އޭނާއަކީ ކަޅު ނަސްލުން އުފަންވެފައިވާ 12، 13 އަހަރުގެ ކަޅު ކުއްޖެއެވެ. އޭނާގެ އުންމީދެއް އެއިރުވެސް އޮވެއެވެ. އެއީ އިންސާނިއްޔަތަށް ޚިދުމަތްކުރުމެވެ. އެހެން މީހުންގެ ފުރާނަ ސަލާމަތްކޮށްދޭން މަސައްކަތްކުރާ މީހަކަށްވުމެވެ.
ސްކޫލުގައި އުޅެމުން ޗުއްޓީ ދުވަސްދުވަހު އޭނާ މަސައްކަތެއް ކުރެއެވެ. އެއީ މަންމަ އާއި ދެމީހުންވެގެން ލެމަނޭޑް ހަދައި ހިފައިގެން މަގުތަކަށް ނުކުމެ ވިއްކުމެވެ. ވިއްކައިގެން ލިބޭ ލާރި އޭނާ ހަދިޔާކުރަނީ ހާލުގައި ޖެހިފައި ތިބޭ ކުޑަކުދިންނަށާއި މުސްކުޅިންނަށެވެ.
އެއްދުވަހަކު މަގުމަތީގައި ކުޑަ މޭޒެއް ބަހައްޓައިގެން ލެމަނޭޑް ވިއްކަން އިންދާ އެތަނަށް އައި އަންހެނަކު އޭނާކުރާ މަސައްކަތާއި އޭނާގެ އުންމީދުތައް އޮޅުންފިލުވިއެވެ. "އަހަރެންގެ ބައްޕައަކީ އަލިފާން ނިއްވާ މީހެއް. ވަރަށް ގިނަ މީހުންގެ ފުރާނަ ސަލާމަތްކޮށްދީފި. އަހަރެންގެ އުންމީދަކީ ޑޮކްޓަރަކަށްވެ އެހެން މީޙުންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރުން."
އެހެން ބުނުމުން އޭނާ އެކުއްޖާއަށް ވަރަށް ފުރައްސާރަ ކުރިއެވެ. "ކަލޭމެންނަކީ މަގުމަތީގަ އުޅެ ބޮޑުވާ ބައެއް. ކަލޭގެ ބައްޕައަކީ ކާކުކަން ކަލޭގެ މަންމައަށް ނުވެސް އެނގޭނެ. ދެން ތިއަބާވަތުގެ ވާހަކަތައް ދައްކައި ހައްދަނީ. ކަލެއަށް ޑޮކްޓަރަކަށް ވެވޭނީވެސް ކިހިނެއް؟ ކޮންތާކުން ކިޔަވާނެ ފައިސާ ހޯދާނީ؟ އަވަހަށް ތިއަ މޭޒު ހިފައިގެން އެހެން ސަރަހައްދަކަށްދޭ! އަހަރެންގެ ގޭގެ ކުރިމަތީގައި މޭޒުބަހައްޓައިގެން ތިއަ ސަކަރާތް ޖަހަން ހުންނާނެ ކަމެއް ނެތް! ނުދަންޏާ ފައިންޖަހާ މޭޒުގަނޑު ވައްޓައިލާނީ!"
އެއީ އެދުވަހެވެ. އެއިގެ 15 އަހަރު ފަހެވެ. އަންހެން މީހާގެ މައިބަދައިގައި ވަރަށް ގަދައަށް ރިއްސާތީ ޑޮކްޓަރަށް ދައްކަން ދިއައެވެ. އަތުގައި އިންޝުއަރޭންސް ވެސް ފައިސާވެސް ނެތުމުން އޭނާއަށް ޚިދުމަތްދޭން ހޮސްޕިޓަލުން ދެކޮޅުހެދިއެވެ. ރިއްސާވަރުން ކެތްނުކުރެވިގެން އޭނާ ވަރަށް ދެރަވެ އާދޭސްކުރަން ހުއްޓާ އެތަނަށް އައި ޑޮކްޓަރަކު އޭނާ ގޮވައިގެން ގޮސް ބަލައިދީ ބޭސް ލިޔެދިނެވެ. އަދި އޭނާފަދަ ތަނަވަސް އަންހެނަކު އެހައި ޙާލުގައި ޖެހުނީ ކީއްވެގެންތޯ ސުވާކުރީމައި ބުނީ ފިރިމީހާ އޭނާ ވަރިކޮށްލާފައި ގެއިން ނެރެލީ ކަމަށެވެ. އަތުގައި އެއްވެސް ފައިސާއެއް ނެތުމުން އުޅެނީ މަގުމަތީގައި ވަރަށް ދަތި ޙާލުގައި ކަމަށެވެ.
ޑޮކްޓަރަށް އޭނާ އެނގުނު ގޮތަކާއިބެހޭ ގޮތުން ސުވާލުކުރުމުން އެއިގެ 15 އަހަރުކުރިން ލެމަނޭޑް ވިއްކަން މަގުމަތީގައި ހުއްޓައި ޢޭނާ ކިޔާފައިވާ ތަކެތި ހަނދާންކޮށްދިނެވެ. "ކަލޭ ބުނީމެއްނު؟ އަހަރެންނަށް ޑޮކްޓަރަކަށް ވެވޭނީ ކިހިނަކުންހޭ؟ ފައިސާ ހޯދާނީ ކޮންތާކުންހޭ؟ އަހަރެން ފައިސާ ހޯދީ ހަމަ އަމިއްލަ މަސައްކަތުން. ކިޔެވީވެސް މަސައްކަތްކުރަމުން. ފައިސާއަކީ ވަކި މީހަކަށް އެކަނި ލިބޭ އެއްޗެއް ނޫނެއްނު؟"
އެއިރު އޭނާގެ ހުރި ބޮޑާކަން އޭނާއަށް ވިސްނި އެކަމާއި ދެރަވެ ރޮވެން ފެށިއެވެ. އެދުވަހު ކަންކަން ކުރެވުނު ގޮތާއިމެދު ވަރަށް ދެރަވެ މާފަށް އެދުނެވެ. ޑޮކްޓަރު އޭނާގެ މައްޗަށް ހަމްދަރުދީވެ ބޭސް ނަގާނެ ފައިސާއާއި އިތުރަށް ވެސް ފައިސާކޮޅެއް ދިނެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. ދެން މިކިޔައިދެނީ އަޅުގަނޑު "ޙަޤީޤީ ޙާދިސާ" އަށް ކިޔައިދޭން ބޭނުންވާ ވާހަކައެވެ. އަޅުގަނޑުގެ ވާހަކަ ކިޔައިދޭނ ޝައުޤުވެރިކުރުވީ މިވާހަކައެވެ. ދުރަތަމަ އެވާހަކަ މިކިޔައިދިނީ އެހެންވެގެންނެވެ.
އަޅުގަނޑުގެ ހުރީ އެންމެ ފިރިހެން ދަރިއެކެވެ. އެންމެ ކުޑައިރުންސުރެ އެދަރިފުޅު ބޭނުންވީ ޑޮކްޓަރަކަށްވާށެވެ. އޭނާގެ އުންމީދު ޙާޞިލްކޮށްދޭން ކިތަންމެ ވަރަކަށްވެސް ބޭނުންވިއެވެ. ނަމަވެސް ސަރުކާރުގެ ތެރެއިން ސްކޯލާޝިޕެއް ނުލިބުނެވެ. ގިނަފަހަރު ކޯހަށް އިއުލާނުކުރާއިރުވެސް ކުދިން އޮންނަނީ ނަގައިނިމިފައެވެ. ކޮންމެވެސް ގޮތަކުން ގޮސް ޖާގަ ހުސްވެފައެވެ.
އަމމިއްލަ މީސްމީހުން ގާތަށް ވަރަށް ހިނގީމެވެ. ތަނަވަސް މީހުންނަށް ސަލާންޖެހީމެވެ. ނަމަވެސް ތަޤްދީރުގައި އެކަންވާން ނެތުމުން ފައިސާ ލިބޭނެ ގޮތެއް އޮތީ ނުވެފައެވެ. އެވަރުންވެސް ދަރިފުޅުވެސް އަޅުގަނޑުވެސް އުންމީދު ކަނޑައެއް ނުލަމެވެ. ދެމައިންވެސް ދިއަޢީ ދުޢާކުރަމުންނެވެ.
އެހެން އުޅެނިކޮށް އެއްފަހަރު އޭނާ މަސައްކަތްކުރާ އޮފީހަށް އައި ބޭރުގެ ކޮންސަލްޓަންޓެއްގެދަށުން މަސައްކަތްކުރުމުގެ ފުރުޞަތު ދަރިފުޅަށް ލިބުނެވެ. އޭނާ އާއި ދަރިގފުޅާއި ދެމެދު ވަރަށް ބޮޑު ގުޅުމެއް އުފެދުނެވެ. އެހެންވެ ރާއްޖޭގައި ޚިދުމަތްކުރުމުގެ މުއްދަތު ހަމަވުމުން އޭނާ ފުރީ ދަރިފުޅަށް ނޭޕާލުން ޑޮކްޓަރުކަން ކިޔެވުމުގެ ފުރުޞަތެއް ހޯދައިދީފައެވެ. އެކަމަށް ބޭނުންވާ ފައިސާވެސް ހަމަޖައްސައިދީފައެވެ.
މިއަދު އަޅުގަނޑުގެ ދަރިފުޅަކީވެސް ރާއްޖޭގައި ޚިދުމަތްކުރާ ޑޮކްޓަރެކެވެ. އޭނާ ކޮންމެ ދުވަހަކު އެގެންދަނީ އެތައް ބައަކަށް ބޭސްފަރުވާކޮށްދެމުންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ކަންކަން ކުރަން ބޮޑުވަނީ އަހަރެމެންނަށެވެ. އެއްވެސް ކަމަކީ ﷲ އަށް ބޮޑުކަމަކަށް ނުވެއެވެ. އަޅުގަނޑަކީ އެކަނިވެރިމައެއްގެ ގޮތުގައި އިނދެ ދަރިއަކު ބޮޑުކުރި އަންހެނަކީމެވެ. ވަރަށް ފަޤީރު ޙާލުގައި އުޅުނު އަނެހަނީމެވެ. މައިންބަފައިންގެ ކިބައިން ވާރުތަވި 300 އަކަފޫޓުގެ ބިންކޮޅު ނެތްނަމަ ބޯހިޔާވަހިކަމެއް ވެސް ނުލިބުނީހެވެ.
އަތުގައި އެންމެ ރުފިޔާއެއް ނެތް ނަމަވެސް ދަރިފުޅަށް އެވަނީ އޭނާ އުންމީދުކުރި ހިސާބަށް ދެވިފައެވެ. ސަބަބަކީ ހަމައެކަނި ﷲ އެވެ. މައަކާއި ދަރިފުޅު ކުރަމުން ދިއަ ދުޢާ އެކަލާނގެ ޢިޖާބަކުރެއްވެވީއެވެ. ވީމާ ބުނެލަން އޮތް ބަހަކީ ދުޢާކުރާށެވެ! ކޮންމެ ކަމެއްވެސް ހިންމަވައި ދެއްވަވަން އެކަލާނގެ ކުޅަދުންވަންތައެވެ.
--ފަރީޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް