ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުންތައް ކުޑަވެ ފަނޑުވަމުންދާނަމަ އެއްބައަކަށް ވިސްނެނީ އެކަކު ޚިޔާނާތްތެރިވަނީ ކަމަށެވެ. އަނެއްބައަކު ވިސްނަނީ އެއީ ކޮންމެވެސް މީހެއްގެ ސަބަބުން މެދުވެރިވާ ކަމެއް ކަމަށެވެ.
މިފަދަ ކަންކަން މެދުވެރިނުވާކަމަކަށް ނުބުނާނަމެވެ. ނަމަވެސް މިހާރަކަށް އައިސް ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހެން މެދުވެރިވާ ސަބަބަކީ ފޯނެވެ. މިބުނަނީ ފޯނުގެ ބޭނުން ނުރަނގަޅު ކަމެއް ކުރުމަށް ހިފާވާހަކައެއްވެސް ނޫނެވެ. މިބުނަނީ ބައިވެރިޔާ ވާހަކަދައްކަމުންދާއިރު އޭނާގެ މޫނަށް ނުބަލައި ފޯނުގެ ސްކްރީނަށް ބަލާވާހަކައެވެ. ހުންނަ މެސެޖުތައް ކިޔުމާއި ސާފްކުރުން ފަދަ ކަންކަން ކުރާވާހަކައެވެ.
އެއިރުން ވާގޮތަކީ ބައިވެރިޔާއަށް ވިސްނެނީ އޭނާއަށް ސަމާލުކަން ނުދޭކަމަށެވެ. ދައްކާ ވާހަކަ އަޑުއަހަން ބޭނުންނުވާ ކަމަށެވެ. ބައިވެރިޔާއަށް ތިމާ މުހިންމު ނޫންކަމަށެވެ. ނަތީޖާއަކަށްވަނީ ބައިވެރިޔާއާއިމެދު ޝައްކުތައް އުފެދެން ފެށުމެވެ. ކޮންމެ ވަޤުތަކުވެސް ތިމާ ދޫކޮށްލައިފާނެކަމަށް ވިސްނެނެން ފެށުމެވެ. އެހެން ގޮތެއް ހޯދަންޖެހިއްޖެކަމަށް ވިސްނެންފެށުމެވެ.
މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ދެމަފިރިން ވާހަކަ ދައްކަން ތިބޭއިރު ޖަވާބުދޭންވާނީވެސް މުހިންމު ކޯލުތަކަށެވެ. އެފަދަ ކޯލަކަށް ޖަވާބުދޭންޖެހުނަސް ބައިވެރިޔާގެ ގާތުގައި ބުނެލަންވާނެއެވެ. އެއިރުން އޭނާ ކަްނބޮޑެއް ނުވާނެއެވެ.
މިހުރީ އެއްގޮތަކަށް ބަލައިފިނަމަ ވަރަށް ޢާދައިގެ ކުދިކުދި ކަންކަމެވެ. ނަމަވެސް އެކަމުން ނުކުންނަ މިބުނި ފަދަ މައްސަލަތަކަށް ބެލުމުން އެކަންކަމަކީ ކުޑަކަމަކަށް ނުވެއެވެ. އަދި މިއީ މިބުނިމަގުން ސަމާލުކަންދީފިނަމަ އެއްވެސް ކަމަކަށްނުވެ ޙައްލުކުރެވޭނެވެސް ކަންކަމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން / މިއަދުނޫސް