އެއްވެސް ޝައްކެއް ނެތްގޮތުގައި މީސްތަކުންނަށް ފައިދާކުރާނެ ތަކެތި ވެސް އަދި ގެއްލުންދެނިވި ތަކެތިވެސް އުފެއްދެވީ ހަމަ ﷲ ތަޢާލާއެވެ. ރިޒުޤާއި މާލީ ތަމަވަސްކަމާއި އެނޫންވެސް މީސްތަކުންނަށް ފައިދާ ކުރާނެ ތަކެތި ދެއްވެވުން އެދި ދުޢާކުރާފަދައިން ގެއްލުންދެނިވި ތަކެތިން ސަލާމަކުރައްވަވައި ދެއްވެވުން އެދިވެސް ދުޢާކުރަންޖެހެއެވެ.
އެކަމަށްޓަކައި އޮތް އެންމެ ފަސޭހަ އެއް މަގަކީ ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ތެރެއިން މިބަޔާންކުރަނީ މިޛިކުރުކުރުމުން އޭނާއަށް އެއްވެސް އެއްޗެއްގެ ފުށުން އެއްވެސް ގެއްލުމެއް ނުލިބޭނެކަމަށް ޙަދީޘްފުޅުގައި ބަޔާންވެގެންވާ ޛިކުރެކެވެ.
ތަފާތު ވައިރަސްތަކާއި ގެއްލުންދެނިވި އެހެންވެސް ތަކެތިން ދުނިޔެ ފުރިފައިވާއިރު އެކަންކަމުން ސަލާމަތްވުމަށްވެސް ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ކުރިން ބަޔާންކުރިފަދައިން ޛިކުރުތައް ކުރުން ގިނަކުރުމެވެ. ވީމާ އެކަންކުރަން ސަމާލުކަން އިތުރުކުރާށެވެ.
ޙަދީޘް:
(مَا مِنْ عَبْدٍ يَقُولُ فِي صَبَاحِ كُلِّ يَوْمٍ وَمَسَاءِ كُلِّ لَيْلَةٍ: بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلَا فِي السَّمَاءِ، وَهُوَ السَّمِيعُ العَلِيمُ ثَلَاثَ مَرَّاتٍ، فَيَضُرَّهُ شَيْءٌ)
[رواه أبو داود (5088) وابن ماجه (3869) والترمذي (3388) وأحمد (474) وصححه الألباني في المشكاة (2391)]
ޙަދީޘްފުޅުގެ މާނައީ: މާނައީ: “ކޮންމެ ދުވަހަކު، ހެނދުނާއި ހަވީރު ތިންފަހަރު (بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ) މިޛިކުރުކޮށްފިމީހާ ދަންނައެވެ. އޭނާއަށް އެއްވެސް އެއްޗެއްގެ ފުށުން ގެއްލުމެއް ނުވާނެއެވެ.”
(بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ)
މިދުޢާގެ މާނަ: "ﷲގެ އިސްމުފުޅުގެ ބަރަކާތުން (ރައްކާތެރިކަން ލިބިގަންނަމެވެ.) އެއިލާހުގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމާއި އުޑުން އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ".
"ބިމާއި އުޑުން" ގެ މާނައިގައި ހިމެނެނީ ހަމައެކަނި ބިންމަތީގައި އުޅޭތަކެއްޗެއް ނޫނެވެ. އުޑާއި ބިމުގައި ވާހައިތަކެއްޗެވެ. އެދެމެދުގައިވާހައި ތަކެއްޗެވެ. އަހަރެމެންގެ ލޯތަކަށް ނުފެނި ޖައްވުގައި އުޅޭ ތަކެތި ވެސް ހިމެނޭ ގޮތުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން