އަޅުގަނޑަށް ދިރިއުޅެން ޖެހިފައި އޮތް ދަތިޙާލުގެ ސަބަބުން 18 އަހަރު ފުރުނުތަނާ ކައިވެނިކޮށްފީމެވެ. ކައިވެނިކުރިތަނުން ދަރިއަކު ލިބިއްޖެއެވެ. ނަމަވެސް ފިރިމީހާ އާއިއެކު ދިރިއުޅެން ބޭނުމެއް ނުވިއެވެ. ސަބަބަކަށްވީ ކައިވެންޏަށްފަހުވެސް ކުރިންވެސް ދިރިއުޅުނު ފަދައިން ތަނަވަސްކަމެއް ނެތި ދަތިޙާލުގައި ދިރިއުޅެންޖެހުމެވެ. ފިރިމީހާއަށް ލިބޭ އާމްދަނީ މަދުވުމުންނެވެ.
ދަރިފުޅަށް 3 އަހަރުގައި ދަރިފުޅާއި ފިރިމީހާ ދޫކޮށްލައި ތަނަވަސް މީހަކާއި ކައިވެނިކުރީމެވެ. އޭނާއަކީ ތަނަވަސް މީހެކެވެ. ފައިސާ ޚަރަދުކުރެއެވެ. ނަމަވެސް ލޯތްބާއި އަޅައިލުމަކީ އޭނާ ދަންނަ ކަންކަމެއް ނޫނެވެ. އެހެންކަމުން ދިރިއުޅެންޖެހުނީ ކުރިއަށްވުރެ ހިތްދަތި ޙާލުގައެވެ.
ކުރީގެ ފިރިމީހާއަކީ ފަޤީރެކެވެ. ނަމަވެސް އޭނާ އަޅުގަނޑަށް ލޯތްބާއި އަޅައިލުން ދިނެވެ. އެކުގައި ވަގުތު ހޭދަކުރިއެވެ. އޭނާއަކީ ތެދުވެރި ވަފާތެރިއެކެވެ. ނަމަވެސް ދެވަނަ ފިރިމީހާއަކީ މިއިން އެއްވެސް ސިފައެއް ހުންނަ މީހެއް ނޫނެވެ. މަދުރެއަކު ނޫނީ ނިދަން އަންނަނީވެސް އަހަރެން ނިދާފަހުންނެވެ. ދެމަފިރިންގެ މެދުގައި އެއްވެސް ގުޅުމެއް ނޯވެއެވެ.
ގޯސްހެދުނީ އަމިއްލައަށްކަން ވިސްނުނެވެ. ހުރިހާ އަނިޔާތަކެއް މިލިބެނީ ދަރިފުޅާއި ފިރިމީހާ ރޮއްވާލާފައި ތަނަވަސްކަން ފަހަތުން ދުވެވުނީތީކަން ވިސްނުނެވެ. އެހެންވެ ހުރިހާ ކަންކަމަށް ކެތްތެރިވެގެން އިންދާ ކައިވެންޏަށް 4 ވަނަ އަހަރު ވަރިކޮށް ގެއިން ބޭރުކޮށްލައިފިއެވެ.
ލަދުން ހުރެ ކުރީގެ ފިރިމީހާގެ ގެއަށް ދިއައީމެވެ. އެއިރު އޭނާގެ މަސައްކަތުންވަނީ ތަނަވަސް ދިރިއުޅުމެއް ހޯދާފައެވެ. ނަމަވެސް އަޅުގަނޑަކަށް ޖާގައެއް ނެތެވެ. އޭނާވަނީ 2 ވަނަ ކައިވެނިކޮށްފައެވެ. ދަރިފުޅަށް މަންމައަކު ހޯދައިދިފައެވެ. ދޮންމަންމަ ދަރިފުޅާއިމެދު ކަންކަންކުރަނީވެސް ވަރަށް ރަނގަޅަށެވެ. ދަރިފުޅު ގާތުގައި މަންމައަކީ އަޅުގަނޑުކަމަށްބުނުމުން މަންމަ އެހެރީ ކަމަށްބުނެފައި ދެއްކީ ދޮންމަންމައެވެ. އަޅުގަނޑަކީ މަންމަ ކަމަކަށްވެސް ޤަބޫލެއް ނުކުރިއެވެ.
ވަންނާނެ ތަނެއް ނެތުމުން މަގުމަތީގައި އެނބުރުނީމެވެ. މަސައްކަތެއް ލިބޭތޯ ހިނގަނިކޮށް ވަޒީފާއެއް ލިބުނީ ބޭކަރީއަކުންނެވެ. ޝުކުރުވެރިކަމާއިއެކު އެމަސައްކަތްވެސް ޤަބޫލުކޮށް ވަޒީފާއަދާކުރަންފެށީމެވެ. ތައުބާވެ ދުޢާކުރަން ފެށީމެވެ. ކައިވެނިކުރަން ލިބުނީ އަނބިމީހާ މަރުވުމުން އެކަނިވެރިވެފައި ހުރި މީހެކެވެ. 5 ދަރިންގެ ބައްޕައެވެ. ދަރިން ބަލައިގެން ވީހާ ރަނގަޅަކަށް ކަންކަންކޮށްދިން ނަމަވެސް އެދަރިންގެ ދުލުން ނުބައި ބަސްތައް ކޮންމެ ދުވަހަކު އަޑުއިވެއެވެ.
ހިތަށް އެރިއެވެ. މިހުރިހާ ވޭންތަކެއް އުފުލަން މިޖެހުނީ ހަމަ އަހަރެން އަމިއްލައަށް ކުރި ކަންކަމުގެ ސަބަބުންނެވެ. ގެއިންދާންވެގެން އުޅެންފެށުމުން ވަރިވެގެން ނަމަވެސް ދަރިފުޅު ބަލަން ގޭގައި އިނދެދޭށޭ ކިޔައި ފިރިމީހާ ކުރި އާދޭހާއި އެއްލާލާފައި ނުދިއުން އެދި ދަރިފުޅު ރޮއި ކަރުނައަޅަނިކޮށް އެއަޑު ނުއަހައި ދެވުނީތީކަން ޤަބޫލުކުރަމެވެ.
އެހެންވެ ރޮމުންވެސް އެގޭގައި ހުރީއެވެ. ކުރެވުނު ކުށުގެ ކައްފާރާއެއްގެ ގޮތުގައެވެ. މިނޫން ދުވަހެއް ދެއްކެވުން އެދި ދުޢާކުރުންމަތީގައެވެ.
މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާމިކުރީ އަދަދު އެހައި ގިނަ ނޫން ނަމަވެސް ތަނަވަސްކަން ފަހަތުން ދުވެވޭ އަންހެނުން އަޅުގަނޑުމެންގެތެރޭގައި މަދުނޫންކަމުންނެވެ. ޚާއްޞަކޮށް އަޅުގަނޑުގެ ފުރަތަމަ އަނބިމީހާއަށް ހަދިޔާއެއްގެ ގޮތުންނެވެ.
ތިއަހުރީ ދިރިހުރެ ސުވަރުގެ ދެވިފައިކަމަކަށް ނުބުނާނަމެވެ. އެކަން ކަނޑައަޅަން ރަނގަޅުވާނީ އޭނާ އަމިއްލައަށެވެ.
ޢާމިރު / މިއަދުނޫހުގެ ކިޔުންތެރިއެއް