"ހަނދާނަށް އަންނަނީ ދާރުލްއަރްޤަމަށް ބައިބައަށް މީހުންގޮސް އިސްލާމްވަމުން ދިއަ ދުވަހެވެ. މިއަދު މިފެންނަނީ އެއްބަނޑު އެއްބަފާ 3 ބެއިން އެކުގައި އިސްލާމްދީން ޤަބޫލުކުރާތަނެވެ. މިއީ ވަރަށް އުފާވެރި މަންޒަރެކެވެ.
ތިއަ 3 ބެއިންނަކީ މިހާރު ކުރިން ކުރެވިފައިވާ އެއްވެސް ފާފައެއް އޮތްބައެއް ނޫނެވެ. އިސްލާމްވި ވަގުތުން ފެށިގެން ކުރިން ކުރެވިފައިވާ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާނެތެވެ.
ތިއަ 3 ބެއިން މިއަދު އިސްލާމް ދީނަށް ތިއަ ވަންނަނީ އެކެއް އަނެއްގެ ކިބައިން ހިތްވަރުލިބިގެންނެވެ. އިސްލާމްވުމަށްފަހުގައިވެސް އެގުޅުން އެގޮތަށް ދަމަހައްޓަންވާނެއެވެ. އެކަކު އަނެކަކަށް ހެޔޮ ނަޞޭޙަތްދޭންވާނެއެވެ. އެކެއްގެ އީމާންކަން ބަލިކަށިވާނަމަ ދެން ތިބި މީހުން އޭނާއަށް ހިތްވަރުދީ އެހީތެރިވާންވާނެއެވެ.
އަދި ތިއަ 3 ބެއިންގެ ކިބައިންވެސް އިތުރު ބައަކު އިސްލާމް ދީން ޤަބޫލުކުރޭތޯ މަސައްކަތްކުރާށެވެ! އެންމެ ފައިދާހުރި މަސައްކަތަކަކީ އިސްލާމް ދީން މަތިވެރިކޮށް ކުރިއަރުވަން ކުރެވޭ މަސައްކަތްތަކެވެ."
މިއީ މިދިއަ ޢީދުގައި އިމާމް ޢުމަރު ސުލައިމާންގެ އަތްޕުޅު މައްޗަށް އިސްލާމްވި 3 ބެއިންނަށް އިމާމް ދެއްވި ނަޞޭޙަތެވެ. މި ނަޞޭޙަތުގައި އަހަރެމެން ހިފަހައްޓަންޖެހޭ ބައިތަކެއް އެބަވެއެވެ. އެއީ އަޚަކު ނުވަތަ އުވަތަ އުޚުތަކު އެނޫންވެސް މީހެއްގެ އީމާންކަން ކުޑަވަމުންދާކަން އެނގިއްޖެ ނަމަ އޭނާއަށް ނަބޭޙަތްދީ އިޞްލާޙްކުރަން މަސައްކަތްކުރުމެވެ. އަދި އަހރެމެންގެ ކޮންމެ މީހަކީ އިސްލާމް ދީން ކުރިއަރުވަން މަސައްކަތްކުރާ މީހަކަށްވުމުގެ މުހިންމުކަމެވެ.
ތިމާގެ ސަބަބުން މީހަކު އަލަށް އިސްލާމްވެއްޖެ ނަމަ އެކަމަށް ގިނަގުނަ ރަޙްމަތް މިންވަރުކުރައްވަވައި ތިބާގެ ދަރަޖަ އުފުއްލަވާފަދައިން އީމާންކަން ކުޑަވަމުންދާ މުސްލިމެއްގެ އީމާންކަން އިތުރުކުރަން މަސައްކަތްކުރމަކީވެސް އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް ބޮޑުތަނުން އިތުރުކުރައްވަވާނެ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން

(ފޮޓޯގައި ހުދު ޓީޝާޓުގައި އެތިބީ އަލަށް އިސްލާމްވި 3 ބެއިންނެވެ. ދެން އެތިބަ 2 މީހުންނަކީ އެ 3 ބެއިން އިސްލާމްވުމަށް އެހީތެރިވެދިން 2 މީހުންނެވެ. ﷲ ތަޢާލާ އެ އެންމެންނަށް ހެޔޮ ރަޙްމަތާއި ސާބިތުކަން މިންވަރުކުރައްވަވާށި! އާމީން)