ޝައްވާލްމަހުގެ ހަ ރޯދަ ހިފުމަށް އަވަސްވެލައްވާ! ޛުލްޤައިދާ މަހު ހިފުމެއް ނެތް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 4މ 5ސ
ޝައްވާލްމަހުގެ ހަ ރޯދަ ހިފުމަށް އަވަސްވެލައްވާ! ޛުލްޤައިދާ މަހު ހިފުމެއް ނެތް!

ޝައްވާލް މަހު ހިފުމަށް ސުންނަތްކަން ގަދަވެގެންވާ ހަ ރޯދަ ނުހިފައި މިހައިތަނަށް ތިއްބެވި ބޭފުޅުން އެކަމަށް އަވަސްވެލައްވާށެވެ. ޝައްވާލް މަސް ދެބައިވެ އިތުރުވީއެވެ. 

ޝައްވާލް މަހު ހިފުން ސުންނަތްވެގެންވާ ހަ ރޯދަ ޝައްވާލް މަސް ނިމުމުން ހިފުމެއް ނެތެވެ. މާނައަކީ ޛުލްޤައިދާ މަހަކު ނުހިފޭނެއެވެ. ވީމާ ރަމަޟާން މަހުގެ ރޯދައަށްފަހު އެންމެ 6 ދުވަހު ރޯދަ ހިފާލައިގެން މުޅި އަހަރު ދުވަހު ރޯދަ ހިފިކަމުގެ ޘަވާބު ލިބެން އޮތް ފުރުޞަތު ދޫކޮށްލަން ހެޔޮނުވާނެއެވެ. މަރުވާނެ ވަގުތެއް ނުއެނގޭތީއެވެ. ޝައްވާލް މަހުގެ 6 ރޯދަ ހިފައިގެން ހުއްޓައި މަރުވެއްޖެނަމަވެސް އޭނާއަށް މުޅި އަަހރު ދުވަހު ރޯދަ ހިފިކަމުގެ ޘަވާބު ދެއްވަވާނެތެވެ. އިތުރަށް ރޯދަ ހިފަމުން ގެންދިއުމަކީ އިތުރަށް ކުރެވޭ މަތިވެރި އަޅުކަމެކެވެ. 

ޤަޟާކުރަންޖެހޭ ރޯދަ ހުއްޓައި ހަ ރޯދަ ނުހިފައި ޤަޟާ ކުރަންޖެހޭ ރޯދަ ކުރިން ހިފަން ޢިލްމުވެރިން ބުރަވެލއްވަވަނީ ޙަދީޘްފުޅުގައި މިގޮތަށް އޮތުމުންނެވެ. ""ރަމަޟާން މަހު ރޯދަ ހިފާ، ދެން އެއަށްފަހު ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ ދަންނައެވެ. އޭނާ މުޅި އަހަރު ރޯދަހިފި ފަދައެވެ"

އެބޭކަލުން ވިދާޅުވަނީ ޤަޟާކުރަންޖެހޭ ރޯދަ ހުރިނަމަ ރަމަޟާން މަހުގެ ރޯދަ ހިފިފައިނުވާކަމަށެވެ. ރަމަޟާން މަހުގެ ރޯދަ ހިފުނުކަމަށްވާނީ ރަމަޟާން މަހު ހިފަން ޖެހޭ ޢަދަދަށް (29 ނުވަތަ 30) ރޯދަ ހިފައި ހަމަކުރުމުން ކަމަށެވެ. 

މިއީ ދަންނަބޭކަލުންގެ މެދުގައި ޚިލާފް އުފެދިފައިވާ މައްސަލައެކެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައި މިވަނީ އެކަން ބަޔާން ކުރައްވައި – الشيخ عبد العزيز بن عبد الله بن باز رحمه الله ވިދާޅުވެފައިވާ ބަސްފުޅެކެވެ. 

"ޝައްވާލު މަހުގެ ހަ ރޯދައަކީ ސުންނަތް ރޯދަތަކެކެވެ. އެއީ ވާޖިބެއް ނޫނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

(مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْر (([رواه مسلم 204 – (1164).

މާނައީ: "ރަމަޟާން މަހު ރޯދަ ހިފާ، ދެން އެއަށްފަހު ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ ދަންނައެވެ. އޭނާ މުޅި އަހަރު ރޯދަހިފި ފަދައެވެ"

އިސްވެ ބަޔާންވެ ދިޔަ ޙަދީޘުން އެނގެނީ ޝައްވާލު މަހުގެ ހަ ރޯދަ ވިދިވިދިގެންވެސް އަދި ވަކިވަކިންވެސް ހިފިދާނެކަމެވެ. އަދި އެކަމަށް އަވަސްވެގަތުން މޮޅުއިތުރުވެގެންވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَعَجِلْتُ إِلَيْكَ رَبِّ لِتَرْضَىٰ﴾ ‎ [سورة طه ٨٤]

މާނައީ: "އިބަ އިލާހުގެ ޙަޟްރަތަށް އައުމަށް ތިމަންއަޅާ އަވަސްވެގަތީ، އިބަ އިލާހު (މިއަޅާއަށް) ރުއްސެވުން އިތުރުވުމަށްޓަކައެވެ."

އަދި އެނޫނަސް، ކީރިތި ޤުރުއާނާއި ޙަދީޘްބަސްފުޅުތަކުގައި ބާރު އަޅުއްވާފައިވަނީ ހެޔޮކަންކަމަށް އަވަސްވެ ގަތުމަށެވެ. އަދި މި ސުންނަތުގައި ދާއިމުވުމަކީ ވާޖިބެއް ނޫނެވެ. އެހެނަސް މި ސުންނަތް ޙާޞިލުކުރުމަކީ އެންމެ މޮޅު އިތުރުގޮތެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«أَنَّ أَحَبَّ الْعَمَلِ إِلَى اللهِ أَدْوَمُهُ وَإِنْ قَلَّ» [رواه مسلم 78 – (2818)]

މާނައީ: "ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ ކިތަންމެ މަދުން ވިޔަސް ދާއިމަށް ކުރެވޭ ޢަމަލެވެ."

ޝައްވާލުމަސް ނިމުމުން ޝައްވާލު މަހުގެ ސުންނަތް ރޯދަތައް ހިފުމަކީ ޝަރުޢުކުރައްވާފައިވާކަމެއް ނޫނެވެ. އެހެނީ އެވަނީ ސުންނަތެއް އަދާކުރުމުގެ ވަގުތު ފާއިތުވެފައެވެ. އެއީ ޢުޛުރެއް އޮވެގެން ފާއިތުވިޔަސް ނުވަތަ ޢުޛުރެއްނެތި ފާއިތުވިޔަސްމެއެވެ.

والله ولي التوفيق. 

– الشيخ عبد العزيز بن عبد الله بن باز رحمه الله

- މަސްދަރު: ދިސަލަފިއްޔާ –

މިއަދު އޮންލައިން