ޢަލީ އިޙްޞާން ފިރާޤް
ދީލަތިފުޅުކަން
عبد الرّحمن بن عوف رضى اللّـه عنــه އަކީ އެއްވެސް ޙައްދެތި، އިސްލާމްދީނަށްޓަކައި އެކަލޭގެފާނުގެ މުދާތައް ހޭދަކުރެއްވި ބޭކަލެކެވެ. ވަރަށް ގިނައިން ހަނގުރާމަތަކަށާއި މުސްލިމު މުޖާހިދުންނަށް އެކަލޭގެފާނު ހޭދަކުރައްވާ ހައްދަވައެވެ. އެއްފަހަރަކު ހަނގުރާމައަށްޓަކައި ފައްސަތޭކަ އަސް އެކަލޭގެފާނު ބައްލަވައިގެންނެވިއެވެ. އަނެއް ފަހަރަކު މުސްލިމު މުޖާހިދުންނަށްޓަކައި، ފަނަރަ ސަތޭހަ ޢަރަބި އަސް ބައްލަވައިގެންނެވިއެވެ.
عبد الرّحمن بن عوف رضى اللّـه عنــه އަވަހާރަވުމުގެ ކުރިން އެކަލޭގެފާނުވަނީ އެކަލޭގެފާނުގެ އެންމެހައި އަޅުންތައް މިނިވަން ކުރައްވައިފައެވެ. އަވަހާރަވުމުގެ ކުރިން އެކަލޭގެފާނުގެ މުދަލާމެދުވަނީ ވަޞިއްޔަތް ކުރައްވާފައެވެ. އެ ވަޞިއްޔަތުގައިވަނީ ބަދުރު ހަނގުރާމައަށް ވަޑައިގެންނެވި ބޭކަލުންގެ ތެރެއިން އޭރު ދުނިޔޭގައި ތިއްބެވި ކޮންމެ ބޭކަލަކަށް 400 ދީނާރު ދިނުމަށެވެ. ހަމައެއާއެކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންނަށްވެސް ވަރަށް ގިނަ މުދާ ދެއްވުމަށް އެކަލޭގެފާނުވަނީ ވަޞިއްޔަތް ކުރައްވާފައެވެ.
އުސުދުލް ޣާބާގައި ލިޔުއްވައިފައިވެއެވެ. عبد الرّحمن بن عوف رضى اللّـه عنــه އެއްދުވަހު އެކަނި ތިރީސް އަޅުން މިނިވަންކުރެއްވިއެވެ.
އިބްނު ޢަސާކިރު އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެއްފަހަރަކު ޙަދީޘް ކުރެއްވިއެވެ. [ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ ތިމަންކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް އެންމެ ހެޔޮ މީހާއެވެ.] عبد الرّحمن بن عوف رضى اللّـه عنــه އެކަލޭގެފާނުގެ ބަގީޗާއެއް އެކަނބަލުންނަށްޓަކައި ހަތަރު ލައްކަ ދިރުހަމަށް ވިއްކަވައިލެވިއެވެ.
{ތާރީޚު ދިމިޝްޤު، ވޮލިޔުމް 35. ޞަފްޙާ 282}
އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ އަރިހުގައި ޙަދީޘް ކުރައްވައިފައިވެއެވެ. [ތިމަންކަލޭގެފާނު އެންމެ ކަންބޮޑުވެވަޑައިގަންނަވަނީ ތިމަންކަލޭގެފާނަށްފަހު ތިޔަކަނބަލުންނަށް ވާނެގޮތަކާމެދުގައެވެ. ހަމަކަށަވަރުން ތިޔަކަނބަލުންގެ ކަންތައްތަކުގައި ކެތްތެރިވެވޭނީ ހަމަކަށަވަރުންވެސް ކެތްތެރިންގެ ތެރެއިންވާ މީހަކަށެވެ.]
މިޙަދީޘް عبد الرّحمن بن عوف رضى اللّـه عنــه ގެ ދަރިކަލުން أبو سلمة އަށް ރިވާކޮށްދެއްވުމަށްފަހު أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنها ދުޢާފުޅުކުރެއްވިއެވެ. [މާތްﷲ، ކަލޭގެފާނުގެ ބައްޕައަށް ޖަންނަތުގެ ސަލްސަބީލު ފެންއާރުން ފެންބޯންދެއްވާންދޭވެ.] عبد الرّحمن بن عوف رضى اللّـه عنــه ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންނަށް ގުޅުން ވާސިލުކޮށް ހެޔޮފޯރުކޮށްދެއްވުމަށްޓަކައި އެކަލޭގެފާނުގެ ކޮންމެވެސް މުދަލެއް ސާޅީސް ހާސް ދިރުހަމަށް ވިއްކަވައިލެއްވިއެވެ.
{ جامع الترمذي، كتاب المناقب عن رسول الله صلى الله عليه وسلم، باب مَنَاقِبِ عَبْدِ الرَّحْمَنِ بْنِ عَوْفٍ الزهري رضى الله عنه،ޙަދީޘް 3749}
އިމާމު އަޙަމްދުގެ މުސްނަދުގައި ރިވާވެގެންވެއެވެ. عبد الرّحمن بن عوف رضى اللّـه عنــه އެކަލޭގެފާނުގެ ބިމެއް ސާޅީސް ހާސް ދީނާރަށް ވިއްކަވައިލެއްވިއެވެ. އެއަށްފަހު އެތަކެތި ޒުހުރަތުވަންހަ އާއި މުހާޖިރުންގެ ތެރެއިން ފަޤީރުންނަށް ބެއްސެވިއެވެ. އުއްމުހާތުލް މުއުމިނީންއަށްވެސް އެއި ފައިސާ ދެއްވިއެވެ.
އޭގެ ތެރެއިން أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنها އަށް ވީބައި ހިފައިގެން ވަޑައިގެންނެވީ مسور އެވެ. އޭނާ އެ ފައިސާ عائشة ގެފާނަށް ދެއްވުމުން ވިދާޅުވިއެވެ. [ތިޔައީ ކާކު ފޮނުއްވި އެއްޗެއް ހެއްޔެވެ؟] مسور ދެންނެވިއެވެ. [عبد الرّحمن بن عوف އެވެ.] عائشة ގެފާނު ވިދާޅުވިއެވެ. [ހަމަކަށަވަރުން ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ޙަދީޘް ކުރެއްވިއެވެ. [ތިމަންކަލޭގެފާނު އަވަހާރަވުމަށްފަހު ތިޔަކަނބަލުންނަށް ރަޙުމުކޮށް ހަމްދަރުދީވެވަޑައިގަންނަވާނީ ކެތްތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ.]
އެއަށްފަހު أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنها، عبد الرّحمن بن عوف رضى اللّـه عنــه ގެ މައްޗަށް ދުޢާފުޅުކުރައްވާ ވިދާޅުވިއެވެ. [މާތްﷲ، عبد الرّحمن بن عوف އަށް ޖަންނަތުގެ ސަލްސަބީލު ފެންއާރުން ފެންބޯންދެއްވާންދޭވެ.]
{މުސްނަދު އަޙްމަދު، ޙަދީޘް ނަންބަރު 24768}