މީހަކު ހެޔޮކަމެއް ކުރާއިރަށް އެކަމަށް ކޮމެންޓްކުރާ މީހުން ގިނަވެގެންދެއެވެ. "އެހަމަ ދެއްކެން ވެގެން ކުރިކަމެއް! މީހުންނަށް މާހެޔޮ މީހަކަށް ހެދެންވެގެން ކުރިކަމެއް! ތިމާގެ މޮޅުކަން ދައްކަން ކުރިކަމެއް! އެއީ މިވެނިކަމެއް ބޭނުންވެގެން ކުރިކަމެއް!" މިފަދަ ބަސްތައް ބުނެއެވެ.
ފުރަތަމަވެސް ކުރަންޖެހޭ ސުވާލަކީ އޭނާގެ ހިތުގައި އޮތް އެއްޗެއް ތިބާއަށް އެނގުނީ ކިހިނަކުން ހެއްހެ؟ އޭނާބުނީ ހެއްޔެވެ؟ ނުވަތަ އިލްހާމްކުރެއްވެވީ ހެއްޔެވެ؟
މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ!
އޭނާގެ ނިޔަތް ތިބާއަށް ޔަޤީންނުވާ ޙާލު (ޔަޤީންވާނީ ސުވާލުކޮށް އޮޅުންފިލުވުމުންނެވެ.) ދެއްކޭ އެފަދަ ކޮންމެ ވާހަކައަކަށް ތިބާ ފާފަވެރިވާނެއެވެ! އެކަން ހިމެނޭނީ ހަމަ ޣީބަ ބުނުމުގެ ތެރެއިންނެވެ. އެކެވެނީ އަޚާގެ މުޅަމަހެވެ.
މަރުވުމުން އޮތީ ތިބާ ދުނިޔޭގައި ހުރެ ކެއި އޭނާގެ މުޅަމަހަށް ބަދަލުދޭންޖެހުމެވެ. ތިބާކުޅަހެޔޮ އަމަލުތަކުންނެވެ! ދޭނެ ހެޔޮ ޢަމަލު ނެތި ހުސްވެއްޖެނަމަ އޭނާކުރި ފާފައިން ބައިއުފުލަންޖެހެއެވެ. ތިމާ ދުވަހަކު ނުކުރާ ބޮޑެތި ފާފަތައް ކުރިކަމުގެ ބުރަ އުފުލަންޖެހި ނިކަމެތި ޙާލުގައި ނަރަކަށް ވަންނަން އެބަޖެހެއެވެ.
މީސްތަކުންނޭވެ! މިބާވަތުގެ ޢަމަލުތައް ނުކުރާށެވެ! އެއްވެސް މީހަކު ކަމެއް ކުރުމުން އޭނާގެ ނިޔަތާއިމެދު ވާހަކަ ނުދައްކާށެވެ! ކޮންމެ މީހެއްގެވެސް ނިޔަތް ދެނެވޮޑިގެންވާނީ ހަމައެކަނި ﷲ ތަޢާލާއެވެ!
އަދި އެއްކަމެއްގެ މައްޗަށް މިރޭ ބަލައިލާނަމެވެ. އެއީ ދެއްކުންތެރި ގޮތުގައި ކަންކަންކުރާ މީހުންގެ ވާހަކައެވެ.
ދުނިޔޭގައި ވަރަށް ގިނަ ހެޔޮ އަމަލުތައް ކުރުމުގެ ސަބަބުން ޤިޔާމަތް ދުވަހު ބޮޑެތި ފަރުބަދަތައް ވަރުގެ ގިނަ ހެޔޮކަންތައްތައް ހިފައިގެން ގޮސް ފޭލްވާނެ ބައަކު ތިބޭނެއެވެ. އެމީހުން ކުރި ނަމާދުތަކާއި ކިޔެވި ކީރިތި ޤްރުއާނާއި ކުރި ޞަދަޤާތާއި ކުރި އެހެނިހެން އަޅުކަންތައް ގިނަކަމުން ބޮޑެތި ފަރުބަދަތައް ވަރުގެ ބޮޑެތި ފުނިތައް އެމީހުންނާއިއެކުގައި ވާނެއެވެ. ނަމަވެސް ހިސާބު ބެއްލެވުމުގެ ވަގުތުގައި އެ ފުނިވަރުތައް އަޅިތަކެއް ފަދައިން ވަޔަސް ބުރައިގެންދާނެއެވެ. އެއިން އެއްވެސް ފައިދާއެއް ނުކުރާނެއެވެ.
ކީއްވެގެން ހެއްޔެވެ؟ އެމީހުން އަޅުކަންކުރީ މީސްތަކުންގެ ލޯތަކަށް ދައްކައި މީސްތަކުންގެ ތަޢްރީފް ހޯދަން ކަމުގައިވާތީއެވެ. އެހެންކަމުން އެކުރި ހުރިހައި އަމަލެއް ހިމެނިގެންދާނީ ދެއްކުންތެރިކަމުގެ އަމަލުތަކުގެ ގޮތުގައިކަމަށްވާތީއެވެ. ދެއްކުންތެރި ކަމުގެ ގޮތުގައި ކުރާ އެއްވެސް ހެޔޮ އަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ.
އެފަދަ މީހުން އެކަންކަން ކުރަން ދުނިޔޭގައި ތަކްލީފްވެސް އުފުލިއެވެ. އަތުން ޚަރަދުވެސް ކުރިއެވެ. ވަގުތުތައްވެސް ހޭދަކުރިއެވެ. މަސައްކަތްތަކެއްވެސް ކުރިއެވެ. ނަމަވެސް މިހުރިހައި ކަންކަމާއިއެކުވެސް އެމީހުންގެ އަމަލުތައް ވަޔަށް ބުރައިގެން އެދަނީ ދެއްކުންތެރިކަން އެމީހާގެ ހިތުގައި އޮތީތީއެވެ.
ވީމާ ދެއްކުންތެރިކަމާއި ކައިރިވެސް ނުވާށެވެ! ދެއްކުންތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހިތުގައި ނުބާއްވާށެވެ! އަހަރެމެން ކުރާ ކޮންމެ ކަމެއް ކުރަންވީ ﷲ ތައާލާއަށް ދެއްކުމަށެވެ. އަހަރެމެން ކުރާ ކޮންމެ ކަމެއް ކުރަންވީ ހެޔޮ އަމަލުގެ ފޮތުގައި މަލާއިކަތުން ލިޔުއްވެވުން އެދިގެންނެވެ. ވީމާ ދެއްކުންތެރިކަމުގެ ވިސްނުންވެސް ހިތަށް ނުގެންނާށެވެ! ހިތަށް އައިނަމަވެސް އަވަހަށް ތައުބާވާށެވެ! އެފަދަ ކަމެއް ހިތަށް އެރީތީވެސް ރޮއި ހިތާމަކުރާށެވެ! ނޫންނަމަ ތިމާ ހިމެނިގެންދާނީ ގެއްލެނިވެ ނަރައަށް ދާން ޖެހޭނެ މީހުންގެ ތެރެއިން ކަމުގައި ވެދާނެތީ ބިރުވެތިވާށެވެ!
ބައެއް ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި މީސްތަކުންގެ ސަމާލުކަން ހޯދުމަށްޓަކައި އަގުބޮޑު ރިވެތި ފޭރާން ލުމަކީވެސް ދެއްކުންތެރި ކަމުގެ ޢަމަލެކެވެ. ތިމާ އެކަމުގެ ސަބަބުން ފާފަވެރިވާނެ ކަމެކެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނައި ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން