ފައިސާގެ ދަހިވެތިކަމުގަ އަނބިމީހާ އެއްރެއަށް ވިއްކާލަން އުޅުމުން ދެއަނބިން ގުޅިގެން 2 ފިރިން ޖަލަށް ލައްވައި ތަނަވަސް މީހާގެ މުއްސަނދިކަމުން ބައެއް ހޯދިގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ފައިސާގެ ދަހިވެތިކަމުގަ އަނބިމީހާ އެއްރެއަށް ވިއްކާލަން އުޅުމުން ދެއަނބިން ގުޅިގެން 2 ފިރިން ޖަލަށް ލައްވައި ތަނަވަސް މީހާގެ މުއްސަނދިކަމުން ބައެއް ހޯދިގޮތުގެ ވާހަކަ-

އަހަރެންގެ ފިރިމީހާއަކީ އަބަދުވެސް ތަނަވަސްކަމަށް އިންތިހާއަށް ދަހިވެތިވެގެން ހުންނަ މީހެކެވެ. ވިޔަފާރިއެއް ފަށާނެ ފައިސާއަށް ބޭނުންވެގެން ހުންނަ މީހެކެވެ. އެހެން ހުއްޓައި ތަނަވަސް އަވަށްޓެރިއަކު އޭނާއަށް ފުރުޞަތެއް ދީފިއެވެ. އެއީ އެއްރެއަށް އޭނާއަށް އަހަރެން ދީފިނަމަ ގިނަ އަދަދެއްގެ ފައިސާ ދޭނެކަމަށް ބުނުމެވެ.

ފިރިމީހާއައީ އެކަން ކުރާނެ ގޮތެއް ރާވަމުންނެވެ. އޭނާ ގެއަށް ވައްދައި އަހަރެންނާއި ގުޅުވަން މަސައްކަތްކުރަމުންނެވެ. އެކަން އިމުން ބޭރުވާން ފެށުމުން ދެން އެހެން ގޮތެއް ނެތިގެން އެމުއްސަނދިމީހާގެ އަނބިމީހާއަށް އެވާހަކަތައް ކިޔައިދިނީމެވެ. އެއިރު އޭނާއަށްވެސް އޮތީ ކޮންމެވެސް ވަރަކަށް އެކަމަށް ޝައްކުކުރެވިފައެވެ.

އޭނާ އަހަރެންނަށް ސިއްރު ރެކޯޑަރެއް ދިނެވެ. އަދި ދައްކާ ވާހަކަތައް ރެކޯޑްކުރަން ބުންޏެވެ. އެއީ ރެކޯޑްކުރަން ޖެއްސުމުން އަޑުތައް އޭނާގެ ފޯނަށް ލިބޭނެ ގޮތަށް ހަދާފައިވާ ރެކޯޑަރެކެވެ. އޭނާ ބުނީ ހެކިލިބުމުން ރަނގަޅު ފިލާވަޅެއް ދޭނެ ކަމަށާއި ލިބޭ ފައިދާ ދެމީހުން ބަހާނީ ކަމަށެވެ. 

އެއީ އަހަރެން ގޮވައިގެން ހޮޓަލަށްދާން އެދެމީހުން ހަމަޖައްސާފައި އޮތްރެއެވެ. ހޮޓަލަށް ގޮސްފައި ފިރިމީހާ ފިލާގޮތަށް ވަނީ ރާވައިފައެވެ. ހޮޓަލަށް ގެންދަނީ ތަނަވަސް މީހާގެ ޚަރަދުގައި އަހަރެންގެ އުފަންދުވަސް ފާހަގަކުރަންކަމަށް ބުންޏެވެ. 

ކޮންމެއަކަސް ހޮޓަލަށް ގޮސް ކޮޓަރިއަކަށް ޗެކިންގ ވެފައި އެބަ އަންނަން ކަމަށް ބުނެފައި ފިރިމީހާ ފިލައިފިއެވެ. އިރުކޮޅަކުން އެމީހާ އަހަރެންގެ ބޭނުންކުރަން އުޅެން ފަށައިފިއެވެ. އެކަމަށް ދެކޮޅު ހަދަމުން ދިއައިމެވެ. މިހާރުވެސް ކަލޭގެ ފިރިމީހާއަށް އެތައް ބައިވަރު ފައިށާއެއް ދީފައިވާނެ ކަމަށާއި އެހާބޮޑު ހޭދައެއް ކުރީ ވަރަށް ކުރިންސުރެ އަހަރެންގެ ބޭނުންކޮށްލަން ބޭނުންވެގެން ހުންނާތީކަމަށްވެސް ބުންޏެވެ. ޖަވާބުގައި ބުނީމެވެ. "ފައިސާ ދީފައި ގަނެވޭނީ ފިރިމީހާއެވެ. އަނބިމިހާ ވިއްކުމުގެ ހައްޤެއް ފިރިމީހާއަކަށްވެސް ނުއޮންނާނެއެވެ. އަހަރެން ކަލޭގެ އަތުން އެއްވެސް ފައިށާއެއްގައި ހިފާފައެއް ނުވާނެއެވެ. އަދި ފިރިމީހާއަށް އަހަރެން ގަންނަން އެއްވެސް ފައިސާއެއް ދިންކަމެއް އެނގިފައެއްވެސް ނެތެވެ. ދީފައިވީނަމަވެސް އެއީ ބާޠިލު ވިޔަފާރިއެކެވެ." 

އޭނާ ރުޅިގަދަވެ ތިއަކަން ނިކަން ދައްކާލަނަމޭ ބުނެފައި އައިސް އަޅުގަނޑުގެ ގައިގައި އަތްލި ވަގުތަކީ އޭނާގެ އަނބިމީހާ ގެނައި ފުލުހުން ދޮރުގެ ތަޅަށް ބަޑިޖަހާފައި ކޮޓަރިއަށް ވަންވަގުތެވެ. އަނބިމީހާވެސް ފުލުހުންނާއިއެކު އެތަނުގައި ހުއްޓެވެ. އެމީހުން ދިއައީ ބޭރުގައި ތިބެގެން ފޯނުން އަޑުއަހަމުންނެވެ. 

ފުލުހުން އޭނާ ހައްޔަރުކޮށް އަދި ފަހުން އަހަރެންގެ ފިރިމީހާވެސް ހައްޔަރުކޮށް މައްސަލަ ބަލައި ކޯޓަށް ފޮނުވުމުން 2 މީހުންގެ މައްޗަށް ދިގު މުއްދަތެއްގެ ޖަލު ޙުކުމެއް އިއްވިއެވެ. ތަނަވަސްމީހާގެ ކައިވެނީގެ އެއްބަސްވުމުގެދަށުން ބޮޑު ބަދަލެއް ހޯދައިދިނެވެ. ލިބުނު ފައިސާއިން އަހަރެންނަށްވެސް ބައެއް ދިނެވެ. 

ވަގުޑީލްތައް ހަދައި ތަނަވަސް މީހުންނަށް އަނބިން ވިއްކުމަކީ މިހާރު ވަރަށް ގިނައިން ކުރަމުން އަންނަ ކަމެކެވެ. ވަޒީފާގެ ޕްރަމޯޝަން ހޯދަންވެސް އަނބިމީހާ އެބަ ވިއްކާލައެވެ. އެއްބަސްނުވެއްޖެނަމަ ބޮޑެތި އަނިޔާތައްވެސް އެބަކުރެއެވެ. ވީމާ އެފަދަ ނުބައި ޢަމަލުތައްކުރާ މީހުންނަށް މިފަދަ ފިލާވަޅުތައް ދިނުން ނޫން ގޮތެއް ނެތެވެ. 

މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ މިއީ ބޭޜު ޤައުމެއްގައި ހިނގާފައިވީކަމެއް ނަމަވެސް މިއީ ހަމަ މިރާއްޖޭގައިވެސް މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ވިޔަފާރިއަކަށްވާތީއެވެ. 

މިވާހަކައިގައި އެ 2 އަންހެނުން ގުޅުނު ގޮތަށް ރާއްޖޭގައިވެސް އެކަންކުރަން އެބަޖެހެއެވެ. މިނުބައި އަމަލު ހުއްޓުވޭނީ ހަމަ އަންހެނުން ހޭލުންތެރިވެ ގުޅިގެން މަސައްކަތްކުރުމުންނެވެ. މިއީ ދައްކަން ލަދުވެތި ވާހަކަތަކެވެ. ނަމަވެސް މިއީ ހަމަ މިރާއްޖޭގައިވެސް މިހާރުވެސް ފެތުރި ކުރިއަށްދާ ބޮޑުވަބާއެކެވެ. ފިރިންނަށް އަޅުވެތިވެ މިފަދަ ނުބައި ޢަމަލުތަކުގެ ޝިކާރައަކަށްވެފައިވާ އަންހެނުން ބައިވަރުކަމަށް ބުނަންކެރިދާނެއެވެ. 

- އަޒުލިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން