދެއްވާށެވެ. އޭރު ޙައްވާގެފާނަށް ކުރިން ލިބިވަޑައިގެން އެންމެހައި ބޭފުޅުންވަނީ ތުއްޕުޅުއިރު އަވަހާރަވެފައެވެ. ދެން އެކަމަނާ އެދަރިކަލުންނަށް ޢަބްދުލް ޙާރިޘޭ ވިދާޅުވެ ނަންދެއްވިއެވެ. އެއީ ޝައިޠާނާގެ ވަސްވާސްތަކާއި އަމުރުތަކުގެ ތެރެއިން އަމުރެކެވެ."