ޢަބްދުއްރަޙްމާން ބިން ޢައުފު 7: ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައި ފަސްދާނުލުމަށް ހުއްދަލިބިވަޑައިގެންނެވުމުން އެކަން ދޫކޮށްލެއްވި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 10ސ
ޢަބްދުއްރަޙްމާން ބިން ޢައުފު 7: ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައި ފަސްދާނުލުމަށް ހުއްދަލިބިވަޑައިގެންނެވުމުން އެކަން ދޫކޮށްލެއްވި

ޢަލީ އިޙްޞާން ފިރާޤް

 

ހިތްޕުޅު ތިރިކަން 

ސުމާރެއް ނެތް މިންވަރަށް عبد الرّحمن بن عوف ގެ އަތްޕުޅުގައި މުދާ ހުރިކަމުގައިވިޔަސް އެކަލޭގެފާނަކީ ނުހަނު ހިތްޕުޅުތިރި ތަވާޟުޢުވެރި ބޭކަލެކެވެ. އެއްފަހަރަކު އެކަލޭގެފާނު ސުންނަތް ރޯދަފުޅަކަށް ހުންނަވަނިކޮށް އެކަލޭގެފާނުގެ އަރިހަށް ފަރީކޮޅެއް ގެންނެވުނެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. 

[މުޞްޢަބު ބިން ޢުމައިރަކީ ތިމަންކަލޭގެފާނަށްވުރެ ހެޔޮލަފާ ޞާލިޙު ބޭކަލެކެވެ. އެކަލޭގެފާނު ޝަހީދުވުމުން ކަފުންކޮޅު ތުރުކުރެއްވުމަށް ބެލިއިރު އެންމެ ރިދާކޮޅެއް ފިޔަވައި ކަފުންކުރާނެ އެއްޗެއް ނުލިބުނެވެ. އެ ފޮތިކޮޅުން އެކަލޭގެފާނުގެ އިސްތަށިފުޅު ނިވާކޮށްފިނަމަ ދެ ފައިންޕުޅު ހާމަވެއެވެ. ދެފައިންޕުޅު ނިވާކޮށްފިނަމަ އިސްތަށިފުޅު ހާމަވެއެވެ. ދެން އަހުރެމެންނަށް ދުނިޔެ ތަނަވަސްކުރެވުނު މިންވަރަކަށް ތަނަވަސްކުރެވުނެވެ. ނުތަވަ ދުނިޔެއިން އަހުރެމެންނަށް ދެއްވުނު އެއްޗެއް ދެއްވުނެވެ. އެކަމާހެދި އަހަރެމެންނަށް ހީކުރެވުނީ އަހަރެމެންގެ ހެޔޮ އަމަލުތަކުގެ ބަދަލު ދުނިޔޭގައި ދެއްވުނީ ކަމަށެވެ.] 

މިހެން ވިދާޅުވެފައި عبد الرّحمن بن عوف رضى اللّـه عنــه ކީރިތި ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ހުރި ފަރިއްކޮޅު ފަރީއްނުކުޅުއްވައި ދޫކޮށްލެއްވިއެވެ. {صحيح البخاري، كتاب الجنائز، باب إِذَا لَمْ يُوجَدْ إِلاَّ ثَوْبٌ وَاحِدٌ، ޙަދީޘް ނަންބަރު 1275} 

ކީރިތި ރަސޫލާ އާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ފަސްދާނުވެޑުވުމަށްފަހު އަދި އެކަކު ފަސްދާނުވަޑުވާނެތަން ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައި އޮތެވެ. އެކަމަނާވަނީ عبد الرّحمن بن عوف رضى اللّـه عنــه ގެ އިޙްސާންތެރިކަމަށްޓަކައި އެކަމަނާގެ ކޮޓަރިކޮޅުގައި އެކަލޭގެފާނު އަވަހާރަވުމުން ފަސްދާނުވެޑުވުމުގެ ހުއްދަ ދެއްވާފައެވެ. ނަމަވެސް عبد الرّحمن بن عوف رضى اللّـه عنــه އެކަން ޤަބޫލުފުޅެއް ނުކުރެއްވިއެވެ.

ޙަފްސު ބިން ޢުމަރު ބިން ޢަބްދުއްރަޙްމާންގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. عبد الرّحمن بن عوف رضى اللّـه عنــه އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވަނިކޮށް ޢާއިޝަތުގެފާނު އެކަލޭގެފާނަށް ޚަބަރު ފޮނުއްވިއެވެ. 

[މާތް ރަސޫލާ ގެ އަރިހުގައި ކަލޭގެފާނު ފަސްދާނުވަޑުވާނެ ތަންކޮޅެއް އަޅުގަނޑު ބަހައްޓައިފައި ހުންނާނެއެވެ. ކަލޭގެފާނު ބޭނުންފުޅުނަމަ މިކަން ޤަބޫލުފުޅު ކުރައްވާށެވެ.]

عبد الرّحمن بن عوف رضى اللّـه عنــه، ޢާއިޝަތުގެފާނަށް ޚަބަރު ފޮނުއްވިއެވެ. [އަޅުގަނޑަށް އަޑުއިވިފައިވާ ގޮތުގައި، ޢުމަރުގެފާނު ކަމަނާގެ ކޮޓަރިކޮޅުގައި ފަސްދާނުވެޑުވިފަހުން ކަމަނާ (ޢިއްފަތްތެރިވެވަޑައިގެންނެވުމުގެ ގޮތުން) ބުރުގާކޮޅެއް ނުބާލުއްވައެވެ. އެހެން ނޫނަސް މާތް ރަސޫލާ ގެ ކޮޓަރިކޮޅު ގަބުރުސްތާނަކަށް ހަދާކަށް ތިމަންކަލޭގެފާނު ބޭނުންފުޅެއްނޫނެވެ. ތިމަންކަލޭގެފާނުވާނީ ޢުޘްމާނު ބިން މަޡްޢޫން ދުނިޔޭގައި ހުންނެވި އިރު ވަޢުދެއްވެފައެވެ. އެއީ ތިމަންމެންދެބޭކަލުން ދުނިޔެދޫކޮށް ދިޔުމަށްފަހު އެއްތަނެއްގައި ފަސްދާނުލުމަށެވެ.] {ހިސްޓްރީ އޮފް މަދީނާ} 

މި ޙާދިޘާއިންވެސް އެކަލޭގެފާނުގެ ހިތްޕުޅުތިރިކަން ދޭހަވެއެވެ.

 

 

 

މިއަދު އޮންލައިން