ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަސް ޖެހިގެން މިއަދު ގާތްގާތުގައި ހަތަރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މައުލޫމާތުދީފައިވާގޮތުގައި މިއަދު ފުރަތަމަ މީހާ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މެންދަމު 03:41 ހާއިރު އެވެ. އެއީ 70 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ދެވަނަ މީހާ ނިޔާވެފައިވަނީ ބ. ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ފަތިހު 04:40 ހާއިރު އެވެ. އެއީ 87 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ތިން ވަނަ މީހާ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ފަތިހު 05:46 ހާއިރު އެވެ. މިއީ 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއަދުގެ ހަތަރު ވަނަ މީހާ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ހެނދުނު 06:14 ހާއިރު އެވެ. މިއީ 59 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއަދު ނިޔާވި 4 މީހުންނާއެކު މިބަލީގައި ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 165 އަށް އަރާފައެވެ.