ހެޔޮލަފާ އަނބިން އެމީހުންގެ ފިރިންނަށް ރަސްކަލެއްގެ ދަރަޖަދޭނެއެވެ. ރސްކަލެއްގެ މަޤާމުގައި ގެންގުޅޭނެއެވެ. ނަމަވެސް އެއީ ތިބާ އޭނާއަށް ރާނީގެ ދަރަޖަދޭނަމައެވެ.
އަދި ކީއްހެއްޔެވެ؟ އެންމެ ދަތިޙާލުގައިވެސް ތިބާއާއިއެކު ކެތްތެރިވާނެވެ. ތިބާއަށް ލިބޭ ހިތާމަތަކުގައިބައިވެރިވެދީ ހިތަށް އުފާވެރިކަން ހޯދައިދޭނެއެވެ. ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިވުމުން އެކަމުން އަރައިގަންނަންވެސް އެހީތެރިވެދޭނެއެވެ.
ހެޔޮލަފާ އަނބިން ތިބާއަށްޓަކައި ހެޔޮދުޢާކުރާނެއެވެ. އަޅުކަންކުރަން ހަނދާންކޮށްދޭނެއެވެ. ﷲ ތަޢާލާއާއި ކުއްތަންކުރުވަން މަސައްކަތްކުރާނެއެވެ. އަދި އެކަނބަލުން ތިބާދެކެ ލޯބިވާނީ ތަނަވަސްކަމަކަށް ނޫނެވެ. ތަނަވަސްކަން ހޯދަންކުރާ މަސައްކަތަށެވެ. ވީމާ ފުދުންތެރިކަން ކުޑަވެގެން ޝަކުވާއެއް ނުކުރާނެއެވެ. އެއީ ތަނަވަސްކަމަށްވުރެ ތިބާގެ ހުންނަ ރަނގަޅު ސިފަތަކަށް ލޯބިކުރާތީއެވެ.
ގިނަފަހަރަށް ކަންތައްކުރެވޭ ގޮތަކީ އަހުރެމެން އެދެނީ މިބުނިފަދަ ހެޔޮލަފާ އަންތބަކަށެވެ. އެކަމަކު ހެޔޮލަފާ އަންތބަކަށް ހަދާކަށް މަސައްކަތެއް ނުކުރެވެއެވެ. ހެޔޮލަފާ އަންތބެއްގެ ގޮތުގައި އިންނާކަށް ހިތްވަރެއްވެސް ނުދެވެއެވެ. މިބުނަނީ ފިރިންގެ ފަރާތުން ދޭންޖެހޭ ސަމާލުކަން ނުދެވޭވާހަކައެވެ.
އެހެނެއް އެކަމެއް ނުވާނެއެވެ. އަނބިމީހާގެ ކިބައިން ކުރިން މިބުނި ކަންކަމަށް އެދޭނަމަ ބައްދަލުވުމުން އުފާވެރިކޮށްދޭށެވެ. ދާއިމަށް ދެމީހުން އެކުގައި އުޅޭނެ ކަމުގެ ޔަޤީންކަން ދެވޭނެ ގޮތަށް ކަންކަންކުރާށެވެ.
ޔާ ﷲ! އަޅަމެންނަކީ އަޅަމެންގެ އަނބިންނަށް ހެޔޮލަފާ، ރަޙުމްކުރާ، އަޅައިލާ، ލޯބިވާ ބައަކުކަމުގައި ލައްވަވާނދޭވެ! އަޅަމެންގެ އަނބިންނަކީވެސް އަޅަމެންނަށްޓަކައި ހަމައެފަދަ ބައަކު ކަމުގައި ލައްވަވާނދޭވެ! ޢާމީން
- މުފްތީ މެންކުގެ ދަރުސަކުން