ޢިލްމީ ހުއްޖަތުގެ މައްޗަށް ބިނާކޮށް ދެވޭ ދަޢުވަތަކީ ނަފުރަތުގެ ޢަމަލުގެ މަފްހޫމުގެ ތެރޭގަ ހިމެނޭ ކަމަކަށް ވެގެން ނުވާނެ!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ޢިލްމީ ހުއްޖަތުގެ މައްޗަށް ބިނާކޮށް ދެވޭ ދަޢުވަތަކީ ނަފުރަތުގެ ޢަމަލުގެ މަފްހޫމުގެ ތެރޭގަ ހިމެނޭ ކަމަކަށް ވެގެން ނުވާނެ!: ޑރ. ޝަހީމް

އިސްލާމީ ޢަޤީދާއާ ދެކޮޅު ބާޠިލު ފިކުރުތަކާއި ޢަމަލުތައް ހުއްޓުވުމަށް އިސްލާމީ ޢަޤީދާގެ އަލީގައި ޢިލްމީ ހުއްޖަތުގެ މައްޗަށް ބިނާކޮށް ދެވޭ ދަޢުވަތަކީ ނަފުރަތުގެ ޢަމަލުގެ މަފްހޫމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދިވެހިޜާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ތިރީގައި މިވަނީ އެކަން ބަޔާން ކުރައްވައި ޑރ. ޝަޙީމް އެމަނިކުފާނުގެ ފޭސްބުކްގައި ލިޔުއްވާފައިވާ ލިޔުއްވުމެވެ. 

ނަފުރަތު އުފެއްދުމުގެ ޢަމަލުތައް އިސްލާމްދީނުގައި ވަނީ މަނާކުރައްވާފައެވެ. ދީނަށް ފުރައްސާރަކުރުމާއި ޣީބަ ބުނުމާއި ދޮގު ހެދުމާއި ދޮގު ފެތުރުމާއި ތަފާތުކުރުމާއި އަބުރާ ބެހުމާއި އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަކުރުމާއި ނުބައި ލަޤަބުތަކުން ގޮވުމާއި އޮޅުވާލުމާއި ނުޙައްޤުން ލޭ އޮހޮރުވާލުމާއި މިފަދަ ކަންކަންވަނީ ނަހީކުރައްވާފައެވެ. 

އިސްލާމީ ޝަރީޢާގައި ކަނޑައެޅިގެންވާ އުޞޫލުތަކާއި ޤަވާޢިދުތަކާއި ޟަވާބިޠުތަކާ ޚިލާފަށް އެއްވެސް މުސްލިމަކީ ކާފަރެއްކަމުގައި ބުނުމަކީ އިސްލާމީ ޢަޤީދާއާ ޚިލާފުކަމެކެވެ. ޝަރުޢީ ގޮތުން އެކަމުގައި ގޮތް ނިންމުންވަނީ ބޭރުފުށަށެވެ. ހިތްތަކުގައިވާ ކަންކަން ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. 

ނަފުރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ޤާނޫނުލްޢުޤޫބާތަށް ގެންނަން އުޅޭ އިޞްލާޙުގައި ނަފްރަތުގެ ޢަމަލަކީ ކޮބައިކަން ޞަރީޙަކޮށް ބަޔާންކުރަންޖެހޭނެއެވެ. އިސްލާމްދީނުގެ ޤަދަރު ކުޑަކޮށް ދީނުގެ ޝިޢާރުތަކަށް ފުރައްސާރަކޮށް ތައުހީނުކުރުމުގެ އެންމެހާ ފިކުރުތައް ފެތުރުމާއި ޢަމަލުތައް ހިންގުން ޞަރީޙަކޮށް ޤާނުގައި މަނާކުރެވެން ޖެހޭނެއެވެ. އިސްލާމީ މުޖުތަމަޢުތަކުގައި ނަފްރަތުގެ ޢަމަލުގެ ފެށޭ ހިސާބަކީ އެއީ އެވެ.

އިސްލާމީ ޢަޤީދާއާ ދެކޮޅު ބާޠިލު ފިކުރުތަކާއި ޢަމަލުތައް ހުއްޓުވުމަށް އިސްލާމީ ޢަޤީދާގެ އަލީގައި ޢިލްމީ ހުއްޖަތުގެ މައްޗަށް ބިނާކޮށް ދެވޭ ދަޢުވަތަކީ ނަފުރަތުގެ ޢަމަލުގެ މަފްހޫމުގެ ތެރޭގައި ހިމެނޭ ކަމަކަށް ވެގެން ނުވާނެއެވެ. 

ޤާނޫނަށް ގެންނަ ބަދަލުގެ ސަބަބުން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ (ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ) މަތިވެތި އަސާސަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެއެވެ. ޤުރުއާނާއި ސުންނަތުގައިވާގޮތުން އެއީ އިސްލާމީ މުޖުތަމަޢުގެ އިޖުތިމާޢީ ރުކުނެކެވެ.

ނަފުރަތުގެ ޢަމަލު ހުއްޓުވުމަށް ޤާނޫނުލްޢުޤޫބާތަށް ހުށަހެޅިފައިވާ އިޞްލާޙުތަކުގެ ތެރެއަށް "ޝަރުޢީ ޟަވާބިޠު" އިތުރު ކުރަންޖެހޭ ކަމަށް ދެކެމެވެ. އެހެން ނޫން ނަމަ، ހުޅަހަޅާފައި އޮތް ޞީޣާ އޮތް ގޮތުން އިސްލާމީ މުޖުތަމަޢުގައި ޤަސްތުގައި ހިނގާ ދީނާ ޚިލާފު ފިކުރުތައް ހުއްޓުވުމަށް ޤާނުނީ ގޮތުން ހުރަސްތަކެއް މެދުވެރިވެދާނެކަމަށް ފެނެއެވެ.

ޝަރުޢީ ޟަވާބިޠު ތަކުން ބޭރުން މީހުން ކާފިރުކޮށް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާ ޚިލާފަށް ހިންގޭ އެންމެހާ ހަރުކަށި ވިސްނުންތަކާއި ޢަމަލުތަކަކީ ވެސް ޤާނޫނީ ގޮތުން ހުއްޓުވަންޖެހޭކަންކަމެވެ. 

އިސްލާމީ މުޖުތަމަޢެއްގައި ނަފްރަތުގެ ޢަމަލުތައް ހުއްޓުވަން ޤާނޫނެއް ހަދާ ނަމަ، އެފަދަ ޢަމަލުތައް ހުއްޓުވުމަށް އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ އުޞޫލުތަކާއި ފަލްސަފާތަކުގެ އަލީގައި ޤާނޫނު އެކުލަވާލެވިއްޖެ ނަމަ ޤައުމާއި މުޖުތަމަޢަށް ކުރާނެ ފައިދާ ބޮޑުވާނެއެވެ 

ޢަދާވާތްތެރިކަން ކުޑަ މުޖުތަމަޢެއް ބިނާކުރުމުގެ އަަސާސީ މަގަކީ ތަޢުލީމާއި ތަރުބިޔަތު ދިނުމުގެ މަގެވެ. މިގޮތުން އިސްލާމީ ނަޒަރިއްޔާތުގެ އަލީގައި "ވެލިއުސް އެންޑް އެތިކްސް" ތަޢުލީމީ މަންހަޖުގެ ތެެރެއިން އުނގަންނައިދީ އެކަކު އަނެކަކަށް އިޙުތިރާމްކުރާން ދަންނަ ފިކުރީ ގޮތުން ވަޒަން ހަމަ ޝަޚުޞިއްޔަތެއް ބިނާކުރަން ޤައުމީ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

މުޖުތަމަޢުގައި ހުންނަ ފިކުރީ، އިޖުތިމާޢީކަންކަން ހައްލުކުރުމުގައި ތަޢުލީމާއި ތަރުބިޔަތުގެ މަގަކީ ކާމިޔާބު މަގެވެ. އިސްލާމްދީނުގައިވާ ޢުޤޫބާތުގެ ޙުކުމްތަކަށް ވުރެ އަޚުލާޤީ ތަރުބަވީ އިރުޝާދުތަކާއި ސިފަތައް ގިނަވެފައިވަނީ ކުށަށް އަރައިގަންނަން ފަސްޖެހޭ އިންސާނަކު ބިނާކުރުމަށެވެ. ފިކުރީ މައްސަލަތަކަކީ ހަމަ އެކަނި އަދަބުދީގެން ޙައްލުކުރެވޭނޭ ކަންކަމެެއްނޫނެވެ. އެކަމަކު އަދަބު ދިނުމަކީ ވެސް އިޞްލާޙީ ފަރުވާގެ ތެރެއިން ހިމެނޭ ކަމެކެވެ. މުޖުތަމަޢާއި ޤައުމުގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅެކެވެ. 

- މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު އޮންލައިން