އަޅުގަނޑަކަށް އެއިރު އަޅުގަނޑުގެ އުމުރުން ކިތައް އަހަރުކަން ބުނާކަށް ނުއެނގެއެވެ. އެގޭކަމަކީ ހަނދާން ހުންނަނީ ވަރަށް ކުޑަކޮށްކަމެވެ. އެއްދުވަހަކު ބައްޕަ ގެއަށް އައިސް ބުނީ މަންމަ މިހާރު އަހަރެމެންނާއިއެކުގައި ނެތްކަމަށާއި އެހެންގެއަކަށް ބަދަލުވާންވީ ކަމަށެވެ. އެހެން ބުނެފައި ބައްޕަ އަޅުގަނޑު ގޮވައިގެން ގެއިން ނުކުމެގެން ދިއައީއެވެ.
އެގޭގައި އުޅޭތާ ކުޑަ ދުވަސްކޮޅެއްފަހުން ބައްޕަ ދެވަނަ ކައިވެނިކޮށްގެން ދޮންމަންމަ ގެއަށް ގެނެސްފިއެވެ. އޭނާވީ އަޅުގަނޑަށް ވަރަށް ހެޔޮ ދޮންމަންމައަކަށެވެ. އަޅުގަނޑަކަށް ބައްޕަގެ ލޯތްބެއް ނުލިބެއެވެ. ނަމަވެސް ދޮންމަންމަގެ ލޯބި ލިބެއެވެ. ބައެއް ފަހަރު ދޮންމަންމަ އަޅުގަނޑަށް ލޯބިދޭތީ ދޮންމަންމައަށް އެޗެތިގޮވާ އަޑުވެސް އިވެއެވެ. އެފަދަ ވަގުތުތަކުގައި ވަރަށް އަސަރުވެސް ކުރެއެވެ.
އަޅުގަނޑުގެ ދޮންމަންމަ ކިތަންމެ ރަނގަޅު ނަމަވެސް ހަނދާންހުންނަން ފެށުނީންސުރެ މަންމަގެ މަތިން ވަރަށް ހަނދާންވެއެވެ. ސުވަރުގެއިން ބައްދަލުކުރަން ވަރަށް ބޮޑަށް އެދެވެއެވެ. ކޮންމެއަކަސް އުމުރުން 15 ވަނަ އަހަރު އެއްރޭ ހުވަފެނުގައި މަންމަ ފެނުނެވެ. މަންމަ ބުންޏެވެ. "ދަރިފުޅާއެވެ. ބައްޕައަށް އިތުރު ބުރައަކަށް ނުޖައްސައި ހަފްތާއަކު އެންމެ ޕާނެއް ނަމަވެސް ގަނެފައި ކޮންމެވެސް ޔަތީމްޚާނާއަކަށް ހަދިޔާކުރާށެވެ. އަދި ކޮންމެ ހަފްތާއަކުވެސް އަުތަނަކަށް ދޭން މަސައްކަތްކުރާށެވެ."
އަޅުގަނޑު އިންޓޯލުގަންނަން ބައްޕަ ކޮންމެ ހަފްތާއަކު ދޭ ފައިސާކޮޅުން ބާކީކޮށްގެން އެކަންކުރަން ފެށީމެވެ. ދޮންމަންމައަށްވެސް ސިއްރުންނެވެ. ނަމަވެސް ކުޑަދުވަސްކޮޅެއްވީތަނާ ދޮންމަންމަ ސުވާލުކުރަން ފަށައިފިއެވެ. ދޮގުބުނާކަށް ނުކެރުނެވެ. ފެނުނު ހުވަފެނުގެ ވާހަކައެއް ނުބުނަމެވެ. ނަމަވެސް ކުރާ ކަންތައް ކިވައިދިނީމެވެ.
އަޅުގަނޑު ޕާން ގެންގޮސްދެނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ. ދޮންމަންމަ ބުނީ ދެންއަންނަ ހޮނިހިރަކު އޭނާވެސް އަޅުގަނޑާއިއެކު ދާނެ ކަމަށެވެ. އެދުވަހު ދޮންމަންމަ ދާތީ އާއިއެކު ދިއައީ ތަންކޮޅެއް ދުރުގައިހުރިތަނަކަށެވެ. އެތަނަށް ގޮސް ގެންދިއަ ޕާންކޮޅު ދިނުމުން ދޮންމަންމަ އެތަން ބަލާލަން ބޭނުންވިއެވެ. އެހެންވެ އަހަރެމެންވައްދައި އެތެރެ ދެއްކިއެވެ.
ބަލަމުން ދަނިކޮށް އެނދެއްގައި އޮތް އަންހެނަކު ފުންމައިގެން އައިސް އަޅުގަނޑު ގާތުގައި ހުއްޓިފައި ނަމުން ގޮވާލިއެވެ. "ތިއައީ އަހަރެންގެ ދަރިފުޅުހެއްޔެވެ؟ މިތަނަށް އާދެވުނީ ކިހިނަކުން ހެއްޔެވެ؟" ސުވާލުކުރުމުން އަޅުގަނޑަށް ރޮވިއްޖެއެވެ. މަންމައަށްވެސް ރޮވިއްޖެއެވެ. ރޮމުން މަންމަ ކިޔައިދިނެވެ. "ބައްޕަ އެކުރިކަމެއް ކުރުމުން މަންމަގެ ސިކުނޑިއަށް ގޮތްތަކެއްވިއެވެ. ވާނުވާ ނުއެނގޭފަހަރު އައެވެ. އެފަދަ ވަގުތަކު މަންމަ ގެނެސް މިތަނަށްލީއެވެ. އެކަން ރަނގަޅުވީ 2،3 އަހަރު ފަހުންނެވެ. ރަނގަޅުވެގެން ގުޅަންބެލިއިރު ބައްޕަގެ ފޯނު ނަމަބަރު އޮތީ ބަދަލުކޮށްފައެވެ. ދެން މިތަނުން މީހަކާއިއެކު ގެއަށް ދިއައިރު ގެވަނީ ވިއްކާލައިފައެވެ. އެއީ އަހަރެންގެ ގެއެކެވެ. ނަމަވެސް ލިޔެކިޔުންތައް ބަދަލުކޮށްފަ ވިއްކައިލީއެވެ. ދާނެ ތަނެއް ނެތުމުން އެނބުރި މިތަނަށް އައީއެވެ."
މަންމަގެ ވާހަކަތައް އަޑުއަހަން ހުރެފައި ދޮންމަންމަ ބުންޏެވެ. "ކަންބޮޑުނުވާށެވެ! އަހަރެން ކަލެއާއި ޙަވާލުވެއްޖައީމެވެ. ހޯމަ ދުވަހު ބަލައި އަންނާނަމެވެ. ގެންދާނީ ފިސާރި ގޮތުގައެވެ. އަހަރެންގެ ގާތުގައިވެސް ބުނީ އަނބިމީހާ މަރުވެއްޖެ ކަމަށެވެ. އެވަރުގެ މީހަކާއި ކުރިމަތިލާންޖެހޭނީ ވަރަށް ވަރުގަދައަށެވެ." އެހެން ބުނެފައި މަންމައަށް ދޮންމަންމަގެ ފޯނު ނަމްބަރުވެސް ދިނެވެ. އަދި ހޯމަދުވަހު ބަލައިއަންނާނެކަމަށާއި ތަނުގެ ލިޔެކިޔުންތައް ތައްޔާރުކޮށްފައި ބަހައްޓަން އެތަނުގައިވެސް ބުނެފައި އަހަރެމެން އެދުވަހު އެނބުރި އައީއެވެ.
ދޮންމަންމަ ބުނެގެން ބޮލުގަ ރިއްސާތީކަމަސްހަދާފައި ހޯމަ ދުވަހު އަޅުގަނޑު ސްކޫލަކަށް ނުދަމެވެ. ބައްޕަ އޮފީހަށް ދިއުމުން އަހަރެމެން ކާރެއްގައި ގޮސް މަންމަ ގެއަށް ގެނައީއެވެ. ބައްޕަ އޮފީހުން އައިއިރު މަންމަ ޢާއި ދޮންމަންމަ ވެސް ގޭގައި އުޅެއެވެ. ބައްޕައަށް ބުނާނެ އެއްޗެއްވެސް ނުއެނގި އެތައް އިރަކު ބަލަން ހުރެފައި ސުވާލުކުރިއެވެ. "ކަލޭ މިގެއަށް ގެނައީ ކާކު ހެއްޔެވެ؟"
މަންމަ އެއްވެސް ޖަވާބެއް ނުދިނެވެ. ޖަވާބުދިނީ ދޮންމަންމައެވެ. "މަރުވި މީހުން ދިރުނީއެވެ. ދެން އޮތީ ދިރިހުރިމީހާގެ ކިބައިން ސަލާމަތްވުމެވެ. އަހަރެން ވަރިކޮށްފައި މިގެއިން ނުކުމެގެންދާށެވެ. މިގެއަކީ ކަލޭގެ ގެއެއް ނޫނެވެ. އޭނާގެ ގެއެވެ. އޭނާގެ ގެ ބޮޑުއަގުގައި ވިއްކާލާފައި އެފައިސާއަށް ގަނެފައިހުރި ގެއެކެވެ. ވީމާ ދެންވެސް އިތުރަށް މޮޅު ވާހަކަތައް ދައްކަން ނުހަދާށެވެ! ހަމަ މިހާރު މިގެއިން ނުނުކުތްނަމަ ފުލުހުން މިގެނުވަނީއެވެ."
އެވަރުންވެސް ބައްޕަ ގޮތްދޫނުކުރުމުން ދޮން މަންމަ ފުލުހުންނަށް ގުޅައިގެން ގެނުވިއެވެ. އަދި ކަންކަންވީގޮތް ކިޔައިދިނެވެ. ފުލުހުން ދިއައީ ބައްޕަ ގޮވައިގެންނެވެ. އަދި މައްސަލަ ބެލުމަށްފަހު ޝަރީޢަތަށް ފޮނުވުމުން ބައްޕައަށް 26 އަހަރުގެ ޖަލުޙުކުމެއް އިއްވިއެވެ. އަދި ގެ މަންމައަށް ދިނުމުގެ އިތުރުން 500،000 ޑޮލަރުވެސް ބަދަލެއްގެ ގޮތުގައި ޑޭން އަމުރުކުރިއެވެ.
ޝަރީޢަތް ނިމި އެފައިށާވެސް މަންމައަށް ލިބުމުން ގެއިން ނުކުމެގެންދާން ދޮންމަންމަ ހުށަހެޅިއެވެ. ނަމަވެސް މަންމަ ބޭނުންވީ ދޮން މަންމަވެސް ގޭގައި އުމުރަށް އުޅުމަށެވެ. އެއިގެ ދުވަސްކޮޅެއް ދެމަންމަ ވެސް ދެމީހުންނާއި އަލުން ކައިވެނިކޮށްގެން ދެބެއިން ފަދައިން އެކުގައި އުޅެންފެށީއެވެ. އަޅުގަނޑަސް 2 މަންމަ އާއި 2 ބައްޕަ ލިބުނީއެވެ.
މިއީ އަޅުގަނޑަށް ކިޔާލަން ރައްޓެއްސަކު ދުވަސްކޮޅެއްކުރިން ފޮނުވި ވާހަކައެއްގެ ޚުލާޞާ ތަރުޖަމާއެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލަން ބޭނުންވީ ވާހަކައިން ޙާޞިލުކުރަންޖެހޭ ޢިބްރަތްތައް ގިނަކަމުންނެވެ.
އެއީ ކޮންމެ ދީނެއްގެ ބައަކުނަމަވެސް އިންސާނުންނެވެ. ތިމާގެ އަނބިމީހާ ދިރިހުއްޓައި "މަރާލައިގެން" ނޫނީ އޭނާއަށް އުފާވެރި ޙަޔާތެއް ހޯދޭނެގޮތެއް ނުވިސްނުނުކަން ކިހާދެރަހެއްޔެވެ؟ ރާއްޖޭގެ ރަށްތައް ކުދިވެފަ އެންމެން އެކަކު އަނެކަކު ދަންނާތީ އެގޮތަށް އަނބިމީހާ މަރާނުލެވުނު ނަމަވެސް މިފަދަ ޙާލު ޖައްސުވައި ނުކުޅެދޭ މީހުންނަށް ހަދާފައިވާ އަންހެނުންނަށް ގުރައިދޫ މަރުކަޒުގައި ފަރުވާދޭންޖެހިފައި އެބަހުއްޓެވެ. އެތާތިބެ މަރުވެފައިވެސް އެބަހުއްޓެވެ. މިޖެއްސެނީ ހަމަ އެއް ޙާލެއް ނޫންހެއްޔެވެ؟
މިވާހަކަ އާއި އަޅުގަނޑާއިހުރި ގުޅުންވެސް ކިޔައިދޭނަމެވެ. އެއީ އަޅުގަނޑުގެ ދައްތަ ނިޔާވީ އޭނާގެ ފިރިމީހާ ދެވަނަ ކައިވެންޏެއްކުރަން ނުގަބޫލުވުމުން ފިރިމީހާ ކުރިކަމަކުން ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ. ދައްތަގެ 3 ދަރިން މިހާރުވެސް ފަތަމުން އެގެންދަނީ އެކަމުގެ ހިތާމައިގައެވެ.
- ޢިނާޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް