ކަސްޓަމްސްގަ ޕޯޓްހެލްތުން ޚިދުމަތްދޭ ވަގުތު- ވިޔަފާރިވެރިންގެ ބޮޑު ކަންބޮޑުވުމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކަސްޓަމްސްގަ ޕޯޓްހެލްތުން ޚިދުމަތްދޭ ވަގުތު- ވިޔަފާރިވެރިންގެ ބޮޑު ކަންބޮޑުވުމެއް!

ކަސްޓަމްސްގަ ޕޯޓްހެލްތުން ޚިދުމަތްދޭ ވަގުތުކަމަށް މިހާރު ހަމަޖައްސާފައިވަނީ ހެނދުނު 9 އިން ހަވީރު 4 އަށެވެ. ލިޔެކިޔުންތައް ބަލައިގަންނަނީ ހެނދުނު 9 އިން ހަވީރު 4 ޖަހަންދެން ނަމަވެސް ތަކެތި ބަލައި ފާސްކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10 އިން މެންދުރުފަހު 3 ޖަހަންދެންނެވެ. ހުކުރު ދުވަހު ޚިދުމަތެއް ނުލިބޭނެއެވެ. 

ކަސްޓަމަކީ ގިނަ ވަގުތުތަކެއްގައި ޚިދުމަތްދޭ ތަނެކެވެ. ކަސްޓަމްސް އާއި އެމްޕީއެލްގެ މުވައްޒިފުން ރޭގަނޑާއިއެކު މަސައްކަތްކުރެއެވެ. ހެނދުނު 7.30 އިން ފެށިގެން ފޯމްތައް ބަލައިގަނެއެވެ. ރޭގަނޑު 11 ޖަހަންދެން މުދައުދޫކުރެއެވެ. އެހެންކަމަށްވުމުން ކަސްޓަމްސް އާއި އެމްޕީއެލްގެ މުވައްޒިފުން މި ވަގުތުތަކުގައި ޚިދުމަތްދޭއިރު ޕޯޓްހެލްތްގެ ޚިދުމަތް މިލިބެނީ ވަރަށް މަދު ވަގުތުކޮޅެއްގައެވެ. 

ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ތެރޭގައި ގިނަ އަދަދެއްގެ ކާބޯތަކެތި ހިމެނޭތީ ޕޯޓްހެލްތުގެ ޚިދުމަތްވެސް ކަސްޓަމްސް އިން މުދައު ދޫކުރާ ވަގުތުތަކުގައި ބޭނުންވާއިރު ޚިދުމަތްދޭ ވަގުތު މިހައި ބޮޑަށް މަދުވުމުން އެކަމުގެ ދަތިތައް މުދައުނެރޭ ފަރާތްތަކަށް ކުރިމަތިވެއެވެ. 

ކާބޯތަކެތި ނެރޭއިރު ޕޯޓްހެލްތުގެ ޚިދުމަތް ދެނީ 2 މުވައްޒިފުން ތިބެގެންނެވެ. ބައެއް ޙާލަތްތަކުގައި އެންމެ މުވައްޒިފަކު ހުރުމުން ޚިދުމަތް ނުލިބުން ފަދަ މައްސަލަތައް ކުރިމަތިވާކަމަށްވެސް މުދައުނެރޭ ފަރާތްތަކުން ބުނެއެވެ. 

ގިނަ އަދަދެއްގެ ކާބޯތަކެތި އެތެރެކުރާ ބައެއް ފަރާތްތަކުން ބުނެފައިވަނީ ޕޯޓް ހެލްތުގެ ޚިދުމަތްދޭ ވަގުތުތައް މަދުވުމުން މުދައު ނެރުމުގައި ދަތިތައް ކުރިމަތިވެ ކޮންޓޭނަރުތައް ޖުރުމަނާވެ އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ. އަދި ޖުރުމަނާ ދައްކަންޖެހުމުން މުދަލުގެ އަގު އުފުލަންވެސް މަޖުބޫރުވާ ކަމަށެވެ.  

"ރައްޔިތުން ބޭނުމެއްނުވާނެ އެގޮތެއް. މިދެންނެވީ މުދަލުގެ އަގު އެންމެ ރުފިޔާއެއްވެސް ބޮޑުވާކަށެއް. ނަމަވެސް ކީއްތޯ ކުރާނީ ބޮޑުނުކޮށް. އަޅުގަނޑުމެންގެ އަތުން ދައްކަން ޖެހޭ ފައިސާއެއް މުދަލުގެ އަގަށް ނުވައްދާ ކިހިނެއްތޯ ވިއްކާނީ؟ އެންމެން ދައްކާނީ އަބަދު ތަކެތީގެ އަގުބޮޑުވާ ވާހަކަ. އެންމެންނަކަށް މިކަންކަން ހިނގާ ގޮތެއް ނޭނގޭނެ. އެހެންވެ މިވާހަކަ ދައްކަން މިޖެހެނީ." މުދައު ނެރޭ ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އަދި މިއީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ވިސްނައި އިޞްލާޙްކޮށްދޭންޖެހިފައިވާ ކަމެއްކަމަށްވެސް ބުނެއެވެ.

މިއަދު އޮންލައިން