ކޮވިޑްގެ ޙާލަތާއި ގުޅިގެން ގިނަބައަކު ތިބީ ވަރަށް ނިކަމެތި ޙާލަތުގައެވެ. އެއްބައަކު ކުލި ނުދެއްކިގެން ދިރިއުޅެވޭނެ ގޮތް ނެތިފައި ތިބިއިރު އަނެއްބައަކު ތިބީ ކާންބޯންވެސް ނުލިބިފައެވެ. ދައުލަތަށް ދައްކަންޖެހޭ ބިލްތައް ނުދެއްކި ހާސްކަމާއި ކަންބޮޑުވުމުގައެވެ.
މިހާރު ފެންވެސް ކަރަންޓްވެސް ބިލް ނުދެއްކުމުން ކަނޑާލައެވެ.
ވީމާ މިފުރުޞަތުގައި ހަނދާން އައުކޮށްލުމުގެ ގޮތުން މިގެނެސްދެނީ މީގެ 2 އަހަރުކުރިން ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވާ އަގުހުރިބަސްކޮޅެކެވެ.
ޝައިޚް ވިދާޅުވެފައިވެއެވެ.
ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެމީހެއްގެ އަމިއްލަ މުދަލަކީ އެމީހަކު އެއްކޮށް ޖަމާކޮށްފައި ހުންނަ މުދައުކަމަށެވެ. ނަމަވެސް ޙަދީޘްފުޅުން އެކަން އެނގެން އޮތީ އެހެން ނޫނެވެ.
ރަސުލް (ﷺ) ޙަދިޘްފުޅު ކުރައްވަވާފައި ވަނީ ހަމަކަށަވަރުން އެމީހެއްގެ އަމިއްލަ މުދަލަކީ އެމީހަކު އާޚިރަތަށްޓަކައި ހޭދަކުރި އެއްޗެއް ކަމެވެ. އަދި އާޚިރަތަށްޓަކައި ހޭދަނުކޮށް ބަހައްޓާފައިދާ މުދަލަކީ ވާރުތަވެރިންގެ މުދައު ކަމަށެވެ.
އެހެނީ އެމީހަކު މަރުވުމުން އެމީހަކާއިއެކުގައި ގެންދެވޭނީ އެމީހަކު އާޚިރަތަށްޓަކައި ހޭދަކުރި އެއްޗެކެވެ. އާޚިރަތަށްތަކައި ހޭދަނުކޮށް ދުނިޔެއަށް ދޫކޮށްފައިދާ ހުރިހާ މުދަލެއް ލިބޭނީ ވާރުތަވެރިންނަށެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މިޙަދީޘްފުޅުން އެނގިގެންދަނީ އެމީހަކު ދުނިޔޭގައި ހުރެ ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމުގެ މުހިންމުކަން ކަމަށެވެ. ފަޤީރުންނަށް އަލާލައި ނިކަމެތިންގެ ޒަރޫރީ ބޭނުންތައް ފުއްދައި ދިނުމަކީ ތިމާ ދުނިޔޭގައި ހުންނައިރު ކުރުން ކޮންމެހެން ބޭނުން ކަމެއް ކަމެވެ. "އަޅުގަނޑުމެންނަށް އޮތީ މީސްތަކުންނަށް ހެޔޮފޯރުކޮށްދިނުމާއި ހެޔޮ ގޮތުގައި ﷲގެ މަގުގައި ހޭދަކުރުމަށް އަވަސްވެގަތުމެވެ. އެހެނީ ލޯމަރައިލަން ޖެހޭނީ މާދަމާ ނޫންކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ."