އަޅުގަނޑުމެން ކައިވެނިކުރިއިރަކު ފިރިމީހާގެ މަންމަ އަޅުގަނޑުދެކެ އިންތިހާއަށް ރުޅި އަންނަ ކަމެއް ނުއެނގެއެވެ. އެފަދަ ވާހަކައެއް ފިރިމީހާ ނުވެސް ބުނެއެވެ. އެކަން އެނގުނީ ކައިވެނިކޮށްގެން މަންމައާއިއެކު ދިރިއުޅެން އެގެއަށް ދެވުމުންނެވެ.
އެކުގައި ދިރިއުޅެން ފެށިތަނާހެން ފިރިމީހާ ގާތުގައި މަންމަ ފުރަތަމަ ބުނީ ކައިވެނިކުރުމަށްފަހު ޒިންމަދާރު ފިރިއަކަށްވާންޖެހޭނެ ކަމަށާއި އެހެންވެ ދެމަފިރިންގެ ކެއުމަށް ކޮންމެ މަހަކުވެސް ވަކިވަރަކަށް ފައިސާ ދޭންޖެހޭނެ ކަމަށެވެ. މަންމަ އެހެންބުނިއިރު މަންމަގެ 4 ދަރިން ތިބެއެވެ. އެހެން ދަރިއަކު އެއްވެސް އެއްޗެއް ގެއަކަށް ނުހޯދައެވެ. ނަމަވެސް ފިރިމީހާ އޭނާއަށް ލިބޭވަރަކުން އެއްޗެތި ގެއަށް ވައްދައެވެ. އެހެންކަމާއިއެކުވެސް ފިރިމީހާ މަންމަ ބުނި ވަރަށް މަންމައަށް ފައިސާދޭން ފަށައިފިއެވެ.
ކައިވެނީގެ ދެވަނައަހަރު ބަލިވެއިނުމުން ވަޒީފާއަދާކުރަން އުނދަގޫވެ އަޅުގަނޑު ވަޒީފާއިން ވަކިވިތަނާ މަންމަ ބުނީ އުލޭ ކޮޓަރިއަށް ކުލި ދައްކަން ޖެހޭނެ ކަމަށެވެ. އެހެން ކުދިންގެ އަތުން ކުލިނަގާކަން ފިރިމީހާއަށް ނުއެނގުނު ނަމަވެސް އެކަމަށްވެސް ޝަކުވާނުކޮށް މަންމަ ބުނިވަރަށް މަންމައަށް ފައިސާދޭން ފެށިއެވެ. ނަތީޖާއަކަށްވީ އަމިއްލަ ބޭނުންތަކަށް ޚަރަދުކުރާނެ އެއްވެސް ފައިސާއެއް އަތުގައި ނެތުމެވެ. އެހެންކަމާއިއެކުވެސް ދެމީހުންކުރެ މީހަކު އެއްވެސް ޝަކުވާއެއް ނުކުރަމުއެވެ. ބެލީ މަންމައާއިއެކު ދިރިއުޅެވޭތޯއެވެ.
ވިހެއުމަށްފަހު ވަޒީފާއަށް ދާން ބޭނުންވެގެން ވަޒީފާގައި އުޅޭ ވަގުތުކޮޅު ދަރިފުޅު ބަލާލަދީފާނަންތޯ މަންމަ ގާތުގައި އަހައިލީމާ ބުނީ އަގުދޭނަމަ ބަލައިދީފާނެ ކަމަށެވެ. އެކަމަށްވެސް އެއްބަސްވީއެވެ. އެގޮތްވެސް އަޅުގަނޑުމެން ޤަބޫލުކުރީއެވެ.
އެއިގެ ދުވަސްކޮޅެއް ފަހެވެ. މަންމަ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ހޮސްޕިޓަލުގައި ބާއްވަން ޖެހިއްޖެއެވެ. މަސްދުވަސްވަނަދެން ހޮސްޕިޓަލުގައި ބާއްވާފައި އޮތްއިރުވެސް އަޅުގަނޑުމެން ދެމަފިރިން ނޫން ދަރިއަކު މަންމަގެ ހާލު ބަލައިވެސް ނުލައެވެ. ގެއަށް ގެނެވުމުން ވެސް އެހެން ދަރިއަކު މަންމައަށް އެއްވެސް ކަމެއް ކޮށެއް ނުދެއެވެ. މަންމަގެ ހުރިހާ ކަމެއް ކުރަންޖެހުނީ އަޅުގަނޑުމެންނަށެވެ.
ފިރިމީހާ ކޮޓަރި ކުލި ދެއްކުން ހުއްޓާލިއެވެ. އަދި އެފައިސާއަށް މަންމަ ބަލާނެ މީހަކު ހޯދައިގެން ގެނެސް މަންމަގެ ކަންކަން ބަލަހައްޓަން ފެށިއެވެ. ގޭގައި އުޅެވޭ ވަގުތުތަކުގައި މަންމަގެ ކަންކަން ކޮށްދެނީ ދެމަފިރިންނެވެ. އެދުވަސްވަރު މަންމަ ގަތް ލަދުން ގެއިން ކުއްޔަށް ދީފައި ހުންނަ ބައިން ލިބޭ ކުލީގެ ބޭނުންކުރަން ފިރިމީހާ ގާތު ބުންޏެވެ. ނަމަވެސް އެކަމަށް ފިމީހާކުރީ އިންކާރެވެ. ފިރިމިހާ ބުނީ އަޅުގަނޑުމެން ދެމަފިރިން ބޭނުންވަނީ މަންމަގެ ހިތްޙަލާލާއި ސުވަރުގެ ކަމެވެ.
މަންމަ ނިޔާވީ އެގޮތަށް 7 އަހަރު ބަލިވެ އޮތުމަށްފަހުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުމެންގެ ދިރިއުޅުމުގެ މިވާހަކަކޮޅު ޙިއްޞާކުރުމުގެ ބޭނުމަކީ އަޅުގަނޑުގެ މައިދައިތަ ފަދައިން ދަރިންނާއިމެދު ކަންކަން ކުރެވޭ މައިން އަދި މައިދައިތައިންނަށް ދަރިންގެ މެދުގައި ތަފާތުނުކުރަން ބުނުމެވެ. ބަލިޙާލެއް ޖެހި ތަންމަތީގައި އޮންނަން ޖެހޭނީ ކޮންވަގުތަކު ކަމާއި އެފަދަ ވަގުތުގައި އެހީއަށް އެދެން ޖެހުމުން ލަދުގަންނަން ޖެހޭނެ ބައަކަށް ނުވާނީ ދަރިންނަށް ހަމަހަމަކަމާއެކު ކަންކަން ކުރުމުން ކަމަށް ބުނުމެވެ.
އަޅުގަނޑުމެން ދެމަފިރިންނާއިމެދު އެގޮތަށް މަންމަ ކަންކަންކުރީ އަޅުގަނޑަށް ނަފްރަތުކުރާތީކަން ކުރިންވެސް އެނގެއެވެ. ސުވާލަކީ ނަފްރަތުކުރީ ކޮން ކުށެއް ކޮށްގެން ހެއްޔެވެ؟ އެއްވެސް ކުށެއް ނުކުރަނީސް ނަފްރަތުކުރަނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެއަކަސް އަޅުގަނޑުގެ ހިތް ހަމަ ސާފެވެ. އެކަންވާނީ ޢަމަލުން މަންމައަށް ދައްކައިދީފައެވެ. އަނެއްކާވެސް ސުވާލަކީ އަޅުގަނޑު ފަދައިން ހުރިހާ ދަރިން ހިތްސާފުކުރާނެ ހެއްޔެވެ؟
- ނާޝިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް