އަޅުގަނޑު މީހަކުދެކެ ވަރަށް ބޮޑަށް ލޯބިވީމެވެ. އޭނާވެސް އަޅުގަނޑު ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށްބުންޏެވެ. ހައެއްކަ މަސްދުވަސްވަންދެން ފޯނުކޮށް، މެސެޖްކޮށް އަދި ވީޑިއޯކޯލް ކުރުމަށްފަހު ދެމީހުން ކައިވެނިކުރުމަށްޓަކައި އެންމެ ފަހުގެ މަޝްވަރާތައްކުރަން ބައްދަލުކުރަން ނިންމީމެވެ.
އަޅުގަނޑަކީ ގޭގެ އެޕާޓްމަންޓެއްގައި އެކަނި ދިރިއުޅޭ އަންހެނަކީމެވެ. ކަންދިމާވިގޮތުން އޭނާ ބައްދަލުކުރަން އައި ރެއަކީ ދޮށީ ބޭބެގެ އަންހެނުން ބަލިވެއުޅޭތީ އެދެމަފިރިންގެ އުމުރުން 4 އަހަރުގެ ދަރިފުޅު އަޅުގަނޑުގެ ގާތުގައި ބަހައްޓާފައި ހުރި ދުވަހެއްގެރެއެކެވެ. އެކަމަކީ އަބަދުވެސް ކުރާކަމެކެވެ. އަޅުގަނޑަކީ ކުޑަކުދިން ދެކެ ވަރަށް ބޮޑަށް ލޯބިވާ އަނހެނަކަށްވާތީ އަޅުގަނޑު އެކަން ކޮށްދެނީ ވަރަށް އުފަލުންނެވެ.
ބައްދަލުވުމުގައި ވާހަކަތަކެއް ނުދައްކައި އޭނާ ނުކުމެގެން ދިއައީއެވެ. އިރުކޮޅަކުން ފޮނުވީ މެސެޖެކެވެ. "ދަރިއަކު ހުރި ވާހަކައެއް، ކުރިން ކައިވެންޏެއް ކުރި ވާހަކައެއް ނުވެސް ބުނަމެއް ނޫންހެއްޔެވެ؟ މިހިސާބުން ގުޅުން ނިމުނީއެވެ." މެސެޖްކޮށްފައި ފޯނުވެސް ބްލޮކް ކުރީއެވެ.
އަޅުގަނޑު ހިތަށް އެރިއެވެ. "އެއީ ކޮއްކޮއެއްކަމަށް ބުނުމުން އޭނާ ހިނިތުންވެލާފައިވެސް އެކަން ޤަބޫލުނުކުރެވުނީތާއެވެ. މިވަރުގެ މީހަކާއި ކައިވެނިކުރެވުނުނަމަ އުޅެންޖެހުނީހީ ކޮން ޙާލެއްގައި ހެއްޔެވެ؟"
ކޮންމެއަކަސް ހަމަ އެމަހު އަޅުގަނޑަށް ލޯބި ހުށަހެޅި ޒުވާނަކާއި ކައިވެނިކުރީމެވެ. ކައިވެނިކުރިތާ މަހެއްހައި ދުވަސްފަހުން ކުރީގެ ލޯބިވެރިޔާ ގުޅާފައި ބުނީ ލޯބިވާވަރުން ނުހުރެވިގެން ކަންކަން އޮޅުންފިލުވުމުން އެނގުނީ ކުރެވުނީ ވަރަށް ބޮޑު ކުށްހީއެއްކަމެވެ. ވަރަށް ބޮޑަށް މާފަށް އެދޭކަމަށެވެ. ކައިވެނި ކުރަން މިހާރުން މިހާރަށްވެސް ބޭނުން ކަމަށެވެ.
ޖަވާބުގައި ބުނީމެވެ. "އަހަރެންނަކީ މިހާރު މީހެއްގެ އަންތބަކީމެވެ. ތިބާ ދެކެ ލޯބިވާނެ ބައިވެރިއަކު ދެއްވެވުން އެދި ދުޢާކުރަމެވެ. ނަމަވެސް އޭނާ އާއިމެދުގައިވެސް އެހައި ބޮޑަށް ޝައްކު ޔަޤީން ނުކޮށް ކަންކަން ނުކުރާށެވެ! ޝައްކެއްވެއްޖެ ނަމަ ސުވާލުކޮށް ޙަޤީޤަތް ހޯދާށެވެ. ނޫންނަމަ އެއްވެސް އަންހެނަކާއިއެކުގައި ދިރިއުޅެން ވަރަށް އުނދަގޫވާނެއެވެ!"
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އެއީ ކިތަންމެ ބޮޑުކަމެއް ނަމަވެސް އަދި ކުޑަކަމެއް ނަމަވެސް ސުވާލުކޮށް ޙަޤީޤަތް އޮޅުން ނުފިލުވައި ނިންމުންތައް ނުނިންމާށެވެ! ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ. މުޅި އުމުރަށްވެސް ހިތާމަކުރަން ޖެހިދާނެއެވެ.
- މަރްޔަމް ދީބާ / މިއަދުނޫހުގެ ކިޔުންތެރިއެއް