ދިރިއުޅުމުގަ ކުރިމަތިވާ ތަކްލީފްތަކަށް ޝަކުވާކުރެވޭނަމަ އެއީ ވޭންހުރި ޢަޛާބް ދެއްވަވާނެ މީޙެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދިރިއުޅުމުގަ ކުރިމަތިވާ ތަކްލީފްތަކަށް
ޝަކުވާކުރެވޭނަމަ އެއީ ވޭންހުރި ޢަޛާބް ދެއްވަވާނެ މީޙެއް!


ވަރަށް ފަހުން ހިނގިކަމެކެވެ. މިސްކިތުން ބައްދަލުވާ އެކުވެރިއެކެވެ. އޭނާހުރީ ވަރަށް ބޮޑަށް ކަންބޮޑުވެގެންނެވެ. އެއީ އޭނާގެ ކާރު އެކްސިޑެންޓްވެ ހަލާކުވުމުންނެވެ. އޭނާގެ ކުށޭއް ނެތިވެސް އެކްސިޑެންޓްވާތީއެވެ.

އޭނާގެ ވާހަކަތައް އަޑުއެހުމަށްފަހު އެކްސިޑެންޓްގައި އެއްވެސް މީހަކު މަރުވިތޯ ސުވާލުކުރީމާ ބުނީ ނުވާ ކަމަށެވެ. ދެން އަހުރެން ސުވާލުކުރީ ޝުކުރުގެ ސަޖިދަޖެހިންތޯއެވެ؟ އެކަންވެސް ނުކުރާކަމަށް ބުނުމުން އަހުރެން ބުނީމެވެ. "ތިއަ ޝަކުވާ ތިއަކުރެވެނީ ދެއްވެވި ބޮޑު ނިޢުމަތަށް ޝުކުރުވެރިނުވެވުނީމައެވެ. އަވަހަށް ޝުކުރުގެ ސަޖިދަޖަހާށެވެ! އަދި އެގޮތުގައި ދެމިހުންނަން މަސައްކަތްކުރާށެވެ!  

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ﷲ ތަޢާލާ ނިޢްމަތެއް ދެއްވެވުމުން އެކަމަށް އުފާކުރެއެވެ. ބަލި ނުވެ ގަދަވެ ހުންނައިރު އެކަމަށް އުފާކުރެއެވެ. ނަމަވެސް ކިތަންމެ ކުޑަނަމަވެސް މުޞީބާތެއް ކުރިމަތިވެއްޖެނަމަ، ބަލިމަޑުކަމެއް ކުރިމަތިވެއްޖެނަމަ ޝަކުވާ ކުރަން އަވަސްވެގަނެއެވެ. 

މިއީ ކީއްވެގެން ކުރިމަތި ކުރެއްވެވި ކަމެއްތޯ ސުވާލުކުރެއެވެ. އަދި ތިމާ އުޅެނީ މިވެނި މީހަކަށްވުރެ މާރަނގަޅަށް ކަމަށާއި އޭނާ މާ ގޯސްކޮށް އުޅޭއިރުވެސް އެއްވެސް ތަކްލީފެއް ނުޖައްސަވާ ކަމަށްވެސް ބުނެވެއެވެ.

އެފަދަ މީހުންނަކީ ގެއްލެނިވެގެންވާ ބައެކެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅު އަޑުއަހާށެވެ!

"ޝައްކެއްގެމަތީގައި ތިބެގެން، ﷲ އަށް އަޅުކަންކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. ފަހެ، އެމީހަކަށް ހެޔޮކަމެއް ދިމާވެއްޖެނަމަ، އެކަމުން ހިތްހަމަޖެހެއެވެ. އަދި އޭނާއަށް ބަލާއެއް މުޞީބާތެއް ޖެހިއްޖެނަމަ، ކުފުރުވެރިކަމަށް ފުރޮޅިދެއެވެ. އޭނާއަށް ދުނިޔެއާއި އާޚީރަތް ގެއްލުނީއެވެ. ބަޔާންވެގެންވާ ގެއްލެނިވުމަކީ ހަމައެއީއެވެ." (އަލްޙައްޖު: 11)

މިއާޔަތުން އެނގިގެންދަނީ އެފަދަ މީހުންނަކީ ދުޔެއާއި އާޚިރަތް ގެއްލިފައިވާ ބައެއް ކަމެވެ. ވީމާ މިކަމަށް އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭށެވެ! ޝައްކުގެ މަތީގައި ހުރެ ﷲ ތަޢާލާއަށް އަޅުކަންކުރާ މީހަކަށްވެ ދުނިޔެ އާއި އާޚިރަތް ނަގައި ނުލާށެވެ! ޔަޤީންކަމާއިއެކު އަޅުކަންކޮށް ދެ ދުނިޔެ ބާއްޖަވެރިކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން