سليمان عليه السّلام
ހިނީގެ ރަސްގެފާނާއި ބައްދަލު ކުރެއްވުން
އެއްދުވަހަކު سليمان عليه السّلام އެކަލޭގެފާނުގެ تخت ގައި ޖައްވުތެރޭ ދަތުރުކުރައްވަމުން ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ޖިންނީންނާއި އިންސީންގެ ލަޝްކަރު ވެއެވެ. އަދި އެކަލޭގެފާނުގެ وزير اعظم آصف بن برخيا ވެސް އެކަލޭގެފާނުގެ އަރިހުގައި ވަޑައިގެންނެވި އެވެ. ހުރިހާ ދެޔޯއިންނާއި ޕަރީން އަދި شيطان ން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އަދަބުވެރިކަމާއެކު ކޮޅަށް ތިއްބެވެ. ދޫނިސޫފާއި ސޫފި ތައް އެކަލޭގެފާނުގެ تخت އާއި ދިމާ މަތީގައި އެކަލޭގެފާނުގެ އިސްތަށިފުޅަށް ހިޔާ އަޅައިގެން ދަތުރު ކުރަމުން ދެއެވެ. މިދަތުރުފުޅުގައި އެކަލޭގެފާނުގެ އަމުރުފުޅަށް تخت ހިނީގެ ވާދީއަށް ތިރިކޮށްފިއެވެ.
މިވާހަކަ ކީރިތި قرآن ގެ މި آية ގައި بيان ވެގެން ވެއެވެ. حتّا إذَا أتَوْ عَلى وَادٍ النّملِ قَالَتُ نَمْلَةُ اتخ (سورة نمل 18) ހިނީގެ ވާދީއާއި ހަމަޔަށް ފޯރި ހިނދު (އެތަނުން) ހިންޏެއް ބުންޏެވެ. އޭ ހިނިތަކާ އެވެ. سليمان ގެފާނާއި އެކަލޭގެފާނުގެ ލަޝްކަރުގެ ފައިތިލަތަކުން (އެމީހުންނަށް ކަލޭމެން ތިބިކަން އެނގިގެން ނުވާ حال ގައި) ފިތިގެން ދިޔަ ނުދިނުމަށްޓަކައި ތިމަތިމާ މެންގެ ހޮރުހޮރަށް ވަންނާށެވެ.
ހިނީގެ ރަސްގެފާނު (شاه مور) އެބުނި އެއްޗެއްގެ އަޑުއިވިވަޑައި ގެންނެވުމުން سليمان عليه السّلام ހިނިފުޅު ވެޑުވިއެވެ. އަދި ވިދާޅުވިއެވެ. އެއީ ރައްޔިތުންނާއި ދޭތެރޭ ހުރި އޯގާވެރި ކަމާއި ލޯބިވެތިކަމެވެ.
الله تعالى މިފަދައިން وحى ކުރައްވާފައި ވެއެވެ. فَتَبَسَّمَ ضَاحِكًا مِنْ قَوْلِهَا (سورة نمل19)
އޭގެ ފަހުގައި شاه مور އަތުލައި ގަނެގެން ގެންނަވައިފި އެވެ. އަދި އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. "شاه مور އެވެ. ކަލޭގެ ލަޝްކަރަށް މިހެން އެންގީ ކީއްވެގެންހޭ سليمانގެ ފާނު ވަޑައިގަންވައިފިއެވެ. ތިޔަބައި މީހުންގެ ހޮރުތަކަށް ވަދެ ފިލައިފި އެވެ. އަހަރެންގެ ފަރާތުން އަނިޔާވެރިކަމެއް ކަލެއަށް ފެނިފައި ވަނީހޭ؟ "
ހިނީގެ ރަސްގެފާނު (شاه مور) ދެންނެވިއެވެ. نبي الله އެވެ. އަޅުގަނޑަށް ކަލޭގެފާނުގެ ފަރާތުން ނުވަތަ ކަލޭގެފާނުގެ ލަޝްކަރުގެ މީހުންގެ ފަރާތުން ކުޑަވެސް އަނިޔާވެރިކަމެއް ފެނިފައެއް ނުވެއެވެ. އެކަމަކު އަޅުގަނޑު އެހެން ބުނަން ޖެހުނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ އަޅުގަނޑުގެ ރައްޔިތުން ކަލޭގެފާނުގެ ލަޝްކަރުގެ އަސްތަކުގެ ފައިދަށުވެ ފިތި މަރުވެދާނެތީ ރައްކާތެރިވުމަށް ޓަކައި މިހެން ބުނީ ބުނީމެވެ. ކަލޭމެން ކަލޭމެންގެ ގޭގެއަށް ވަންނާށެވެ.
سليمان عليه السّلام ވިދާޅުވިއެވެ. ކަލޭގެ ރައްޔިތުންނާއި ދޭތެރޭ އަބަދުވެސް ކަލޭ ކަންތައް ބަހައްޓަނީ ތިޔަހާ އޯގާވެރިކަމާ އެކުގައިހޭ؟
شاه مور ދެންނެވިއެވެ. نبي الله އެވެ! އެބައިމީހުންނަށް ލިބޭ ކޮންމެ އުފަލަކީ އަޅުގަނޑަށް ލިބޭ އުފަލެކެވެ. އެމީހުންނަށްލިބޭ ހިތާމައަކީ އަޅުގަނޑަށް ލިބޭ ހިތާމައެކެވެ. އަދި އެމީހުންނަށް ކުރިމަތިވާ ހިތާމަ ތަކުގައި ބައިވެރިވުމަކީ އަޅުގަނޑަށް ވާޖިބު ކަމެކެވެ. الله تعالى އެމީހުންގެ ވެރިކަން އަޅުގަނޑަށް ދެއްވީވެސް މިހެން ވެގެންނެވެ. އަދި އަޅުގަނޑުގެ قومގެ ހިންޏެއް އެހެން ކޮންމެވެސް ތަނެއްގައިމަރުވެފައި ވަނިކޮށް ފެނުނަސް އެހިނި އެތަނުން ނަގައިގެން އޭނާގެ ގެޔަށް ފޮނުވަމެވެ.
سليمان عليه السّلام سؤال ކުރެއްވި އެވެ. ކަލޭގެ ދަރުބާރުގައި ކޮންމެވަގުތެއްގައި (ކަލޭގެ ގާތުގައި) ކިތަކަށް ހިނި އުޅޭނެ ހެއްޔެވެ.
ޖަވާބުގައި شاه مورދެންނެވިއެވެ. ސާޅިސްހާސް نقيب ން ނެވެ. މީގެ ތެރެއިން ކޮންމެ نقيب އަކާއި އެކު ސާޅީސްހާސް حاجب ން ވާނެއެވެ.
- އަދި ނުނިމޭ