ހިތްދަތިކަން ފިލުވާލަން ޢަމަލުކުރަން އެނެމެ ފައިދާބޮޑު ގޮތާ ކުރަންވީ ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހިތްދަތިކަން ފިލުވާލަން ޢަމަލުކުރަން އެނެމެ ފައިދާބޮޑު ގޮތާ ކުރަންވީ ކަންކަން!

ހިތް އުފައްދަވައި އިންސާނާގެ ހަށިގަނޑުގައި އެހިތް ލެއްވެވީ ﷲ ތަޢާލާއެވެ! ހިތުން ކުރަން ޖެހޭ މަސައްކަތްތައް ހިތަށް އަނގަވައިދެއްވެވީ ﷲ ތައާލާއެވެ. އެ މަސައްކަތްތައް ކުރުމުގެ ކުޅަދާނަކަން ހިތަށް ދެއްވެވީ ﷲ ތަޢާލާއެވެ!  

އިންސާނާއަށް ކުރަން އުނދަގޫކަމަކަށްވަނީ ހިތަށް ހިތްހަމަޖެހުން ލިބިގަތުމެވެ. ހިތްހަމަޖެހުން ލިބިގަތުން އެހައި ދަތި އުނދަގޫކަމަކަށްވާ ސަބަބަކީ ހިތް ދެއްވެވި ﷲ ތައާލާ އަންގަވާފައިވާ ގޮތަށް ހިތަށް ހަމަޖެހުން ހޯދަން މަސައްކަތް ނުކުރެވުމެވެ.  

މީސްތަކުންނޭވެ! ހިތަކީވެސް ﷲ ތައާލާ އިންސާނާ އާއި ހަވާލުކުރައްވަވާފައިވާ މަތިވެރި އަމާނާތެކެވެ! ރަނގަޅު ގޮތުގައި ހިތް ބަލަހައްޓައި އެހިތުގެ ފައިދާ އެންމެ ރަނގަޅަށް ލިބިގަނެވޭނެ ގޮތް ﷲ ތަޢާލާ ވަނީ މީސްތަކުންނަށް ބަޔާންކޮށް ދެއްވަވައިފައެވެ. މިޒަމާނުގެ ބަހުރުވައިންނަމަ "ހޭންޑްލިންގ މެނުއަލް" ވަނީ ދެއްވަވައިފައެވެ.  

ހިތަށް އުފާވެރިކަމާއި ހަމަޖެހުން ލިބޭނީ ހިތް ދެއްވެވި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ހިތުގެ ބޭނުން ހިފުމުންނެވެ. ފައިސާ ގިނަވެފައި އަނބިން، ފިރިން ގިނަވެފައި އަދި ރީތިވެސް ވެފައި މުދައު ގިނަވުމަކީ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބޭނެ ކަންކަމެއް ނޫނެވެ. ދެއްވެވި ނިޢްމަތްތަކުގެ ބޭނުން ހިފަން ނުއެނގޭނަމަ ހިތަށް އަބަދުވެސް ދާނީ މައްސަލަތައް ކުރިމަތިވެ އަނިޔާވެސް ލިބެމުންނެވެ. ހިތްދަތިކަން އިތުރުވަމުންނެވެ.

ހިތަށް އުފާވެރިކަމާއި ހަމަޖެހުން ލިބޭނެ ހަމައެކަނި ގޮތަކީ ހިތް ދެއްވެވި ﷲ ތަޢާލާ އަށް ޝުކުރުވެރިވުމެވެ. ﷲ ތަޢާލާއަށް ވަކީލުކުރާ މީހަކު ކަމުގައިވުމެވެ. ކުރެވޭ ފާފަތަކުން ހިތުގައި ޖަހާ ކަލުތިކިތައް ފުހެ ސާފުކުރަމުން ގެންދިއުމުންނެވެ. އެފަދަ މީހުން މުޅި އުމުރުގައިވެސް ތިބޭނީ ހިތްހަމަޖެހިގެން އުފަލުގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން